ފަލަސްތީނުގައި ހުރި މުގައްދަސް ތަންތަނާއި ބައެއް އާސާރުތައް

ފަލަސްތީނަކީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިމެވެ. އެހެން ނަމަވެސް މި ބިމުގެ ބޮޑު ބައެއް މިއަދު އޮތީ ޒަޔަނިސްޓުން އުފައްދައިފައި އޮތް އިސްރާއީލޭ ކިޔޭ ދައުލަތުގެ ބާރުގެ ދަށުގައެވެ. ޒަޔަނިސްޓުން ގެންދަނީ ފަލަސްތީނުގެ ބިމުގައި ހުރި އިސްލާމީ އާސާރުތަކުގެ ތާރީޚު އޮޅުވައިލުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ފަލަސްތީނުގައި ހުރި އިސްލާމީ އާސާރުތަކާ ބެހޭ މައުލޫމާތު ދެނެގަތުމަށް އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭން ވަނީ ޖެހިފައެވެ.

ފަލަސްތީނުގެ ބިމަކީ ވަރަށް ގިނަ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންގެ ތާރީޚާ ގުޅިފައިވާ ބިމެކެވެ. ފަލަސްތީނުގެ ރަށްތަކުގެ ތެރެއިން އެންމެ މުހިންމު ރަށަކީ ޤުދުސް (ޖެރޫސަލަމް) އެވެ. ޤުދުސްގެ ގަދީމީ ޝަހަރަކީ މުސްލިމުންގެ އެންމެ މުޤައްދަސް ބިނާތައް ހުރި ބިމެވެ. ޤުދުސްގެ ގަދީމީ ޝަހަރުގެ އިން ވަކި ކުރަނީ ޝަހަރުގެ ބޭރު ފާރުންނެވެ.

ޤުދުސްގެ ގަދީމީ ޝަހަރު އެކުލެވިފައި އޮތް ގޮތަށް ބަލާއިރު މަސްޖިދުލްއަޤްޞާގެ ހަރަމްފުޅު ނުވަތަ ޙަރަމްއައްޝަރީފު ވަނީ ޤުދުސްގެ ގަދީމީ ޝަހަރުގެ އިރުދެކުނުގައެވެ. ގަދީމީ ޝަހަރުގައި ޙަރަމްއައްޝަރީފުގެ އުތުރުން އޮތް ބިމާއި ޙަރަމްއައްޝަރީފުގެ ހުޅަނގު ފާރުގެ މެދަކާ ހިސާބުން އުތުރަށް އަދި ގަދީމީ ޝަހަރުގެ މެދުން ފެށިގެން އިރަށް އޮތް ބިމަކީ "މުސްލިމް ކުއާޓަރ" ގެ ނަމުން ފާހަގަ ކުރެވޭ ސަރަޙައްދެވެ.

"މުސްލިމް ކުއާޓަރ" ގެ ހުޅަނގުން، ގަދީމީ ޝަހަރުގެ ހުޅަނގު އުތުރުގައި އޮތީ "ކްރިސްޓިޔަން ކުއާޓަރ" ގެ ނަމުން ފާހަގަ ކުރެވޭ ސަރަޙައްދެވެ. "ކްރިސްޓިޔަން ކުއާޓަރ" ގެ ދެކުނުން ގަދީމީ ޝަހަރުގެ ހުޅަނގު ދެކުނުގައި އޮތީ "އަރްމީނިޔަން ކުއާޓަރ" ގެ ނަމުން ފާހަގަ ކުރެވޭ ސަރަޙައްދެވެ. ގަދީމީ ޝަހަރުގެ ދެކުނު ފަޅީގައި "އަރްމީނިޔަން ކުއާޓަރ" ގެ އިރުން އަދި "މުސްލިމް ކުއާޓަރ" ގެ ދެކުނުން ޙަރަމްއައްޝަރީފުގެ ހުޅަނގުގައި އޮތީ "ޖުވިޝް ކުއާޓަރ" ގެ ނަމުން ފާހަގަ ކުރެވޭ ސަރަޙައްދެވެ.

"ކްރިސްޓިޔަން ކުއާޓަރ" ގެ އިރުދެކުނު ކަނުގައި ހުންނަނީ ނަޞާރާއިންގެ "ޗަރޗް އޮފް ހޯލީ ސެފަލްކަރ" އެވެ. ޒައިތޫން ފަރުބަދަ ހުންނަނީ ޤުދުސްގެ ގަދީމީ ޝަހަރުގެ އިރުދެކުނު ކަނާ ދިމާގައެވެ. މަރްޔަމްގެފާނުގެ މަހާނަފުޅާއި ޒަކަރިއްޔާގެފާނުގެ މަގްބަރާ ހުންނަނީ މި ސަރަޙައްދުގައެވެ. މި ދެ ބޭފުޅުންގެ އިތުރުން ވެސް މި ތަނުގައި ބައެއް ނަބީބޭކަލުން ފަސްދާނު ލެވިފައިވެއެވެ. ސަހްޔޫން ފަރުބަދަ ހުންނަނީ ގަދީމީ ޝަހަރުގެ "އަރްމީނިޔަން ކުއާޓަރ" ގެ ދެކުނާ ދިމާގައެވެ. ދާއޫދު ނަބީކަލޭގެފާނުންގެ މަގްބަރާ ހުންނަނީ މި ސަރަހައްދުގައެވެ.

ޤުދުސްގެ އިތުރުން ފަލަސްތީނުގެ އެހެން ބިންތައް ވެސް ނަބީބޭކަލުންގެ ތާރީޚާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. މި ގޮތުން ޢީސާ ޢަލައިހިއްސަލާމްގެ އުފަން ރަށް ކަމުގައިވާ ބައިތުލަހްމާއި ތުއްޕުޅު އިރު އުޅުއްވި ރަށް ކަމުގައިވާ ނާޞިރާ އޮންނަނީ ވެސް ފަލަސްޠީނުގަ އެވެ. މިހާރު ނާޞިރާ އޮތީ ޒަޔަނިސްޓް ދައުލަތް ކަމުގައިވާ އިސްރާއީލުގެ ދަށުގައެވެ. އަދި އިސްމާޢީލު ޢަލައިހިއްސަލާމާއި އިސްޙާޤު ޢަލައިހިއްސަލާމާއި ޔަޢުޤޫބު ޢަލައިހިއްސަލާމާއި ޔޫސުފު ޢަލައިހިއްސަލާމް އުފަންވެވަޑައިގަތީ ފަލަސްޠީނުގެ ބިމުގައެވެ. މޫސާ ޢަލައިހިއްސަލާމާއި ހާރޫން ޢަލައިހިއްސަލާމް ފަސްދާނު ލެވިފައިވަނީ ފަލަސްޠީނުގެ ބިމުގައެވެ. ޔޫޝަޢު ނަބީކަލޭގެފާނު ދާނިޔާލް ނަބީކަލޭގެފާނާއި އިލްޔާސް ނަބީކަލޭގެފާނާއި އިލްޔަސައުގެފާނު ފަސްދާނު ލެވިފައިވަނީ ވެސް މި ބިމުގައެވެ.

މަސްޖިދުލް އަޤްޞާ
http://www.sun.mv/albums/l_29866.jpg
ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެއްމެ މުޤައްދަސް ތަނަކީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއެވެ. ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައި ވަނީ "އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލްޙަރާމް އިން، އަލްމަސްޖިދުލްއަޤްޞާ އަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަން އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށް ޓަކައެވެ. ހަމަކަށަވަރުން، އެއިލާހީ މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ އިލާހެވެ." މި ފަދައިންނެވެ. މި އާޔަތުން އެނގޭ ގޮތުގައި އަލްމަސްޖިދުލްއަޤްޞާ އާއި އެ ތަނުގެ ވަށައިގެންވާ ޙަރަމްފުޅަކީ މާތްﷲ ބަރަކާތް ލައްވައިފައިވާ މުޤައްދަސް ތަނެކެވެ. އަލްމަސްޖިދުލްއަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާގެ ދަތުރުފުޅު ކުރައްވައިފައިވަނީ އަލްމަސްޖިދުލް ޙަރާމް އިން އަލްމަސްޖިދުލް އަޤްޞާއަށެވެ. ކީރިތި ރަސޫލާގެ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގައި އެކަލޭގެފާނު ވަނީ މަސްޖިދުލްއަޤްޞާގައި ނަބީބޭކަލުންގެ ޖަމާޢަތެއްގައި އިމާމުވެ ނަމާދުފުޅު ކުރައްވައިފައެވެ.

އަލްމަސްޖިދުލްއަޤްޞާ އަކީ ﷲ އަށް އިބާދަތު ކުރުމަށް ދުނިޔޭގެ ބިމުގައި ބިނާ ކުރެވުނު ދެވަނަ އިބާދަތުގާހެވެ. މައްކާ އާއި މަދީނާގެ ޙަރަމްފުޅު ފިޔަވައި އެހެން ކޮންމެ މިސްކިތެއްގައި ކުރެވޭ އަޅުކަމަކަށް ވުރެ މަސްޖިދުލްއަޤްޞާގައި ކުރެވޭ އަޅުކަމުގެ ސަވާބު 500 ގުނަ އިތުރުވެގެން ވާ ކަމަށް ރިވާވެގެން އައިސްފައި ވެއެވެ.

ތާރީޚު އޮޅުވާލުމަށް ޓަކައި މިއަދު ޔަހޫދީން ބުނަނީ މަސްޖިދުލްއަޤްޞާ އަކީ ކީރިތި ރަސޫލާ އަވަހާރަވެ ޚުލަފާއުއްރާޝިދޫންގެ ޚިލާފަތު ވެސް ނިމުނު ފަހުން އުމަވީންގެ ފަސްވަނަ ޚަލީފާ ޢަބްދުލް މަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެއް ކަމުގައެވެ. އެހެން ނަމަވެސް ހަގީގަތަކީ މަސްޖިދުލްއަޤްޞާ ވީރާނާވެ ހަލާކުވެފައި ވަނިކޮށް ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން އެތަން އާކުރެއްވީއެވެ. މަސްޖިދުލްއަޤްޞާގެ މަރާމާތު ނިމުނީ މީލާދީން 710 ވަނަ އަހަރާއި 715 ވަނަ އަހަރާ ދެމެދުގައެވެ. އަދި އޭގެ ފަހުން މީލާދީން 1035 ވަނަ އަހަރު ވެސް ވަނީ މި މިސްކިތް މަރާމާތު ކުރެވިފައެވެ.

ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން މުޅީން އަލަށް ބިނާކުރެއްވި މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއާ މާދުރު ނޫން ހިސާބެއްގައި ހުރި ރަން ގުއްބު ލީ މިސްކިތް ނުވަތަ މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ. ޤުދުސްގައި ފަތުރުވެރިންގެ ދައްލާލުންގެ ގޮތުގައި އުޅޭ ޔަހޫދީން، މަސްޖިދުލްއަޤްޞާއޭ ކިޔާފައި މީހުންނަށް ދައްކައި ހަދަނީ ވެސް ހަމަ އެކަނި ރަން ގުއްބު ލީ މިސްކިތެވެ. މިއީ ވެސް މަސްޖިދުލްއަޤްޞާ އާއި އެތަނުގެ ތާރީޚު އޮޅުވައިލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ އެއްބައެވެ.

ޙަރަމްއައްޝަރީފް
http://www.sun.mv/albums/l_29852.jpg
ޙަރަމްއައްޝަރީފަކީ މަސްޖިދުލްއަޤްޞާގެ ހަރިންމައެވެ. މިއީ ގާތްގަނޑަކަށް 35 އޭކަރުގެ ސަރަޙައްދެކެވެ. ޔަހޫދީން ދަނީ ޙަރަމްއައްޝަރީފަކީ ޔަހޫދީންގެ ފުރަތަމަ ހައިކަލް އާއި ދެވަނަ ހައިކަލް ހުރި ތަން ކަމަށް ބުނަމުންނެވެ. ޙަރަމްއައްޝަރީފުގެ ހުޅަނގު ފާރަކީ ޔަހޫދީން މުޤައްދަސް ތަނެއްގެ ގޮތުގައި ބަލާ ތަނެކެވެ.

މަސްޖިދު ޤުއްބަތުއްސަޚްރާ
http://www.sun.mv/albums/l_29864.jpg
މަސްޖިދު ޤުއްބަތުއްސަޚްރާ ނުވަތަ މަޝްހޫރު ރަން ގުއްބު ލީ މިސްކިތަކީ، އުމަވީންގެ ޚަލީފާ ޢަބްދުލް މަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެކެވެ. މި މިސްކިތް ބިނާ ކުރެވިފައިވަނީ ކީރިތި ރަސޫލާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވި މަޤާމުފުޅު ހުރިތަނުގައެވެ. މި މިސްކިތް ހުންނަނީ ބައިތުލްމަޤްދިސްގެ ޙަރަމް ޝަރީފުގައި، މަސްޖިދުލްއަޤްޞާއާ ވަރަށް ކައިރީގައެވެ. މިއީ މުސްލިމުންގެ އިމާރާތް ކުރުމުގެ ފަންނުވެރިކަން ވަރަށް ރަނގަޅަށް ދައްކައިދޭ އަދި ވަރަށް ވެސް ރީތި މިސްކިތެކެވެ. މި މިސްކިތް ބިނާކޮށް ނިމުނީ މީލާދީން 692 ވަނަ އަހަރުއެވެ. ކީރިތި މާތް ރަސޫލާ މިޢުރާޖަށް އަރައިވަޑައިގަތް އިރު، އެ ހިލަކޮޅެއްގެ މަތީގައި އެ ކަލޭގެފާނު ޤާއިމުވެ ވަޑައިގެން ހުންނެވި ހިލަކޮޅު ވަނީ މި މިސްކިތުގެ ތެރޭގައެވެ. މި މިސްކިތަށް މަސްޖިދުޤުއްބަތުއްސަޚްރާއޭ ކިޔަނީ އެ ހިލަކޮޅަށް ނިސްބަތް ކޮށެވެ. އަދި މި މިސްކިތް މުހިންމު ވެގެން ގޮސްފައިވަނީ ވެސް މި ހިލަކޮޅަށް ޓަކައެވެ.

ޢުމަރުގެފާނު މިސްކިތް
http://www.sun.mv/albums/l_29879.jpg
ޢުމަރުގެފާނު މިސްކިތް ނުވަތަ މަސްޖިދު ޢުމަރު ހުންނަނީ "ޗަރޗް އޮފް ހޯލީ ސެފަލްކަރ" ކައިރީގައެވެ. މިއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން ޚައްޠާބު ފަލަސްޠީނަށް، މީލާދީން 12 މެއި 636 ވީ އާދީއްތަ ދުވަހު، ހިޖްރީ ގޮތުން ބަލާއިރު އެ ދުވަހަކީ ހިޖްރައިން 15 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 1 ވަނަ ދުވަހު ވަޑައިގެން ނަމާދުފުޅު ކުރެއްވި ތަނުގައެވެ.

ހުދު މިސްކިތް
http://www.sun.mv/albums/l_29873.jpg
ހުދު މިސްކިތަކީ ފަލަސްތީނުގައި ޞާލިޙު ނަބީކަލޭގެފާނަށް ނިސްބަތް ކުރެވޭ މަގާމުފުޅެއް ހުރި ތަނުގައި އުމަވީން ބިނާ ކުރި މިސްކިތެކެވެ. މި މިސްކިތް ހުންނަނީ ފަލަސްތީނުގެ ރަމްލާގައެވެ. މިހާރު މި ރަށް އޮންނަނީ ޒަޔަނިސްޓް އިސްރާއީލުގެ ދަށުގައެވެ.

އިބްރާހީމީ މިސްކިތް
http://www.sun.mv/albums/l_29857.jpg
ފަލަސްތީނުގައި ވާ މުގައްދަސް ތަންތަނުގެ ތެރެއިން ދެން އެންމެ މުހިންމު ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އިބްރާހީމުގެފާނުގެ މިސްކިތް ނުވަތަ މަސްޖިދު އިބްރާހީމީ އެވެ. މި މިސްކިތް ހުންނަނީ އިބްރާހީމް ޢަލައިހިއްސަލާމުގެ ޙަޔާތްޕުޅުގެ ފަހު ބައި ހޭދަ ކުރެއްވި ރަށް ކަމުގައިވާ ޚަލީލު ޝަހަރު ނުވަތަ ހަބްރޫނުގަ އެވެ.

އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާ އާއި އިސްޙާޤުގެފާނާއި އިސްޙާޤުގެފާނުގެ އަނބިކަނބަލުން ރިފްޤާއާއި ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލެއް ކަމަށް ވާ ލައްޔާ ވެސް ފަސްދާނު ލެވިފައިވަނީ މި ތަނުގައި، ޚަލީލު ޝަހަރުގައެވެ. ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި އިންސާނީ ނައުޢުގެ ބަފައިކަލުން، އާދަމް ޢަލައިހިއްސަލާމް ވެސް ފަސްދާނު ލެވިފައިވަނީ ހަބްރޫނުގައެވެ. ޔަޢުޤޫބުގެފާނުގެ ދެ ދަރިކަލުން ކަމަށް ވާ ޔޫސުފުގެފާނާއި ބިންޔާމީންގެފާނުގެ މަންމާފުޅު ރާޙީލް ފަސްދާނުލެވިފައި ވަނީ ބައިތުލަހްމުގައެވެ.

އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނުގެ އިތުރުން، ލޫޠުގެފާނާއި، ޔޫސުފުގެފާނާއ،ި ދާއޫދުގެފާނާއި، ސުލައިމާނުގެފާނާއި، ހާރޫނުގެފާނާއި، މޫސާގެފާނާއި، ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، އިލްޔާސްގެފާނާއި، އިލްޔަސަޢުގެފާނާއި، މަރްޔަމްގެފާނު ވެސް ފަސްދާނު ލެވިފައިވަނީ ފަލަސްތީނުގެ ބިމުގައެވެ.

އިސްރާއީލުން 1967 ގައި ޚަލީލު ޝަހަރު ހިފުމަށް ފަހު ވަނީ މި މިސްކިތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ގޮތުން މި މިސްކިތުގެ ވަޅުކޮޅާއި އިރުމަތީ ދޮރޯށްޓާއި މުންނާރެއް ވަނީ ހަލާކު ކޮށްލައިފައެވެ. 1972 ވަނަ އިސްރާއީލުގެ ސުޕްރީމް ކޯޓުން މި މިސްކިތުގައި އަޅުކަން ކުރުމުގެ ހުއްދަ ޔަހޫދީންނަށް ދިނެވެ. އޭގެ ފަހުން ޔަހޫދީން ދިޔައީ މުސްލިމުންނާ އެކު މި މިސްކިތް ބޭނުން ކުރަމުންނެވެ. އަދި 1994 ވަނަ އަހރުގެ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހު ޒަޔަނިސްޓު އިރުހާބީއެއް ކަމަށް ވާ ޑރ. ގޯލްޑްސްޓީން، މި މިސްކިތުގެ ތެރޭގައި ހިންގި ގަތުލުއާންމެއްގައި 60 މުސްލިމުން ޝަހީދުކޮށް 200 އަށް ވުރެ ގިނަ މުސްލިމުން ޒަޚަމްކޮށްލިއެވެ. މި ހާދިސާ ހިންގި އިރުހާބީއާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްރާއީލުން ނިންމީ އެފަދަ ހާދިސާއެއް ހިނގީ އެ މިސްކިތް މުސްލިމުންނާއި ޔަހޫދީންނަށް ވަކީން ބައިކޮށް ވަކި ކުރެވިފައި ނުވާތީ ކަމަށެވެ. މި ގޮތަށް ނިންމުމަށް ފަހު، އިސްރާއީލުން މި މިސްކިތް ދެ ބަޔަށް ބަހައިލިއެވެ. މި މިސްކިތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި މިއަދު ވަނީ ޔަހޫދީން އަޅުކަން ކުރާ ސަނާގިގާއަކަށް ބަދަލުކޮށްފައެވެ. މުސްލިމުންގެ ތެރެއިން މިސްކިތަށް ވަނުމުގެ ފުރުސަތު ދެނީ ފަހަރަކު 300 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށެވެ. އަދި މުސްލިމުންނަށް މިހާރު މި މިސްކިތަށް ވަދެވެނީ ވަރުގަދަ ސެކިއުރިޓީ ސިސްޓަމެއްގެ ތެރެއިންނެވެ.

އިބްރާހީމީ މިސްކިތުގެ އިތުރުން މަސްޖިދުލްއަޤްޞާ އާއި މަސްޖިދު ޤުއްބަތުއްސަޚްރާ ނައްތައިލުމަށް ޒަޔަނިސްޓުން ވަނީ ރާވައިފައެވެ. އެމީހުން ބުނަނީ މަސްޖިދުލްއަޤްޞާ އާއި މަސްޖިދު ޤުއްބަތުއްސަޚްރާ ހުރި ބިމުގައި އެމީހުންގެ ހައިކަލް ނުވަތަ ފައްޅި ބިނާ ކުރުމަށް ޓަކައި އެ ބިން ހުސް ކުރާން ޖެހޭ ކަމަށެވެ. އިސްރާއީލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޫރިޔަން ބުނެފައިވެއެވެ. "ޤުދުސްއާ ނުލައި އިސްރާއީލުގެ މާނައެއް ނެތެވެ. "ހައިކަލް"އާ ނުލައި ޤުދުސްގެ މާނައެއް ނެތެވެ." އިސްރާއީލު އުފެއްދުމުގެ މޭސްތިރިޔާ ކަމަށް ވާ ތިޔޮޑޯރ ހާޓްޒުލް ބުނެފައިވެއެވެ. "އަހަރެމެންނަށް ޤުދުސް ލިބުމުން އެ ތަނުގައި ހުރި ޔަހޫދީ ނޫން ހުރިހައި ތަނެއް ނައްތައިލާނަމެވެ."

މި ލިޔުމުގައި ބަޔާން ކުރެވިފައިވާ ތަންތަނުގެ އިތުރުން ވެސް އިސްލާމީ ތާރީޚާ ގުޅުން ހުރި ވަރަށް ގިނަ އާސާރުތަކާއި ޝަހަރުތަކާއި ތަންތަން ފަލަސްތީނުގެ ބިމުގައި އެބަ ހުށްޓެވެ. އިސްލާމީ އާސާރީ ޝަހަރުތަކުގެ ހިތަކަށް ފަލަސްތީނު ވެފައިވަނީ މި ސަބަބަށް ޓަކައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް