"ބުރޯ ދީބަލަ 10 ރުފިޔާ"

މިދިޔަ ހަފްތާގެ ރެއެކެވެ. އެކުވެރި އަންހެން ކުއްޖަކާއެކު ވާހަކަ ދައްކާލުމަށް އާޓިފިޝަލް ބީޗްގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން އިނީމެވެ. ދެ މީހުން ދެމެދުގައި ވާހަކަ ދެކެވެމުންދިޔައީ ޝައުގުން ފުރިފައިވާ މައުލޫއަކަށެވެ. ނަމަވެސް ވަކި ހިސާބަކުން މީހަކު ވަނީ އަހަރުމެންގެ ވާހަކައިގެ ދޭތެރެއަށް ވަނެވެ. އެއީ ޒުވާން ފިރިހެން ކުއްޖެކެވެ. އޭނާ ހުރީ ދެއަތައް ގުޑި ގުޑި އެވެ. ވާހަކަދައްކަމުން ދިޔައީ އަނގަ ދަމަމުން ކަހަލަ ގޮތަކަށެވެ. އޭނާ އަހަރެން ގާތު ސަލާންޖެހި އެވެ. މޮޅު ވާހަކަ ދައްކައި ފައިސާ ހޯދަން މަސައްކަތް ކުރި އެވެ. އޭނާގެ ޑްރާމާ ވެސް މޮޅެވެ.

"ބުރޯ އަހަރެން މިއަދު ރިސޯޓުން މި އައީ. އައިތަނާ ބަޔަކު ތަޅައިގެންފައި ވޮލެޓާއި ހެދުންކޮޅުވެސް އަތުލައިފި. މަ ނުވެސް ކައި މިހުރީ. މާދަން ދެން ރިސޯޓަށްވެސް ދެވޭނީ. ދީބަލަ 100 ވަރަކަށް ރުފިޔާ. ހަމަ ހުވާ ކޮށްފަ މިބުނީ،" އެއީ އޭނާގެ ޑްރާމައިގެ އެއްބައެވެ.

އޭނާ އަކީ ކުރިންވެސް ދަންނަ މީހެއް ކަމުން އޭނާގެ މަގުސަދު އަހަންނަށް ވަރަށް ސާފެވެ. އޭނާ އެރޭ އާޓިފިޝަލް ބީޗްގައި ތިބި އެންމެން ކައިރިއަށޭ ބުނެވޭގޮތަށް ސަލާންޖަހަން ދިޔަ އެވެ. އެކި މީހުންނަށް ދެއްކީ އެކި އުޒުރެވެ. އޭނާގެ މަގުސަދަކީ ފައިސާ ހޯދުމެވެ.

މިފަހަކަށް އައިސް އަހަރެންނަށް މިއުޅެނީ މާ ބޮޑު ކަމަކާ ލައިގަނެން ނެވެ. ލަދުވެތި ކަމެކެވެ. އުނދަގޫ ވާ ކަމެކެވެ. އެއީ މަގުމަތިން ފިރިހެން ވެރިން އަހަރެން ހިފަހައްޓަނީ އެވެ. ސަލާން ޖަހަނީ އެވެ. މޮޅެތި ވާހަކަތައް ދައްކައިގެން ފައިސާއަށް އެދި ސަލާންޖަހަނީ އެވެ. ބައެއް ފަހަރު ހުޅުމާލެއަށް ނުދެވިގެން ޓިކެޓެއް ނެގުމަށް ފައިސާ ހޯދުމަށެވެ. އަނެއްބައި ފަހަރު ބޭހެއް ގަނަންޖެހުމެވެ. އަނެއް ބައިފަހަރު ފެން ބޮވައިގަނެގެން ފެންފުޅިއެއް ގަތުމަށެވެ. އަނެއްބައިފަހަރު ބަނޑުހައިވެގެނެވެ.

ދިމާވި އެ ހާދިސާތައް އަހަރެން ކޮފީތަކުގައި އެތައް ބަޔަކާ ހިއްސާކުރީމެވެ. އާދަޔާއި ހިލާފުކަމަކީ އެ ވާހަކަތައް ކިޔައިދޭ ކޮންމެ ރައްޓެއްސަކު ވެސް އެމީހަކަށް ދިމާވެފައިވާ އެފަދަ ވާހަކައެއް ކިޔާދޭތީ އެވެ. އެތައް ބަޔަކާ އެ ވާހަކަ ހިއްސާކުރި އިރު އެކަހަލަ ކަމެއް ދިމާ ނުވާ މީހަކު މަދޭ ބުނެވިދާނެ އެވެ. މިއީ ވަރަށް އާންމުކަމެކެވެ.

"އަހަރެން އެއް ދުވަހު ގޭ ކަންމަތީ މަޑުކޮށްލައިގެން ހުއްޓާ އައިސްފި ޅަވަރު ފިރިހެން ސޮރެއް. އައިގޮތަށް އައިސް ބުނި ބޭހެއް ނުގަނެވިގެނޭ 150ރ. ދީބަލާށޭ. ދެން މަބުނެފިން އާސަންދައިން ދޭނޭ. ބުނީމަ އިތުރު ސުވާލެއް ނުކޮށް ހިނގައްޖެ. އަނެއްކާ ފައިސާ ދޭށޭ ބުނާއިރު އެއްވެސް ލަދުވެތިކަމެއްވެސް ނުހުރޭ. ހީވަނީ މަގޭ އަތުގައި އޮތް އޭނަގެ ފައިސާ އެއްޗެއް ހެން،" އެކުވެރިޔަކު އޭނާއަށް ދިމާވި ހާދިސާއެއް ކިޔާ ދެމުން ބުންޏެވެ.

އަހަރެން ބެލިބެލުމުން އެގޮތަށް ފައިސާ ހޯދަން އުޅޭ ނޫކަށި ފުރައިގެ ޒުވާނުން ގިނަކަން އަހަރެންނަށް ފާހަގަވި އެވެ. އަމިއްލައަށް މަސައްކަތް ކޮށްގެން ފައިސާ ހޯދޭނެ ވަރުގައިގައި ހުރި ޒުވާނުންނެވެ. މަތީ ތައުލީމް ހާސިލް ކުރާ އުމުރުގެ ޒުވާނުންނެވެ. އޭގެ ތެރެއިން ސަލާން ޖަހަން އުޅޭ ގިނަ މީހުންނަކީ "މަސްތުވާ" ޒުވާނުން ތިބޭ ގޮތަށް ތިބޭ ޒުވާނުންނެވެ.

އެގޮތަށް ފައިސާ ހޯދަން އުޅޭ މީހުން އެންމެ ގިނައިން ހަރަކާތްތެރި ވަނީ މީހުން ގިނަ ހިސާބުތަކުގަ އާއި މަގުތަކުގަ އެވެ. ހިތްގައިމު މާހައުލުތަކުގައި ހިތްހަމަޖައްސާލުމަށް ގޮސް ތިބޭ މީހުން ކައިރިއަށް ވެސް އެފަދަ ޒުވާނުން ސަލާން ޖަހަން ދާކަމަށްވެ އެވެ. އަދި ފިހާރަތަކަށް ވަދެ ސަލާންޖަހާ ކަމަށް ވެސް ވެ އެވެ.

"މިފިހާރައަށް އަންނާނެ ވަރަށް ގިނައިން. ދެން އައިސް ބުނާނެ ދީބަލާށޭ 10ރ. ނޫނީ ފެންފުޅިއެއް. ކޮންމެ ވެސް މޮޅު ވާހަކައެއް ވެސް ދައްކާނެ. އަހަރެމެން މިހާރު ފައިސާއެއް ނުދެން އެހެން އަންނަ މީހުންނަކަށް،" ސަން މީޑިއާ ކައިރި ހުންނަ ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

ފާހަގަވެފައިވާ ގޮތުގައި އެފަދަ މީހުންގެ ޑްރާމާ އާއި ވާހަކަ ވަރަށް މޮޅެވެ. ފެރީ ޓާމިނަލް ސަރަހައްދުން ސަލާން ޖަހާނަމަ ބުނާނީ ޓިކެޓެއް ގަންނާނެ ފައިސާ ނެތް ކަމަށެވެ. އޭޓީއެމްއެއް ކައިރިން ސަލާން ޖަހާނަމަ ބުނަނީ ކޭޝް ކާޑް ހަލާކުވީ ކަމަށެވެ. ކެފޭއެއްގެ ދޮށުން ނަމަ އުޅޭނީ ބަނޑުހައިވެގެންނެވެ. ހޮސްޕިޓަލެއް ކައިރިންނަމަ ބުނާނީ ޑޮކްޓަރަށް ނުދެއްކިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނައިން ޝަކުވާ ލިބޭ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ އަތުލަމުންދާކަމުގެ، ފުލުހުން ދަނީ އެފަދަ މައްސަލަތައް ވަރަށް ސީރިއަސް ކަމާއެކު ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޒުވާނުން އެގޮތަށް ސަލާންޖެހުން އާންމު ވަނީ ކީއްވެބާ އެވެ؟ ޖަވާބު ހޯދާލާކަށް މާ އުނދަގުލެއް ނޫނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ވަޒީފާއެއް ނެތި 38493 ދިވެހިން ރާއްޖޭގައި އެބަތިއްބެވެ. މުޅި ރާއްޖޭގައި ވަޒީފާ ނެތް ދިވެހިންގެ ނިސްބަތް 28.1 ޕަސެންޓެވެ. އޭގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ޒުވާނުންނެވެ.

"ގިނަ ޒުވާނުން ވަޒީފާއަކަށް ނުދޭ. އެކަމަކު އެމީހުން ޖެހޭ ބަރާބަރަށް ސިގިރޭޓްވެސް ބޯން. ސައިކަލްވެސް ދުއްވަން. އަދި ނުވިތާކަށް މަސްތުވާން ވެސް. ދެން ޖެހޭނީ ސަލާން ޖަހަންށެނު،" އަހަރެންގެ ސުވާލަށް ޖަވާބު ދެމުން އެކުވެރިޔަކު ބުންޏެވެ.

އެނގޭ އެއްޗަކީ މަގުމައްޗަށް ނުކުމެ ފައިސާ ހޯދަން ސަލާން ޖެހުމަށް ވުރެ މާ ރަނގަޅު ގޮތްގޮތް އެފަދަ ޒުވާނުންނަށް އޮންނާނެ ކަމެވެ. އަދި މީހުން މަގުމަތިން ހިފަހައްޓައި ސަލާން ޖަހާ އާދޭސް ކުރުމަކީ ތަހުޒީބީ މުޖުތަމައުއަކުން ފެންނަންވާނެ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު ފެންނަ ހަގީގަތަކީ "ބުރޯ ދީބަލަ 10ރ." ކިޔަމުން ޒުވާނުން ގިނަކަމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް