ޕާޓީ ކުރުން އާންމުވީ؟

އެކުވެރިޔަކު ކިޔައިދިން ވާހަކައެކެވެ. އޭނާއަށް ދައުވަތު ލިބުނީ އޭނާގެ އެކުވެރިއެއްގެ 18 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ހަފްލާއަށެވެ. އޭނާ އެ ހަފްލާ އަށް ދިޔައީ އެރޭ 11:30 ހާއިރެވެ. އޭނާ ބުނި ގޮތުން ނަމަ އެ ހަފްލާ ނުވަތަ އުފަން ދުވަސް ފާހަގަ ކުރުން އޮތީ މާލޭގެ ގެއެއްގެ ޓެރެސް މަތީ އެވެ. އެ ހަފްލާއަށް ގިނަ އަދަދެއްގެ ދެ ޖިންސުގެ ޒުވާނުން ގޮސްތިބި ކަމަށް އޭނާ ބުންޏެވެ. ނަތީޖާއެއްގެ ގޮތުން އެރޭ އެ އުފަން ދުވަސް ފާހަގަ ކުރުންވީ އެކުވެރިޔާ އަށް މުޅިން އާ ކަންތައްތަކެއް ފެނުނު ރެއަކަށެވެ.

ގަޑިން ބާރަ ޖެހުމާ އެކު އުފަން ދުވަސް ފާހަގަ ކުރުމުގެ ކަންކަން ފެށިގެން ދިޔަ ކަމަށް އެކުވެރިޔާ ބުންޏެވެ. ފުރަތަމަ ކުރިއަށް ދިޔައީ ކޭކް ފެޅުމާއި ކެއުމުގެ ކަންކަމެވެ. އިރު ކޮޅަކުން "ލެސްޓުސް ގޯ ޕާޓީ" އޭ ބުނެ ޒުވާނަކު ހަޅޭލަވައި ގަތް ކަމަށްވެ އެވެ. މާގިނަ އިރެއް ނުވެ އިވެންފެށި ލަވައެއްގެ އަޑުކަމަށްވެ އެވެ. ސަލާމަތެއް ނެތެވެ. އެމީހަކާއި އެމީހަކު ނަށަން ފެށީ ކަމަށް އެކުވެރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުން ނަމަ އެތަނަށް އެއްވެ ތިބި ދެ ޖިންސުގެ ޒުވާނުންގެ ހަރަކާތްތައް ހުރީ މައިން ދަރިންނަށް ކީކުރަންތޯ އީމާންތެރިކަމެއް ހުރި މީހަކަށް ބަލާލަން ހެޔޮވާވަރުގެ ދަރަޖައިގައެއް ނޫން ކަމަށްވެ އެވެ. ގައި ގޯޅިވުމާއި ބަދުއަހުލާގީ އަމަލުތައް ފާޅުގައި ހިންގީ ލަދެއް ބިރެއް ނެތި ކަމަށްވެ އެވެ. އެކުވެރިޔާ ބުނި ގޮތުގައި އެކަންކަން ފެށުމާ އެކު މާގިނަ އިރެއްނުވެ އޭނާ އެތަނުން އައީ އެވެ. ފަހުން ވީގޮތެއް އޭނާ އަކަށް ނޭނގޭކަމަށް ބުންޏެވެ.

އެކުވެރިޔާގެ އެވާހަކަތައް އެކިއެކި ކަމާ ބެހޭ ވަޒީފާތަކާއި ބައެއް އިސް މަގާމުތައް ފުރުއްވާ ފަރާތްތަކާއި އަހަރެން ހިއްސާ ކުރީމެވެ. އަދި އެމީހުންގެ ފަރާތުން ވެސް އެފަދަ ވާހަކަތައް އަޑުއިވުނެވެ. އަހަރެންނަށް ޔަގީން ކުރެވުނު ކަމަކީ އަހަރެންގެ އެކަމުގެ ތަޖުރިބާއެއް ނެތް ނަމަވެސް "ޕާޓީ" ކުރުމަކީ މިއަދު ރާއްޖޭގައި އާންމު ކަމެއް ކަމުގަ އެވެ.

މީގެ މަހެއްހާ ދުވަސް ކުރީގެ ހާދިސާއާ ގުޅާލެވޭނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފަޅުރަށަކުން ޒުވާނުންތަކެއް ހައްޔަރުކުރި ހާދިސާއާ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއް ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ ވ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އަންބަރާގައި މަސްތުވެގެން ތިބެ "ޕާޓީކުރި" މައްސަލައާ ގުޅިގެން 78 ޒުވާނެއް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 19 އަންހެން ކުދިންނާއި 59 ފިރިހެން ކުދިން ހިމެނެ އެވެ. އަދި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ވާކަމުގެ މައުލޫމާތު ވެސް ލިބެ އެވެ. ކުރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތު 10 ދުވަހަށް ޖަހައިދީފަ އެވެ.

އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަންބަރާ އަށް ފުލުހުން ދިޔަ އިރު އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ބަރަހަނާކޮށެވެ. އަދި އެ ރަށުތެރެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ވެސް ފުލުހުންނަށް ވަނީ ފެނިފަ އެވެ. ޔަގީންވާ ކަމަކީ ދެ ޖިންސުގެ އެޒުވާނުން ތިބީ ފަޅުރަށެއްގައި ނިވާކަން ކުޑަ ހެދުންލައިގެން ކަމެވެ. އެޒުވާނުން ކުރި ކަމަށް ތުހުމަތުކުރަނީ "ޕާޓީ" ކުރިކަމެވެ.

އާއެކެވެ! މިދެއްކީ އަވައްޓެރި ލަންކާގެ ފަޅު ރަށެއްގެ ވާހަކައެއް ނޫނެވެ. ނޫނީ ރިސޯޓެއްގެ ވާހަކައެއް ވެސް ނޫނެނެވެ. ރާއްޖޭގެ ފަޅުރަށެއްގަ އާއި ފުރަމާލޭގައި ދިވެހި ޒުވާނުން ހިންގި ކަމަށް ބުނާ އަމަލުތަކެއްގެ ވާހަކައެކެވެ. ޒުވާނުން ތެރޭގައި ދެ ޖިންސް މަށްސުނިވެ ޕާޓީކުރުން ފަދަ އަމަލުތައް ވަނީ ވަރަށް ގަދައަށް ދެވި ހިފައިފަ އެވެ. އެ ވާހަކަތައް ފޮރުވަން ވެސް ބައެއް މީހުން މަސައްކަތްކުރެ އެވެ. އެއީ ޒުވާނުންގެ ފަރާތުން އައިސްފާނެ އުނދަގުލަކުން ރައްކާތެރިވުމަށެވެ. ރިޕޯޓަށް ކޮމެންޓް ދިން ފަރާތްތަކުން ވާހަކަ ދެއްކީ ނަން ނުޖަހާ ގޮތަށެވެ.

"ޑީޖޭ ބޭއްވުން ނޫނީ ގައި ގޯޅިވެ ބަދުއަހުލާގީ އަމަލުތައް ހިންގުން މިވަނީ މިހާރު އާންމުވެފައި. އެކިއެކި ނަންނަމުގައި އެކަންކަން ދަނީ ކުރަމުން. އެފަދަ ކުށްތައް ހުއްޓުވުމަށް ބޮޑެތި ގިނަ މަސައްކަތްތަކެއް ވެސް ދަނީ ކުރެވެމުން،" ކަމާ ބެހޭ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދިނެވެ.

ބައެއް މަސްދަރުތައް ބުނާ ގޮތުން ނަމަ ޕާޓީ ކުރުމަކީ ރާއްޖޭގައި މިއަދު އާންމު ކަމެކެވެ. އެގޮތުން ވެރިރަށް މާލޭގެ ބައެއް ގޭތަކުންނާއި ފަޅުރަށްރަށާއި ބައެއް ރިސޯޓްތަކުގައި ގިނަ ދިވެހިން ބައިވެރިވާ ގޮތަށް އެފަދަ އަމަލުތައް ދަނީ ހިންގަމުން ކަމަށްވެ އެވެ. ބައެއް ހަފްލާތައް ނަމުގައި ޓިކެޓް ވިއްކައިގެން ބައެއް މުނާސަބަތުތަކާއި ގުޅުވައިގެން އެފަދަ ޕާޓީތައް ބާއްވާ ކަމަށްވެ އެވެ. ގައިގޯޅިވެ އެކިއެކި ހުތުރު އަމަލުތައް ހިންގުން ވަނީ އާންމުވެފައި ކަމަށް ވެއެވެ. ގިނައިން މިފަދަ ކަންކަމުގައި ބައިވެރި ވަނީ ޒުވާނުން ކަމަށްވެ އެވެ. މާދަމާގެ ގައުމުގެ މުސްތަގުބަލް ކަމަށްވާ ޒުވާނުންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ހުރީ ވަރަށް ދަށުދަރަޖާގަ އެވެ.

ރާއްޖޭގެ އަދުގެ ހަގީގަތަކީ ޒުވާނުންގެ ބޮޑު ބައެއް މަގުން ކަސިޔާރުވެފައި ތިބުމެވެ. ފުރާވަރުގެ ކުދިންގެ ކިބައިން ފެންނަނީ ރަނގަޅު ޖީލަކަށް މަގުފަހިވާ ފަދަ މަންޒަރުތަކެއް ނޫނެވެ. މިއަދު މިގައުމުގެ ޒުވާނުންގެ ބޮޑު ބައެއްގެ ހާލަކީ ޖިންސީ އެދުންތަކުގައި ބަދެވިފައި ވުމާއި މަސްތުވެ ބިއްޖެހުމުގެ އިތުރުން ކަންނެތްކަން އިންތިހާއަށް ދިއުމޭ ބުނެވިދާނެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނެރެފައިވާ ޔޫއެންއެފްޕީއޭގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސިއްހީ ދުޅަހެޔޮކަމާއި ދިރިއުޅުމާ ގުޅޭގޮތުން 1،200 އަށް ވުރެ ގިނަ ދިވެހި ޒުވާނުން ހިމަނައިގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި އުމުރުން 18 އާއި 21 އަހަރުގެ ޒުވާނުންގެ ތެރެއިން 92 ޕަސެންޓް ކުދިން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގާފައި ވަނީ ރުހިގެންނެވެ. އަދި އުމުރުން 15 އާއި 17 އަހަރުގެ 85 ޕަސެންޓް ކުދިން ވެސް އަމިއްލަ ރުހުމުގައި ޖިންސީ ގުޅުން ހިންގާފައިވާ އިރު އުމުރުން 15 އަހަރުން ދަށުގެ 65 ޕަސެންޓް ކުދިން ވެސް އަމިއްލަ ރުހުމުގައި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

"ކައިވެނިނުކޮށް ޖިންސީ ގުޅުން ހިންގުމަކީ އިސްލާމްދީނާއި ދިވެހިންގެ އާދަކާދަތަކާ ނުގުޅޭ ކަމަކަށް ވިޔަސް ރާއްޖޭގައި ޅައުމުރުގައި ޖިންސީ ގުޅުން ހިންގާ ކުދިންގެ އަދަދު ގިނަ،" ޔޫއެންއެފްޕީއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މާދަމާ މި ގައުމު ހިންގަން ހަވާލުވަން ތިބި ޒުވާނުންނަކީ އެފަދަ ފާހިޝް އަމަލުތަކުގެ ގަރަގުވެފައިވާ ބަޔަކަށްވާ ނަމަ ގައުމުގެ މުސްތަގުބަލުގެ ހާލާމެދު ވިސްނާލާށެވެ. ބަދުއަހުލާގީ އަމަލުތަކާއި މަސްތުވެ ބިއްޖެހިފައިވާ ޒުވާނުން ދުވަހުން ދުވަހަށް އިތުރުވުމާއި ތައުލީމް ހުރި ނަމަވެސް ކަންކަމަށް އިސް ނެގުމުގައި ޒުވާނުން ފަހަތަށް ޖެހުމާއި ވަޒީފާ އަށް ނުދާ ޒުވާނުން ގިނަވެ ކުއްތަކަށް އަރައިގަތުން އިތުރުވުމަކީ ހިތާމައިގެ ކޮޅެއް ނެތް ފަދަ ހިތާމަހުރި ކަންކަމެވެ. މިއީ ކުޑަކޮށް ދައްކާލައިގެން ހުއްޓާލައިފި ނަމަ މާދަމާ މީގެ ބިރުވަރިކަން އިންތިހާއަށް ދާނެ މައްސަލަތަކެވެ.

ދީނުގެ އަޅުކަންތަކަށް ފަރުވާކުޑަކުރުމާއި ނިވާކަން ކުޑަ ހެދުން ލައި މަގުތައް މަތީ އުޅުމާއި ފާހިޝްއަމަލުތައް ހިންގާ ފިލްމްތަކާއި ލަވަތައް ބެލުމަކީ ރާއްޖޭގެ އާއްމު ހާލަތެވެ. ބަވަނަ ކުރުމުގެ ތެރޭގައި މިވަނީ ރަނގަޅަށް ވެސް ޖެހި ބަދެވިފަ އެވެ. ޕާކުތަކާއި އާންމު ތަންތަނުގައި ބަދު އަހުލާގީ އަމުލުތަކާއި ފާހިޝް އެކިއެކި އަމަލުތައް ހިންގުން އާންމުވެފައިވާ އިރު އެކަންކަމުގައި މައިންބަފައިންގެ ބޮޑު ޒިންމާއެއް ވެ އެވެ.

"ދަރިންނަކީ މައިންބަފައިންނަށް ހަވާލުކުރެވޭ އަމާނާތެއް، އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު، އިސްލާމް ދީނުގައި ތަރުބިއްޔަތުގެ މާނައަކީ ސިއްޙީ ގޮތުންނާއި ބުއްދީގެ ގޮތުންނާއި ރޫހާނީ ގޮތުންނާއި އަޚްލާގީ ގޮތުން އިސްލާމްދީނުގައި އަންގަވާފައިވާ ހަމަތަކުގެ މަތިން ދީނުގެ އިރުޝާދު ތަކުގެ އަލީގައި ކުއްޖާ ތަރުބިއްޔަތު ކުރުން،" ހުކުރު ޚުތުބާއެއްގައި ބުނެފައިވެ އެވެ.

ތައުލިމީ ނިޒާމަށް އިންގިލާބެއް ގެންނަންޖެހެ އެވެ. މަންހަޖަށް ބަދަލުތައް ގެނަންޖެހެ އެވެ. ޒުވާނުން ކަންކަމަށް ހޭލުންތެރިކޮށް ފާހިޝް އަމަލުތަކުން ދުރުކުރަންޖެހެ އެވެ. ހަމައެއާ އެކު ފާހިޝް އަމަލުތައް ހިންގާ ނަމަ ދިރިއުޅުމުގައި ދިމާވާނެ ގޮންޖެހުންތައް ކިޔަވައިދިނުން ނުވަތަ ދިރިއުޅުން ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންކަން ކިޔަވައިދީ ތައްޔާރުކުރަންޖެހެ އެވެ.

"ދަރިވަރުން ކިޔަވާ ނިންމާލާ އިރު ފޮތުން ކިޔެވި އެއްޗަކަށް ވުރެ ބޮޑަށް ދިރިއުޅުމުގެ އަސާސްތައް ކިޔެވުމުގެ ތެރެއިން އެނގެން ޖެހޭ. އެހެންވެ ލައިފް ސްކިލް އެޑިއުކޭޝަންގެ ދަށުން މުޖުތަމައުގައި ދަރިވަރުން އަދާކުރަން ޖެހޭ ޒިންމާތަކާއި މީހުންނާ ގުޅިގެން އުޅޭނެ ގޮތާއި ޖެހޭ މައްސަލަތައް ހައްލު ކުރުން ފަދަ ގިނަ ކަންތައްތަކެއް ކިޔަވައިދޭނެ،" މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ޒުވާނުންގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވި ގޮތުގައި ޒުވާނުން ގޯސްމަގު އިހުތިޔާރުކޮށްފައިވާތީ ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލުމުގައި ވެސް އެކަންކަމަށް އަލިއަޅުވާލައި ހައްލުތަކެއް ހިމަނާފައިވާނެ އެވެ. އެގޮތުން ތައުލީމީ ނިޒާމަށް ބަދަލުގެނައުމާއި ވަޒީފާގެ ފުރުސަތުތައް ދިނުމަކީ ގޯސްމަގު އިހުތިޔާރް ކުރުމުން ދުރުކޮށްދެވޭނެ ކަންކަން ކަމަށް މަލީހު ވިދާޅުވި އެވެ. އަދި ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ފުރުސަތު މިސަރުކާރުން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.

އެކި ނަންނަމުގައި ބަދުއަހުލާގީ އަމަލުތައް ހިންގުން ވަނީ އާންމުވެފަ އެވެ. އެކަންކަމުގައި ބޮޑަށް ޝާމިލް ވަނީ މާދަމާ ގައުމުގެ އެކިއެކި ކަންކަމާއި ހަވާލުވާންތިބި ޒުވާނުންނެވެ. ދުނިޔެ ބަވަނަޔަ ވިޔަސް އިސްލާމުން ހުއްދަ ނޫން ކަމެއް ހަލާލެއް ނުވާނެ އެވެ. އެކަންކަން އާންމުވެއްޖެ ނަމަ އޮތީ މުޅިން ވެސް ދެރަ އެވެ. ޒުވާނުންގެ ވާހަކަ ދައްކާ އިރު މިދެއްނެވި ވާހަކަތައް ދައްކައި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަންޖެހެ އެވެ.

ޒުވާނުން އެއްވެ ޕާޓީކުރާ ވާހަކަ މީގެ ކުރިންވެސް ކޮންމެވެސް ވަރަކަށް ފެންމަތިވި އެވެ. ނަމަވެސް އޭރު ވާހަކަ ދައްކާލާފައި ހުއްޓާލީ އެވެ. ނަމަވެސް އަނެއްކާ ވެސް އެ ކުޅިގަނޑު އާންމުވީ އެހެން ދަރަޖައަކަށެވެ. މަނާ ނަމަވެސް ޒުވާނުންގެ ތެރޭގައި މިއަދު މިވަނީ އެކިއެކި ފާހިޝް އަމަލުތައް އާންމުވެފަ އެވެ. އެއީ މުޅިން މަނާ ކަންކަމެވެ. އެކަމަކު އާންމެވެ. އާންމުވުން އިތުރުވެފައި ވަނީ ލަތުވެތި ކަމެކެވެ. ބަލިމަޑު ކަމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް