ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ ސަރުކާރާ ގުޅޭގޮތުން ކުރައްވަމުން ގެންދަވާ ތުހުމަތުތައް ރައްޔިތުން ބަލައިނުގަންނަކަން ދައްކުވައިދީފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ގާސިމް ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބާއި އިއްޔެ އޮތް މަޖިލީސް އިންތިޚާބު ވެސް ޕީއެންސީއަށް ކާމިޔާބުވުމުގެ ފަހަތުގައި އޮތީ، އިޚްލާޞްތެރި ކަމާއެކު ރައީސް ޑރ. މުޢިއްޒާއި އެ މަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ނަތީޖާ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ޕީޕީއެމް ޕީއެންސީން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅީ ޔާމީނެވެ. ރައީސް ޑރ. މުޢިއްޒު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖެހިގެންދިޔައީ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކުރުމުންނެވެ.
އެ އިންތިޚާބުގެ ކެމްޕޭނުގައި ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ތަކުރާރުކޮށް ވައުދުވެ ވަޑައިގަތެވެ. އަދި ކެމްޕޭން ޖަލްސާތަކުގައި ޕީޕީއެމް ޕީއެންސީގައި ޔާމީނަށް އޮތް އިޙުތިރާމާއި ލޯބި ދެއްކުމުގެ ގޮތުން އެ މަނިކުފާނުގެ ނަމުގައި ބެހެއްޓި ހުސްގޮނޑިއަށް ވެސް ގިނަ ބައެއްގެ ސަމާލު ކަމަށް އައެވެ.
އެއާއެކު ސަރުކާރާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންގެ މެދުގައި ޔާމީނަށް އޮތް ތާއީދު ބޭނުން ހިއްޕަވައިގެން ކަމަށެވެ.
މިކަމާ ގުޅިގެން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ބޮޑު ކާމިޔާބީއެއް ހޯދިއިރު، އިންތިޚާބުގެ ކެމްޕޭނުގައި ސަރުކާރުން ހުސްގޮނޑިއެއް، ނުވަތަ ވަކި ބޭފުޅެއްގެ ފޮޓޯއެއް ވެސް ބެހެއްޓިތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާއެއް ނޫންކަން މިއަދު ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެ ވަނީ އެނގި ކަށަވަރުވެފައެވެ،" އެކްސްގައި ގާސިމް ވިދާޅުވެފައިވެއެވެ.
އިތުރަށް ގާސިމް ވަނީ، އޭނާގެ އެދިވަޑައިގަތުމުގެ މަތީން ނޫން ވިޔަސް، މާމިގީލީ ދާއިރާގެ މެންބަރުކަމަށް ސަރުކާރުން ކެންޑިޑޭޓަކު ނުނެރި، އޭނާއަށް ތާއީދު ކުރުމުން އެކަމަށް ޓަަކައި ރައީސް ޑރ. މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ.
ގާސިމް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންވަނީ ރައީސް މުޢިއްޒަށް ހުރިހާ ސިފައެއްގައި ވެސް ތާއީދުކޮށްފައެވެ.
އިއްޔެ އޮތް މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން އިންތިޚާބުކުރިއިރު، އޭގެ ތެރެއިން ވަގުތީ ނަތީޖާ ދައްކާ ގޮތުން 65 ގޮނޑި ކާމިޔާބުކޮށް ޕީއެންސީން ވަނީ ކުރިޔަށް އޮތް މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.