ޢުމުރަކީ ތިން ހަނގުރާމަ

ކުޑަކުޑަ ޢިޔާޟް އަލްޢިކްރިމާގެ ޢުމުރަކީ 6 އަހަރެވެ. އޭނާގެ ގެ ވަނީ 10 ޖުލައި ގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން ބޮމުގެ ޙަމަލާތަކުގައި، ފުނޑުފުނޑު ވެ ގައު ފުންޏަކަށް ވެފައެވެ. އޭނާ އާއި، އޭނާގެ އެއްބަނޑުއެއްބަފާ ދެ ބޭބެއިންނާއި، އެ ކުދީންގެ ބައްޕަ ސަލާމަތް ވިއެވެ. ނަމަވެސް އެ ޙަމަލާގައި ޢިޔާޟްގެ މަންމަޔާއި އެއްބަނޑު އެއްބަފާ ދައްތަޔާއި އަންހެން ކޮއްކޮ ވަނީ ޝަހީދު ވެފައެވެ. އޭނާ އޭނާގެ ބައްޕަޔާއި ދެ ބޭބެއިންނާ އެކު، ހަލާކު ވެފައި ވާ ގޭގެ މަގު ފާރު ހުރި ތަނުގައި މިހާރު ހުރި ގާގަނޑުމަތީގައި އިށީނދެގެން އިނދެ އަޑުންއަޑުނަގައި ރޮމުން ގެންދިޔައެވެ. ކަރުނައިން ފުރިފައި ވާ އޭނާގެ މަޢުޞޫމު ދެ ލޯ ދިޔައީ ވަށައިގެން ހޯދަމުންނެވެ. "ޔާ އަސްމާ، ޔާ ކަރީމާ، ޔާ އުޚްވަތީ" މިއީ ތަކުރާރުކޮށް އޭނާގެ ދުލުން ބޭރު ވަމުން ދިޔަ ޢިބާރާތެވެ. އޭނާގެ ލޮލުން އެއްވެސް ކަހަލަ ނަފްރަތެއްގެ އަސަރެއް، ބަދަލު ހިފުމުގެ ޖަޒުބާތެއް، ރުޅިވެރިކަމުގެ ކުލަވަރެއް ނުފެނެއެވެ. އޭނާގެ ކަރުނަޔަކީ ހަމައެކަނި ލޯތްބަށް ޓަކައި އޮހޮރެމުން ދިޔަ ކަރުނައެވެ. ކުޑަކުޑަ، މައުޞޫމު ކުއްޖަކު ހިތް ބަންޑުން ކޮށްލައިގެން ރޮމުން ދިޔައީ އޭނާގެ ލޯބިވާ ކޮއްކޮ އާއި ދައްތަޔަށް ޓަކައެވެ. ހިތެއް ފިތެއް، ރަޙުމެއް، އިންސާނިއްޔަތުކަމެއް ނެތް އަނިޔާވެރީންތަކެއްގެ އަނިޔާވެރި ޙަމަލައެއްގައި ޗިސްޗިސް ވެގެން ދިޔަ ކޮއްކޮ އާއި ދައްތަޔަށް ޓަކައެވެ.

http://www.sun.mv/albums/l_30108.jpg

ސޯޝަލް މީޑިޔާގައި ދައުރު ވަމުންދާ، ފަލަސްޠީނުގެ ރައްޔިތުންގެ ޙާލަތު ދައްކުވައިދޭ އެތައް ވީޑިއޯއެއްގެ ތެރެއިން އެއް ވީޑިއޯއެއްގައި ފެންނަނީ އުމުރުން އަށެއްކަ އަހަރުގެ ކުޑަކުޑަ އަންހެން ކުއްޖަކު، އިސްރާއީލުގެ ސިފައިންގެ ޖަމާޢަތަކާ ދިމާޔަށް ގޮސް އޭނާގެ ހިތުގެ އުދާސްތައް ބޭރު ކޮށްލާ މަންޒަރެވެ. "ވައި ޑިޑް ޔޫ ކިލް މުޞްޠަފާ ... ހީ އިޒް މައި ބެސްޓް ފްރެންޑް ... ވައި ޔޫ ކަމް އިން ދަ ނައިޓް ... އައި ކާންޓް ސްލީޕް ... އޯލް ދަ ނައިޓް ޔޫ އާރ ކަމިންގ ... ކަމިންގ، ކަމިންގ، އެންޑް ކަމިންގ ... ވައި ޔޫ ކަމިންގ؟"މިއީ އެ ކުއްޖާގެ ޝަކުވާއެވެ. 2012 ވަނަ އަހަރުގެ ނޮވެންބަރު މަހު، އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއާ ދެކޮޅަށް ހިންގި އަނިޔާވެރި ޢުދުވާނުގެ ތެރޭގައި ނެގުނު މި ވީޑިއޯގައި ފެންނަ ކުޑަ ކުއްޖާގެ ޝަކުވާ އަކީ އޭނާގެ އެކުވެރި މުޞްޠަފާ، އިސްރާއީލުގެ ޙަމަލައެއްގައި މަރު ވެފައި ވާތީ އެކަމުގެ ޝަކުވާއެވެ. އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކާއި ޑްރޯންތަކާއި ބޮމާއި މިސައިލުގެ މެދުކެނޑުމެއް ނެތް އަޑުފަށްގަނޑާ ހުރެ ނުނިދޭތީ، ބިރު ގަންނާތީ ކުރާ ޝަކުވާއެވެ.

މިއީ މިއަދު ޣައްޒާގެ އެތައް ލައްކަ ކުޑަކުދީންގެ ޙާލެވެ.

އެ ކުދީންނަށް އެހީތެރި ވާނެ އެކަކު ވެސް ނެތެވެ. އެ ކުދީންގެވޭނާއި ކެކުޅުމާއި، އެ ކުދީންގެ ޅަ ހިތްތަކަށް ވެރި ވެގެންފައި ވާ ބިރުވެރިކަން ދަނީ ފަސޭހަ ނުވާ ފާރުގަނޑެއް ފަދައިން، އެ ކުދީންގެ މުޅި ދިރިއުޅުން ވިހަ ކުރަމުންނެވެ. އެ ކުދީންގެ ބޯމަތީން މުޅި އުދަރެސް ބައްދައިލައިފައި ވާ ކަޅު ވިލާގަނޑުގައި ރިހި ދާރަފަށެއް ނެތެވެ. އިއްޔެ ވެސް އެ ކުދީންނަށް ފެނުނީ ބޮމާއި މިސައިލާއި، ލޯބިވާ މަންމަ ނުވަތަ ބައްޕަ ނުވަތަ ކޮއްކޮ ނުވަތަ ބޭބެ ނުވަތަ ދައްތަގެ ލެޔާ ތަތްތެޅިފައި ވާ މޫނާއި ހަށިގަނޑުގެ ބައިތަކެވެ. މިއަދު ވެސް ހަމަ އެ މަންޒަރެވެ. އިއްޔެ ވެސް އެ ކުދީންނަށް އިވުނީ ޑްރޯންތަކާއި ހަނގުރާމަމަތީ ޖެޓުތަކުގެ އިންޖީނުތަކުގެ ހުއްޓުމެއް ނެތް ބޫން އަޑާއި، ވައި ކަފައިފައި ބޯ މައްޗަށް ފައިބައިގެން އަންނަ މިސައިލްތަކާއި ބޮމުގެ ވޫޝް އަޑާއި،ޢިމާރާތްތައް ފުނޑުފުނޑު ކޮށް ފުރާނަތައް ނެރޭ ގަދަފަދަ ގޮވުންތަކުގެ އަޑާއި، މީސްތަކުންގެ ރުއިމާއި ހަޅޭކުގެ އަޑެވެ. މިއަދު ވެސް ހަމަ އެ އަޑެވެ.

http://www.sun.mv/albums/l_30120.jpg

މިލޯބިލޯބި ކުދީންނަށް ޓަކައި ރޯށެވެ! ކަރުނަ އަޅާށެވެ! ގިސްލާށެވެ! ކިތަންމެ ވަރަކަށް ރުޔަސް، ކިތަންމެ ކަރުނައެއް އެޅިޔަސް، ރޮވޭ ވަރު، ކަރުނަ އެޅޭ ވަރު ގިނައެއް ނުވާނެއެވެ.

ކުޑަކުދީން މަރާ މީހުން
ޒައިނިސްޓް އިސްރާއީލާއި އިސްރާއީލުގެ އެކުވެރި ހުޅަނގުގެ މީހުން ދަޢުވާ ކުރާ ގޮތުގައި، އެމީހުން ވަނީ އިންސާނީ ތަހުޒީބުގެ އެންމެ މަތީ ކުންނު ހާސިލު ކޮށްފައެވެ. އެއުރެން ދަޢުވާ ކުރާ ގޮތުގައި، އެއުރެންނަކީ ދުނިޔެ ދުށް އެންމެ އިންސާނީވަންތަ، އެންމެ ކުލުނުވެރި، އެންމެ އޯގާވެރި، އެންމެ އިންޞާފުވެރި، އެންމެ ޢަދުލުވެރި، އެންމެ ހިތްހެޔޮ މީހުންނެވެ. ނަމަވެސް މި "އިންސާނީވަންތަ، އޯގާވެރި" މީހުންގެ ހަތިޔާރުތަކާއި ލަޝްކަރުތަކުން ދޭ ފަނާވެރި ޙަމަލާތަކުގައި، ޣައްޒާގެ އެތައް ލައްކަ ކުޑަ ކުދީންގެ ދިރިއުޅުން މިހާރު ވަނީ ބިރުވެރިކަމާއި ކަރުނައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވެފައެވެ. އެ ޖަންގަލީގެ ތެރޭގައި އެ ކުދީން ރޮއިލަ ރޮއިލައި އެ ތިބީ، ދާނެ އެއްވެސް ދިމާއެއް ނޭނގިފައެވެ. އެހީތެރި ވާނެ އެއްވެސް މީހަކު ނެތިފައެވެ. އެއިން ކޮންމެ ކުއްޖެއްގެ ހިތް ވަނީ އެ ފާރުގަނޑެއްގެ ދިލަޔާއި ވޭނަށް ކެތް ނުކުރެވޭ ފަދަ ފާރުގަނޑަކަށް ވެފައެވެ.

http://www.sun.mv/albums/l_30119.jpg

އެމެރިކާ އާއި ޔޫރަޕާއި، އަދި ފަހަކަށް އައިސް މިޞުރާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ، ބައިވެރި ވުމާއި މަދަދާއި ހިތްވަރު ދިނުމާ އެކު ޒައިނިސްޓް އިސްރާއީލުން ގެންދަނީ ޣައްޒާގެ ކުޑަކުދީން މެރުމުގެ ކަޅުރަތް ސިލްސިލާއެއް ހިންގަމުންނެވެ. ފަލަސްޠީނުގެ މިނިސްޓްރީ އޮފް އިންފޮރމޭޝަނުން 04 ޖޫން 2013 ގައި ހާމަ ކުރި ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސެޕްޓެންބަރު 2000 އިން ފެށިގެން އޭޕްރިލް 2013 އާ ހަމަޔަށް، ޒައިނިސްޓް އިސްރާއީލުގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 1518 ކުދީން ވަނީ ޝަހީދު ކޮށްލައިފައެވެ. މިއީ 13 އަހަރުގެ މުއްދަތަށް، ކޮންމެ 3 ދުވަހަކަށް ކުއްޖެކެވެ. ހަމަ މި މުއްދަތުގެ ތެރޭގައި، ޒައިނިސްޓުންގެ ޙަމަލާތަކުގައި ޒަޚަމް ވި ކުދީންގެ ޢަދަދު އުޅެނީ 6000 އަށް ވުރެ މަތީގައެވެ. މިއީ ދުވާލަކަށް 1.3 ކުދީންނަށް ވުރެ ގިނައިންނެވެ. ޒަޚަމް ވާ އެތައް ކުދީންނަކީ ގުނަންތައް ބުރިބުރި ވެ، މުޅި ޢުމުރަށް ނުކުޅެދޭ ޙާލަތަށް ދާ ކުދީންނެވެ.

ޣައްޒާގެ ޙާލަތު ވަކީން ގޯހެވެ. 2009 ވަނަ އަހަރުން ފެށިގެން މިހައިތަނަށް، ޒައިނިސްޓުން ޣައްޒާޔާ ދެކޮޅަށް ވަރުގަދަ ތިން ޢުދުވާން ހިންގައިފައި ވާ އިރު، އެއިން ކޮންމެ ޢުދުވާނެއްގައި އެތައް ކުއްޖަކު ޝަހީދު ކޮށްލެވެއެވެ. ކޮންމެ ދެ ޢުދުވާނެއްގެ ދޭތެރޭގައި ވެސް، އިސްރާއީލުގެ ސިފައިން ދޭތެރެދޭތެރެއިން ހިންގާ އޮޕަރޭޝަންތަކާއި، ގާ އުކީއޭ، ލޯ ބޮޑު ކުރީޔޭ، ކިޔައިގެން ދޭ ބަޑީގެ ޙަމަލާތަކުގައި އެތައް ކުޑަކުއްޖަކު މަރައިލެވެއެވެ. ފަޤީރުކަން ޢާއްމު ވެފައި ވާ ޣައްޒާގައި، އެތައް ކުޑަކުދީންނެއް މަރައިލެވިފައި ނުވަތަ ޒަޚަމް ކޮށްލެވިފައި ވަނީ ބަނޑުފުރާނަ މުއްތި ކުރުމަށް ޓަކައި ކޮންމެވެސް މަސައްކަތެއް ކުރާން ނުވަތަ މަސައްކަތެއް ހޯދުމަށް ޓަކައި ނުކުމެ އުޅުމުގައި، ޣައްޒާގެ ޙިޞާރުގެ ރޮނގާ ކައިރިޔަށް ދެވުމުން އިސްރާއީލުގެ ސިފައިން ދޭ ޙަމަލާތަކުގައެވެ. މިގޮތުގެ މަތީން މަރައިލެވި ނުވަތަ ޒަޚަމް ކޮށްލެވިފައި ވާ ކުދީންނާ ބެހޭ ރިޕޯޓެއް "ޑިފެންސް ފޯރ ޗިލްޑްރަން އިންޓަރނޭޝަނަލް" ޖަމްޢިއްޔާގެ ފަރާތުން 2012 ވަނަ އަހަރު ނެރެފައި ވެއެވެ.
"ދުނިޔޭގެ އެންމެ އަނިޔާވެރި ޤާތިލް" ނުވަތަ "ދުނިޔޭގެ އެންމެ ނުބައި ޤާތިލް" ފަދަ ޢިބާރާތެއް ގޫގްލް "ސާރޗް" ގައި ޖައްސަވައިގެން ހޯއްދަވައިލައްވާށެވެ. ލިބޭ "ސާރޗް ރިޒަލްޓްސް" ގެ ތެރޭގައި ހިމެނޭނީ ފަރަންސޭސި ވިލާތުގެ ޖިލްސް ޑި ރެއިސް އާއި، އެމެރިކާގެ "ޓެޑް ބަންޑީ" އާއި، ޖަރުމަނުގެ "ޔޯކިމް ކްރޮލް" ފަދަ މީހުންގެ ނަންތަކެވެ. ނަމަވެސް މިފަދަ ކަޅު މުޖުރިމުންގެ ރެކޯޑަށް ވުރެ، ކުޑަކުދީން މެރުމުގައި ޒައިނިސްޓް އިސްރާއީލުގެ ރެކޯޑު މާ ކަޅެވެ. މިއިން ކޮންމެ މީހެއްގެ ރެކޯޑުގައި އޮތީ ގިނަ ވެގެން 100 ވަރަކަށް މަޠުލޫމުންގެ ނަމެވެ. ނަމަވެސް އިސްރާއީލުގެ ކަޅު ރެކޯޑުގައި، ހަމައެކަނި 2000 ވަނަ އަހަރުގެ ފަހުކޮޅުން 2013 ވަނަ އަހަރުގެ ކުރީކޮޅަށް، 1500 އަށް ވުރެ ގިނަ މަޠުލޫމު ކުޑަކުދީންގެ ނަން ވަނީ ލިޔެވިފައެވެ.

http://www.sun.mv/albums/l_30118.jpg

ޢުމުރަކީ ތިން ހަނގުރާމަ
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީ (އަންރުވާ) ގެ ތަރުޖަމާނު ކްރިސް ގަނެސް 13 ޖުލައިގައި ކުރެއްވި ޓްވީޓެއްގައި ވެއެވެ. "ޣައްޒާގައި ދިރިއުޅޭ ޢުމުރުން 5 އަހަރުގެ ކުއްޖެއްގެ ޙާލަތު ތަޞައްވުރު ކޮށްލާށެވެ. މިއީ އެ ކުއްޖާގެ ކުރު ޙަޔާތުގައި ތަޖުރިބާ ކުރާން ޖެހޭ ބޮމުގެ ތިންވަނަ ސިލްސިލާއެވެ. 5 އަހަރުގެ ކުޑަކުޑަ ކުދީން މި ދަރަޖައިގެ ވޭނާއި ކެކުޅުމުގައި އުޅޭން ޖެހިފައި ވަނީ ދުނިޔޭގެ އެހެން ކޮން ތަނެއްގައި ހެއްޔެވެ؟"

ފަލަސްޠީނުގެ ބްލޮގަރ، އަދި ޣައްޒާގެ ތާރީޚީ އާޘާރުތައް ރައްކައުތެރި ކުރުމުގެ މަސައްކަތް ކުރައްވާ މުހައްރިކެއް ކަމަށް ވާ ޔާސްމީން އަލްޚުޟަރީ ލިޔުއްވާ ގޮތުގައި، އޭނާ ޣައްޒާގެ ކުޑަކުއްޖެއް ކަމަށް ވާ ސާރާ ނާޢިމް ޚަޠީބުގެ ގާތުން، އޭނާގެ ޢުމުރާ މެދު ސުވާލު ކުރިއެވެ. ސާރާގެ ޖަވާބަކީ "ތިން ހަނގުރާމަ، އަދިވެސް ދަނީ މައްޗަށް" މިއެވެ. ވަރަށް ރަނގަޅު ވާހަކައެއް، އެހެން ނޫންތޯއެވެ؟

http://www.sun.mv/albums/l_30111.jpg

2008 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން 2009 ވަނަ އަހަރުގެ ޖަނަވަރީ މަހާ ހަމަޔަށް، އިސްރާއީލުގެ އަނިޔާވެރި ޤާތިލުން ޣައްޒާގައި ހިންގި "އޮޕަރޭޝަން ކާސްޓް ލެޑް" ގައި، 22 ދުވަސް ވާންދެން، ޣައްޒާގެ ދިގަށާއި ހުރަހަށް ބޮމާއި މިސައިލުގެ ވާރޭ ވެއްސިއެވެ. ބައިނަލްއަޤްވާމީ ޤާނޫނުގައި މަނާ ކުރެވިފައި ވާ ކެމިކަލް ހަތިޔާރެއް ކަމަށް ވާ "ވައިޓް ފޮސްފަރަސް" ބޭނުން ކުރިއެވެ.ހަނދުމަފުޅު ހުންނާނެ ފަދައިން، އެމެރިކާ މީހުން ޢިރާޤަށް ޙަމަލަ ދީ އެ ޤައުމު ތަޅައި ސުންނާފަތި ކޮށް ޢިރާޤުގެ އެތައް މިލިއަން ރައްޔިތުންގެ ދިރިއުޅުން ބަރުބާދު ކޮށްލައި، އެ ޤައުމުގެ ރައީސް ޞައްދާމު ޙުސައިން ކުއްތާގަނޑެއް ފަދައިން މަރައިލީ ޢިރާޤުގައި ކެމިކަލް ހަތިޔާރު އެބަ ހުރި ކަމަށް ދޮގުވެރި ހެކިތަކުގެ އަލީގައި ހަމައެކަނި ޝައްކެއް ކުރެވިގެންނެވެ. އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކޮށް، އެ ހަތިޔާރުން އެތައް ކުޑަކުދީންނެއް މަރައިފައެވެ. ތަޖުރިބާކާރުންގެ އެތައް ބަޔަކު ވަނީ އެކަން ކަށަވަރު ކޮށްދީ، އެކަމާ ބެހޭ ތަފްޞީލީ ރިޕޯޓުތައް ތައްޔާރު ކޮށް ޢާއްމު ކޮށްފައެވެ. 2009 ވަނަ އަހަރުގެ ޢުދުވާޏުގައި ޣައްޒާއިން މަދުވެގެން 1417 މީހުން ޝަހީދު ވި އިރު، އޭގެ ތެރޭގައި 450 ކުޑަކުދީން ހިމެނެއެވެ. އޭގެ ތެރެއިން އެތައް ކުދީންނަކީ "ވައިޓް ފޮސްފަރަސް" ގެ ވިހަ އަލިފާނުން އަނދައި ދެއްޔަށް ވެގެން ދިޔަ ކުދީންނެވެ.

2012 ވަނަ އަހަރުގެ ނޮވެންބަރު މަހު، ޒައިނިސްޓުން ޣައްޒާއާ ދެކޮޅަށް ހިންގި ޢުދުވާނުގައި 8 ދުވަހުގެ ތެރޭގައި 158 މީހުން ޝަހީދު ވީ އިރު، އޭގެ ތެރޭގައި 30 ކުޑަކުދީން ހިމެނެއެވެ. މި ފަހަރުގެ ޢުދުވާން، 8 ޖުލައި ގައި ފެށިގެން މިއަދާ ހަމަޔަށް 18 ވަނަ ދުވަސް ގުނޭ އިރު، އަދި މި ފަހަރު މިހައިތަނަށް 826 މީހުން ޝަހީދު ކޮށްލެވުނު، އޭގެ ތެރޭގައިހިމެނޭ ކުޑަކުދީންގެ ޢަދަދު މިހާރު އުޅެނީ 200 އާ ކައިރީގައެވެ.

http://www.sun.mv/albums/l_30121.jpg

އަޅުގަނޑުމެންގެ ދަރީންގެ ޢުމުރު ގުނަނީ ގްރެގަރީ ކިޔައިދިން ގޮތަށް ހުޅަނގުގެ ކަލަންޑަރުން ބަލާ އަހަރުންނާއި ޗޮކްލެޓް ކޭކުންނެވެ. ނަމަވެސް ފަލަސްޠީނުގެ، ޣައްޒާގެ އަނިޔާ ލިބެމުން ދާ ކުދީންގެ ޢުމުރު ގުނެނީ ހަނގުރާމައިންނެވެ. އެ ކުދީންގެ މަޢުޞޫމު މޫނުތަކަށް ލޭ ބުރައިގެން ދާ ހިސާބުގައި ޝަހީދު ވާ މައިންގެ، ބަފައިންގެ، ދައްތައިންގެ، ބޭބެއިންގެ، ކޮއްކޮއިންގެ ޢަދަދުންނެވެ.

ނަފްސާނީ ގޮތުން ހަލާކު ވެފައި
2012 ވަނަ އަހަރުގެ ޢުދުވާނުގެ ދުވަސްކޮޅެއް ފަހުން، "ފިޒިޝަންސް ފޯރ ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ރައީސް ޑރ. އިވާން ކޭންޓަރ، ޑޮކްޓަރުންގެ ޓީމަކާ އެކު ޣައްޒާއަށް ވަޑައިގަތެވެ. އޭނާ އާއި އޭނާގެ ޓީމުގެ މެންބަރުން ރަފަޙް އާއި ޚާން ޔޫނިސްގައި ކުރެއްވި ދިރާސާތަކުން ސާބިތު ވި ގޮތުގައި، އެ ތަންތަނުގައި ދިރިއުޅޭ ކުޑަކުދީންގެ ތެރެއިން 69 އިންސައްތަ ކުދީންނަކީ "ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯރޑަރ" ގެ ޙާލަތު އެކި މިންވަރަށް ކުރިމަތި ވެފައި ތިބި ކުދީންނެވެ.

"ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ" ނުވަތަ "ޕީޓީއެސްޑީ" އަކީ އާދަވެގެން އިންސާނުން ތަޖުރިބާ ކުރާން ޖެހޭ ހިތާމަތަކާއި ހިތްދަތިކަމަށް ވުރެ ބޮޑު، އެއަށްވުރެ މާ ސީރިޔަސް މުޞީބާތްތަކާއި ހިތާމަތަކާއި ބިރުވެރިކަމަށް އިންސާނާ ހުރަހޮޅުމުން، އޭގެ ނަތީޖާއެއްގެ ގޮތުން ނަފްސާނީ ގޮތުން މީހާ ވެއްޓިގެން ދާ ނުހަނު ހިތްދަތި ޙާލަތެކެވެ. ޑރ. އިވާން ކޭންޓަރ ވިދާޅުވާ ގޮތުގައި، ޕީޓީއެސްޑީގެ ޙާލަތުގައި ހުންނަ މީހާ އަކީ އާދައިގެ މީހަކާ ވަރަށް ތަފާތު މީހެކެވެ. ނިދީގައި ބިރުވެރި ހުވަފެން ފެނި ނިދާން އުނދަގޫ ވުމާއި، ނިދީން މަޙްރޫމު ވުމާއި، ހޭލައި ހުންނަ ގަޑީގައި ވެސް އޭނާޔަށް ދިމާ ވި ކަންތަކާ މެދު ވިސްނައި އެ ކަމުގެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައި ހުރެވުމާއި، ޖަޒުބާތީ ގޮތުން މީހާ ގަބު ވުމާއި، އެކަނިވެރި ވެ މީހުންނާ ދުރުހެލި ވުމާއި، ރުޅިގަދަ ވުމާއި، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި، އަމިއްލަޔަށް މަރު ވުމުގެ އެދުމާއި ޚިޔާލު މީހާގެ ކިބައިގައި އަށަގަތުމާއި، މާޔޫސް ވުމާއި، އެހެން މީހުންނަށް އިތުބާރު ނުކުރެވުމާއި، ޢާއިލާގެ މެންބަރުންނާ އަރައިރުން ވެ ތަޅައިފޮޅުން ފަދަ ސީރިޔަސް ހިސާބަކަށް އެ އަރައިރުން ދިޔުން ފަދަ ކަންކަމީ ޕީޓީއެސްޑީގެ ޙާލަތުގައި ތިބޭ މީހުންގެ ފަރާތުން ޢާއްމުކޮށް ފެންނަ ކަންތަކެވެ.

http://www.sun.mv/albums/l_30122.jpg

2009 ވަނަ އަހަރުގައްޔާއި 2012 ވަނަ އަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި އަނިޔާވެރި ޢުދުވާންތަކަށް ފަހު، ނަފްސާނީ ޑޮކްޓަރުން ތިބި މިންވަރަކުން، އެތައް ހާސް ކުދީންނަށް "ޕީޓީއެސްޑީ" އަށް ފަރުވާ ދިނުމުގެ ސިލްސިލާތައް ވަނީ ކުރިޔަށް ގެންދެވިފައެވެ. ނަމަވެސް އެ މަސައްކަތުގެ މޭވާއެއް ނުފެނެއެވެ. ސަބަބަކީ، އެ މަސައްކަތް ފަށައިގެން ވަކި ހިސާބަކަށް ދާ އިރަށް، ޒައިނިސްޓުންގެ ބޮމާއި މިސައިލުގެ ތޫފާން އައިސް، ހަމަ ކުރީގެ ތަޖުރިބާތައް ތަކުރާރު ކުރާން ކުދީންނަށް ޖެހޭތީއެވެ.އަންރުވާއިން ބުނެފައި ވާ ގޮތުގައި، 2012 އިގެ ޢުދުވާނަށް ފަހު، ޣައްޒާގެ ކުޑަކުދީންގެ ތެރޭގައި ޕޓީއެސްޑީ ތަޙައްމަލު ކުރާ ކުދީންގެ ޢަދަދު ވަނީ ދެ ގުނަޔަށް އިތުރު ވެފައެވެ. 2012 އިގެ ޢުދުވާނަށް ވުރެ، މިފަހަރުގެ ޢުދުވާން މާ އަނިޔާވެރިއެވެ. މި ފަހަރު ޝަހީދު ވީ މީހުންގެ ޢަދަދު މިހާރު ވެސް ވަނީ އެ ފަހަރަށް ވުރެ ބޮޑު ވެފައެވެ. އެހެންވީމާ، މި ފަހަރުގެ ޢުދުވާން ނިމިގެން ދާ އިރު، ތަފާސްހިސާބުތައް ހުންނާނޭ ހިސާބު އޮތީ ހީ ކޮށްލުމެވެ.
ނަފްސާނީ ބިރުވެރިކަމުގައި، ޕީޓީއެސްޑީގެ ޙާލަތުގައި ތިބި އެތައް ކުދީންނެއްގެ މައިންބަފައިންނާ، އަލްޖަޒީރާ ނޫހުގެ މުރާސިލުން ވަނީ ވާހަކަ ދައްކައިފައެވެ. އެފަދަ ބެލެނިވެރީންގެ ތެރޭގައި، އުއްމު ފާދީ ކިޔާ މަންމަޔަކު ހިމެނެއެވެ. "އަހަރެންގެ ދެ އަންހެން ކުދީން، މިހާރު ބިރު ގަނޭ އައިސް އަލަމާރީގެ ދޮރު ލައްޕާލާ އަޑު އިވުނަސް."އުއްމު ފާދީ ބުނެފައި ވެއެވެ. އޭނާ ބުނި ގޮތުން، ދެ ކުދީން ވެސް މިހާރު ރޭގަނޑު ތަންމައްޗަށް ހީސް ލައެވެ.

8 ޖުލައި އިން ފެށިގެން، "އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް" ގެ ނަމުގައި، ޒައިނިސްޓް ޤާތިލުން ޣައްޒާއަށް ބޮމާއި މިސައިލް އޮއްސަމުން ގެންދާ އިރު، އެތައް ލައްކަ ކުޑަކުދީން އަނެއްކާވެސް އެ ތިބީ ބިރުވެރިކަމުގެ ނިހާއީ ޙާލަތެއްގައި، ރުއިމާއި ގިސްލުން ފިޔަވައި އެހެން ކަމެއް ކުރެވޭނޭ ގޮތެއް ނެތިފައެވެ. ދުވާލާއި ރޭގަނޑު އެކުދީންގެ ބޯމަތީން އުދުހެނީ އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކާއި ޑްރޯންތަކެވެ. ވަށަވަށައިގެން ހުރިހާ ދިމަދިމާޔަކަށް އިރުއިރުކޮޅާ އަމާޒު ވަނީ އެންމެ ޒަމާނީ ހަތިޔާރުތަކުން ދެވޭ ވަރުގަދަ ޙަމަލަތަކެވެ. ނިދާން ވަގުތު ލިބޭ ވަރަށް އަޑުފަށްގަނޑު މެދުނުކެނޑޭތީ، އެތައް ލައްކަ ކުދީން ވަނީ "ސްލީޕް ޑިޕްރިވޭޝަން" ގެ ވޭންދެނިވި ޙާލަތުގައެވެ. "ސްލީޕް ޑިޕްރިވޭޝަން" އަކީ އެންމެ ފަރުދަކާ ދެކޮޅަށް ބޭނުން ކުރެވޭ ޙާލަތުގައި ވެސް، ބައިނަލްއަޤްވާމީ އިންސާނިއްޔާތީ ޤާނޫނުތަކާ ޚިލާފު "ޓޯރޗަރ" އެއް ކަމަށް ތަޖުރިބާކާރުން އެއްބަސް ވެއެވެ. އިސްރާއީލުން ގެންދަނީ ޣައްޒާގެ އެތައް ލައްކަ ކުޑަކުދީންނަކަށް، މި ވޭންދެނިވި އަނިޔާ މެދުކެނޑުމެއް ނެތި ދެމުންނެވެ. ޣައްޒާގެ އެތައް ސަރަޙައްދެއްގައި، ބޮޑެތި މީހުންގެ އިތުރުން، ކުޑަކުދީންތައް ވެސް އެތިބީ ނިންޖަށް ބަލި ވެ ހާންތި ވެފައެވެ.

http://www.sun.mv/albums/l_30126.jpg

ޣައްޒާގައި ކުޑަކުދީންނަށް އުޅޭން ޖެހިފައި ވާ ޙާލާ މެދު އަލްޖަޒީރާގެ މުރާސިލުންނާ ވާހަކަ ދައްކަވަމުން، ޣައްޒާގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއް ކަމަށް ވާ އަޙްމަދު އަބޫ ޠަވާޙިނާ ވިދާޅުވީ "އެކުދީން ތަޙައްމަލު ކުރަމުން އެ ގެންދަނީ ޢާއްމު ބަސްކޮށާރުގައި "ޓްރޯމާ" އޭ ކިޔޭ އެއްޗަށް ވުރެ މާ ސީރިޔަސް، މާ ބިރުވެރި، މާ ވޭންގަދަ ޙާލަތެއް" ކަމަށެވެ. "ސޭވް ދަ ޗިލްޑްރަން" ޖަމްޢިއްޔާގެ އޮފިޝަލެއް ކަމަށް ވާ އުސާމާ ދާމޫ ވިދާޅުވި ގޮތުގައި، ޢަސްކަރީ އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން ކުޑަކުދީންނަށް ނިދުމާ ގުޅޭ އެތައް ނަފްސާނީ ބައްޔެއް ޖެހެއެވެ. ޙަމަލާތައް ޢާއްމުކޮށް ދެވެނީ ރޭގަނޑު ކަމަށް ވާތީ، ކުދީންގެ ބިރުވެރިކަން ވަކީން ސީރިޔަސް ވެއެވެ. "އެ ބިރުވެރިކަން ތަޙައްމަލް ކުރުމުގެ ޤާބިލިއްޔަތެއް ކުޑަކުދީންގެ ކިބައިގައި ނުހުންނާނެ، އިނގޭތޯ! ނުހުންނާނެ!" އުސާމާ ވިދާޅުވިއެވެ.

ނެތަސް ކުރާނީ ކީއް ބާވައެވެ! އެ ކުދީންނަށް އެހެން ގޮތެއް ނެތެވެ. ޒައިނިސްޓުންގެ ބޮމާއި މިސައިލްތައް ރެއެއް ދުވާލެއް ނެތި، އެ ކުދީންގެ ބޮލަށާއި، ވަށައިގެން އޮތްހައި ތަނަކަށް އޮއްސަނީއެވެ. އެމެރިކާ އާއި ޔޫރަޕް، ދުނިޔޭގެ އެންމެ "ރަހުމުވެތި، ތަހުޒީބީ، ކުރި އަރައިފައި ވާ، އިންސާނީވަންތަ" ޖަމާޢަތުގެ ޓެގު ޖަހައިގެން ތިބެ، އެކަމަށް ހިތްވަރު ދެނީއެވެ. ދުނިޔޭގެ 1.8 ބިލިއަން މުސްލިމުން ފޭސްބުކާއި ޓްވިޓަރުގައި "ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ޒައިނިސްޓް ކުއްފާރުންގެ މައްޗަށް އިބަ ރަސްކަލާނގެ ކުއްތާތަކުގެ ތެރެއިން ކުއްތާއެއް ފާ ކުރައްވާނދޭވެ، އެ ކުއްތާ މިކަން ހަމަޔަކަށް އަޅުވައިފާނެޔޭ، އަޅަމެން މިތަނުގައި އިށީނދެލައިގެން ކުޅި ބަލާން ތިބޭނަމޭ" ބުނެފައި، މި ތިބެނީއެވެ.

ނަސްލު ނެތި ކޮށްލުން
އިސްރާއީލުން ފަލަސްޠީނުގެ އެކިއެކި ސަރަޙައްދުތަކަށް، އަދި ފަހަކަށް އައިސް ޣައްޒާޔަށް، ދެމުން ގެންދާޢުދުވާނީ ޙަމަލާތަކުގެ އެންމެ އަސާސީ އެއް އަމާޒަކީ ރައްޔިތުންގެ ދިރިއުޅުމުގެ އަސާސީ އަދި ޟަރޫރީ ބޭނުންތައް ފުއްދުމަށް ޓަކައި ބިނާ ކުރެވިފައި ހުންނަ ޢުމްރާނީ އޮނިގަނޑާއި ނިޒާމެވެ. ކަރަންޓާއި ފެން ފަދަ ޚިދުމަތްތައް ފޯރު ކޮށްދޭ ވަސީލަތްތަކާއި، އިޤްތިޞާދީ ޙަރަކާތްތަކުގެ މަރުކަޒުތަކާއި ކާރުޚާނާތައް ފަދަ ތަންތަނެވެ. މިސާލެއްގެ ގޮތުން، ޣައްޒާއަށް ފެން ފޯރުކޮށްދޭ ވަސީލަތްތަކަށް އިސްރާއީލުން ތަކުރާރުކޮށް ދޭ ޙަމަލަތަކުގެ ސަބަބުން، އެ ނިޒާމު ވަނީ ގާތްގަނޑަކަށް ވައު ވެފައެވެ.މިއަދު ޣައްޒާގެ ރައްޔިތުން ވަނީ ލިބޭ ކޮންމެ 1 ޕައުންޑުގެ ތެރެއިން 30 ޕެންސް ބޯފެނަށް ޚަރަދު ކުރާން ޖެހިފައެވެ.އާބާދީގެ ބޮޑު ބަޔަކީ، އިމްޕޯޓު ކުރެވިފައި ހުންނަ ފެން ގަތުމުގެ މާލީ ޤާބިލުކަން ނެތް މީހުންނެވެ. ވީމާ ބޯން ކަމު ނުދާ ހަޑި ފެން ބުއިން ފިޔަވައި އެހެން ގޮތެއް އެމީހުންނަކަށް ނޯވެއެވެ.

http://www.sun.mv/albums/l_30117.jpg

މި ދެންނެވި ފަދަ ގޮތެއްގައި އިސްރާއީލުން ހިންގާ ޢުދުވާނީ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން، ގޮތުން ޣައްޒާގެ 1.7 މިލިއަން ރައްޔިތުންގެ މެދުގައި ފަޤީރުކަން ވަނީ ޢާއްމު ވެފައެވެ. މިހާރު ޣައްޒާގެ އާބާދީގެ 80 އިންސައްތަ މީހުން ދިރިއުޅެނީ އެހީގެ ގޮތުގައި ބެހޭ ކާބޯތަކެތީން، ބޮލަކަށް ޖެހޭ ކުޑަކުޑަ މިންވަރުންނެވެ.ޙިޞާރުގެ ސަބަބުން ޣައްޒާގެ ހަސްފަތާލުތައް ޙާލުގައި ޖެހި، ބަލި ވާ މީހުންނާއި ޒަޚަމީންނަށް ފަރުވާ ދެވޭނޭ ގޮތް ވަނީ ގާތްގަނޑަކަށް ނެތިފައެވެ. ޣައްޒާގައި އުފައްދައި ފޯރު ކޮށްދެވެނީ، ބޭނުން ވާ ކަރަންޓުގެ 20 އިންސައްތައެވެ. ޣައްޒާގެ 360 އަކަ ކިލޯމީޓަރުގެ ސަރަޙައްދުގައި، 1.7 މިލިއަން މީހުން ދިރިއުޅޭ އިރު، މިއީ ޙާލަތު ހުރި ގޮތެވެ.

360 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ކަމަށް ވާ ޣައްޒާގެ ވަށައިގެން އޮތް ސަރަޙައްދުގެ ތެރެއިން 12 ވަރަކަށް މޭލުގެ ސަރަޙައްދު ފިޔަވައި، އެހެން ހުރިހާ ތަނެއް ވަނީ އިސްރާއީލުގެ ސިފައިންގެ ބާރުގެ ދަށުގައެވެ. ބާކީ އޮތް ތަންކޮޅު އޮތީ ޢަބްދުލްފައްތާޙް އައްސީސީގެ މިޞްރުގެ ބާރުގެ ދަށުގައެވެ. މި ދެބައިމީހުން ވެގެން، ޣައްޒާގެ ކަރުގައި ހިފައި ފިއްތައިގެން ތިބި އިރު، ޣައްޒާ ވެފައި ވަނީ ދުނިޔޭގައި "ވަޔަށް ހުޅުވިފައި ހުރި އެންމެ ބޮޑު ޖަލު" ކަމަށެވެ. އެއުރެންގެ ޙިޞާރު އެއްވެސް ކަހަލަ ދުލެއް ނެތި 8 ވަނަ އަހަރަށް ދެމިގެން ގޮސްފައި ވާ އިރު، މިކަހަލަ ޙިޞާރެއްގައި އެންމެ ބޮޑު ވޭނެއް ތަޙައްމަލު ކުރާނެ ބަޔަކީ އަނެއްކާވެސް ހަމަ ކުޑަކުދީން ކަމާ މެދަކު ޝައްކެއް ނެތެވެ.

"ސޭވް ދަ ޗިލްޑްރަން" އިން 2012 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވެއެވެ. "ފަސް އަހަރުގެ ޙިޞާރެއްގައި، މަޢުޞޫމު ކުޑަކުދީން ދިރިއުޅެމުން އެ ގެންދަނީ ލާއިންސާނީ ޙާލަތެއްގައެވެ. ހަޑި، ނުރައްކައުތެރި، އަދި އެކިއެކި ބަލިބައްޔަށް ވާރުތަ ކުރާ ފަދަ ފެން ނޫނީ އެކުދީންނަށް ބޯކަށް ނުލިބެއެވެ. އިނގިރޭސި ވިލާތް ކަހަލަ ތަނެއްގައި، ނުހަނު ފަސޭހައިން ފަރުވާ ދެވޭ ބައްޔެއް ކަމަށް ވާ ބޭރަށް ހިންގުން ވެސް، ޣައްޒާގައި ވެގެން ދަނީޤާތިލަކަށެވެ. ޣައްޒާގައިކުޑަކުދީން ދިރިއުޅެމުން ގެންދަނީ ޖަލެއްގައެވެ.އެ ކުދީން ވަނީ އެ ޖަލުގައި ތާށި ވެފައެވެ. ރަނގަޅު މުސްތަޤްބަލެއްގެ އެއްވެސް އުއްމީދެއް ނެތް ގޮތެއްގައެވެ."

http://www.sun.mv/albums/l_30112.jpg

އިންސާނިއްޔަތަށް ޓަކައި ޣައްޒާގައި މަސައްކަތް ކުރައްވާ ނޯރވޭގެ ޑޮކްޓަރެއް ކަމަށް ވާ މެޑްސް ގިލްބަރޓް 2012 ވަނަ އަހަރު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވެއެވެ. "އިސްރާއީލުގެ ޙިޞާރުގެ ނަތީޖާއެއްގެ ގޮތުން، ކުޑަކުދީންގެ ތެރޭގައްޔާއި އަންހެނުންގެ ތެރޭގައި އެނީމިއާ ވަނީ ޢާއްމު ވެފައެވެ. މީގެ ސަބަބަކީ ޙިޞާރުގެ ސަބަބުން ފަޤީރުކަން ޢާއްމު ވެ، ކުދީންނަށް ރަނގަޅު ކާނާ ނުލިބި "މެލްނިއުޓްރިޝަން" ގެ މައްސަލަ ދިމާ ވުމެވެ. "ސްޓަންޓެޑް ގްރޯވތު" މިއީ ވެސް ޣައްޒާގައި ވަރަށް ބާރަށް ޢާއްމު ވަމުން އަންނަ މައްސަލައެކެވެ."ސްޓަންޓެޑް ގްރޯވތު" ގެ މައްސަލަ ދިމާ ވި ކުދީންގެ ނިސްބަތް ޣައްޒާގައި 2006 ވަނަ އަހަރު ހުރީ 13.5 ގައެވެ. 2009 ގައި އެ ޢަދަދު ވަނީ 31.4 އަށް އުފުލިފައެވެ. ... ހަނދާން ކުރައްޗެވެ! މިއިއްޔަކީ ތަދުމަޑުކަމެއް އައިސްގެން، ޤުދުރަތީ މުޞީބާތެއްގެ ސަބަބުން ކުރިމަތި ވެގެން އުޅޭ ކަމެއް ނޫނެވެ. މިއީ އިސްރާއީލުގެ ސަރުކާރުން ގަސްތުގައި، ރާވައިގެން، ނުހަނު ތަފްޞީލީ ފެންވަރުގައި ޕްލޭން ކޮށްގެން ތަންފީޒު ކުރާ ސިޔާސަތެއްގެ ތެރެއިން ކާބޯތަކެއްޗާއި ކާނާގެ ސަޕްލައި ހުއްޓުވައިގެން، ގަސްތުގައި މި ކުދީންނަށް ޖައްސާ، މެދުވެރި ކުރާ ޙާލަތެކެވެ. އިސްރާއީލުގެ ސަރުކާރުން ވަނީ ޣައްޒާއަށް އެތެރެ ވުމުގެ ހުއްދަ ދޭނީ "ބޮލަކަށް ކިތައް ކެލަރީތޯ" މި ދަރަޖަޔަށް ވެސް ހިސާބު ހަދައިފައެވެ."

ފަލަސްޠީނުގައި، ޚާއްސަކޮށް ޣައްޒާގައި، އެތައް ލައްކަ ކުޑަކުދީންނެއް މިފަދަ ނިކަމެތި ޙާލަތުގައި ތިބި އިރު، އެ ކުދީންނަށް ރަޙުމު ކުރާނޭ ބަޔަކު، ދުނިޔޭގެ ބާރުގެ ގޮނޑިތަކުގައެއް ނެތެވެ. އެކުދީންގެ ރުއިމުގެ އަޑު އަހާނޭ ބަޔަކު ދުނިޔޭގެ "ބަނުމާއި މޮހުމުގެ ވެރީންގެ" ތެރޭގައެއް ނެތެވެ. އެކަމަކު ވެސް އެމީހުން ބުނަނީ ތިމަންމެންނަކީ އިންސާނީ ޙައްޤުތަކާއި ކުޑަކުދީންގެ ޙައްޤުތަކުގެ ޗެމްޕިއަނުން ކަމަށެވެ. އަނެއްކޮޅުން، މިޞުރުގެ ޢަބްދުލްފައްތާޙް އައްސީސީ ފަދަ މީހުން، އަމިއްލަ ޤައުމުގައި މުސްލިމުންގެ ލޭ ބޮއިފައި، މިހާރު އެ ތިބީ ޔުނައިޓެޑް އެރެބް އެމިރޭޓެސް އާއި، ސަޢޫދީ ޢަރަބިއްޔާ ފަދަ ފައިސާޔަށް އަޅުކަން ކުރާ އަދި "އިސްލާމް ދީން މެނުފެކްޗަރ" ކުރާ ޣައްދާރުންނާ އެކު، ޒައިނިސްޓުންނާއި ޞަލީބީންގެ ހިރިޔާފާތުރާ ދަށަށް ތިރި ވެ، ގުދު މައްޗަށް ގުދު އެއްލައިގެންނެވެ. އިންސާނާގެ ލަދުޙަޔާތް ކުޑަ ކަމަށް ވެސް ވަކި ޙައްދެއް ނޯންނަނީ ބާވައެވެ!
ގުޅޭ ޓެގު
comment ކޮމެންޓް