ސާކަސްގައި އަންހެނެއްގެ ހުނަރު:
އިންސާނީ ފެން އަރުވާ ވަޑާމެއް ދުށިންތަ؟

އެއީ ޖާދުލެއް ނޫނެވެ. އެއީ ލޯ މައްޗަށް ދައްކާލަށް ދަޅަތަކެއް ނޫނެވެ. އެއީ އިންޑިއާގެ ކެރެލާއަށް އުފަން މެދު އުމުރުގެ އަންހެނަކަށް ލިބިފައިވާ ހުނަރެކެވެ. "ދަ މެޖިކް ސާކަސް އޮފް ސަމޯއާ"ގައި އެ އަންހެން މީހާ އަށް ދީފައިވާ ނަމަކީ "ހިއުމަން ފައުންޓެއިން" އެވެ. މާނައަކީ އެ އަންހެނާއަކީ ފެން އަރުވާ ވަޑާމެކެވެ.

އެއީހަމަ ތެދެކެވެ. ސާކަސްގައި އެންމެ ނޭވާ ހިފަހައްޓާލަންޖެހުނީ އޭނާގެ ހައިރާން ކުރަނިވި ހުނަރެވެ. ސާޅި އަޅައިގެން ހުރި، އެ އަންހެން މީހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭ 20 ލީޓަރުގެ ފެން ބޯލައެވެ. އިންޑިއާގެ ސަގާފީ ގޮތަށް ފަގުޑި އަޅައިގެން ހުރި މީހަކު އެ އަންހެން މީހާއަށް ކަމުދާ ވަރަށް ފެން ބޯން ދެ އެވެ. ހީވަނީ ދެންމެ ދެންމެ ބަނޑު ފަޅާލާފައި ފެންތައް އޮހޮރިގެންފާނެ ހެންނެވެ.
އިންސާނީ ފެންއަރުވާ ވަޑާން ދައްކާލި އަންހެންމީހާ (ކ): އޭނާގެ ހުނަރުން އެތައް ބަޔަކު ސިއްސުވާލި-- ސަން ފޮޓޯ: ހުސައިން ހަސަން

ފެން ބޭރު ކުރީ ހޮޑަށް ކާއެއްޗެހިތަކެއް ދުއްވާލާ ގޮތަށެވެ. އަނގައިން ބޭރު ކުރީ ހަމައެކަނި ފެނެވެ. އެކި ގޮތް ގޮތަށް އަނގައިން ފެން ބޭރު ކުރެ އެވެ. އެއީ ހަމަ ފައްކާ ފެން އަރުވާ ވަޑާމެކެވެ. އޭނާއަށް ލިބިފައިވާ ހުނަރަކީ ހިތަށް އެރި ވަރަކަށް ފެން ބުއިމެއް ނޫނެވެ. އަދި އެއާ އެއްވަރަށް ފެން ބޭރު ކުރުމެއް ވެސް ނޫނެވެ.
ޭ
ދިރޭ މަސްތައް ވެސް އޭނާ ދިރުވާލަ އެވެ. ތިން އިންޗިއެއްވަރުވާ ހަތަރު "ގޯލްޑްފިޝް" ދިރުވާލައި ބަނޑުތެރޭގައި ފަސް މިނިޓެއްހާއިރު ވަންދެން ގެންގުޅެވެ. އެ އައަށް ފަހު އެ މަސްތައް އަލުން އަނގައިން ނެރެލަ އެވެ. އެ ގޯލްޑްފިޝްތަކެއް މަރެއް ނުވެ އެވެ. އޭނާގެ ބަނޑުން ނެރެ އަނގައިން ސާފު ފެނުގެ ތެރެއަށް ވައްޓާލަނީ ފަހަރަކު މަހެކެވެ. ހަތަރު މަސް ވެސް އޭނާގެ އަނގައި ނުކުމެ މަރުން ސަލާމަތްވެ، ފެނުގެ ތެރޭގައި އަލުން ނަށަން ފަށަ އެވެ.
ދަ މެޖިކް ސާކަސް އޮފް ސަމޯއާ: ތަފާތު ހުނަރުތަކާއި ޖާދުލާއި ޖޯކަރެއްގެ މަޖާ އުކުޅުތަކެއް ފެނިގެންދިޔަ-- ސަން ފޮޓޯ: ހުސައިން ހަސަން

އެ ވަރަކުން އޭނާގެ ހުނަރު ފުދުނީއަކީ ނޫނެވެ. ޖަގެއްގައި ފުރާ ހުރި ފެން އޭނާ ބޯލަ އެވެ. އެއަށްފަހު ކުޑަ ލުނބޯ ކޮޅެއް އަނގަޔަށް ލަ އެވެ. ހީވާ ގޮތުން ބަނޑުތެރޭގައި ލުނބޯ ފަނި ގިރާލަނީ ކަންނޭނގެ އެވެ. އިރުކޮޅެއްގެ ތެރޭ ހޯސް ލާފައި އަނގައިގެން ފައިބަން ފެށީ ފެހި ކުލައިގެ ފެނެވެ. ޖަގަކަށް ޖަމާކޮށްލީ ލުނބޯ ފަންޏެވެ.

އިންޑިއާގެ މި އަންހެނާގެ ހުނަރު އަންނަ ޖޫން މަހުގެ 16ގެ ނިޔަލަށް ކާނިވަލުގައި ޖަހާފައިވާ ބޮޑު ސިންގާ ޓެންޓު ތެރޭގައި ކުރިއަށްދާނެ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ޓެންޓު ތެރޭގައި ފެށި ސަކަރާތްގަނޑުގައި ތަފާތު ހަރަކާތްތައް ފެނުނެވެ.

ރޭގަނޑުގެ ޝޯގައި ދެ ގަޑިއެއްހާއިރު ނޭވާ ހިފަހައްޓާލަންޖެހޭ ދަނޑިވަޅާއި ހުނުމުގެ ތެރޭ "އަވަދިވާ" ވަގުތު ވެސް އަންނާނެ އެވެ. ނޭޕާލާއި އިންޑިއާއި ބްރެޒިލް އާއި އިތޯޕިއާއި ސަމޯއާގެ ކުޅަދާނަ އިލްމުވެރިންގެ ހުނަރު ފެނިގެންދިޔަ އެވެ. ކުރިއަށް އޮތް ރޭތަކުގައި ވެސް އެ ހަރަކާތްތައް އެ ޓެންޓު ތެރޭގައި ދެމި އޮންނާނެ އެވެ.

ދަ މެޖިކް ސާކަސް އޮފް ސަމޯއާ: ތަފާތު ހުނަރުތަކާއި ޖާދުލާއި ޖޯކަރެއްގެ މަޖާ އުކުޅުތަކެއް ފެނިގެންދިޔަ-- ސަން ފޮޓޯ: ހުސައިން ހަސަން


ހިމަ ނަރުކޮޅެއްގެ މަތީ ހިނގާ މީހުން ހިނގާނެ އެވެ. ވަލުތަކުގައި އެލި ޖިމްނާސްޓިކް ހަރަކާތް ދައްކާލާނެ އެވެ. އަލިފާން ބޯޅަ އާއި އަލިފާން ދަނޑި ބޭނުންކޮށްގެން ނަށާނެ އެވެ. ސައިކަލްތަކުގައި ސްޓަންޓް ޖައްސާނެ އެވެ. އޯޑިއަންސް ބައިވެރިކޮށްގެން ހަރަކާތްތައް އިތުރަށް ފުރިހަމަކޮށްލަދޭނެ އެވެ.

ދަ މެޖިކް ސާކަސް އޮފް ސަމޯއާ ގްރޫޕުގެ ވެރިޔާ ބްރޫނޯ ލޮޔާލްގެ ހޯސްޓު ކުރުމުން ހިތައް ފިނިކަން ލިބޭނެ އެވެ. އޭނާގެ ހުށަހެޅުންތެރިކަމަކީ ލިބިދޭ އަރާމެކެވެ. މަޖާ މިޒާޖުން ގާތް އެކުވެރިއެއްގެ ގޮތުގައި ފެނާނެ އެވެ.
ސާކަސް އޮފް ސަމޯއާ ގްރޫޕުގެ ވެރިޔާ ބްރޫނޯ ލޮޔާލް: ތަފާތު ހުނަރުތަކާއި ޖާދުލާއި ޖޯކަރެއްގެ މަޖާ އުކުޅުތަކެއް ފެނިގެންދިޔަ-- ސަން ފޮޓޯ: ހުސައިން ހަސަން

ފުރަތަމަ ޝޯގެ ޝަރަފުވެރިކޮށްދެވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހުގެ އިތުރުން ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ތިއްބެވީ އެ ހުށަހެޅުންތެރި ކަމާއި ޝޯގެ ފުރިހަމަކަމުން ހިތްހަމަޖެހިފަ އެވެ.
ސާކަސް އޮފް ސަމޯއާ ގްރޫޕުގެ ވެރިޔާ ބްރޫނޯ ލޮޔާލް: ތަފާތު ހުނަރުތަކާއި ޖާދުލާއި ޖޯކަރެއްގެ މަޖާ އުކުޅުތަކެއް ފެނިގެންދިޔަ-- ސަން ފޮޓޯ: ހުސައިން ހަސަން
ގުޅޭ ޓެގު
comment ކޮމެންޓް