ގެއްލުނު މަސްދޯނި ހޯދުމަށް ޔޫއޭވީ ބޭނުން ކުރަން ފަށައިފި

ދިވެހި އަސްކަރިއްޔާގައި ބޭނުންކުރާ ޑްރޯން -- ފޮޓޯ: ރައީސް އޮފީސް

މ. މަޑުއްވަރިން އެ އަތޮޅު ރަތްމަންދޫ ކައިރިއަށް އިއްޔެ މަހަށް ގޮސް އުޅެނިކޮށް ގެއްލުނު ދޯނި ހޯދަން އެމްއެންޑީއެފް ވައިގެ ބާރުން އަލަށް ބޭނުންކުރަން ފެށި ޔޫއޭވީ ބޭނުންކުރަން ފަށައިފިއެވެ.

މ. މަޑުއްވަރިން އެ އަތޮޅު ރަތްމަންދޫ ކައިރިއަށް އިއްޔެ ދިޔަ ދޯނި ގެއްލިގެން އެ ކަން ސަމާލުކަމަށް އައިސްފައިވަނީ ރޭގައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ވައިގެ މަގުންނާއި ކަނޑުމަގުން ގެއްލުނު މަސްދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފުން ބުނީ ގެއްލުނު ދޯނި ހޯދުމަށް މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމަށެވެ. ނަމަވެސް އަދި ފެނިފައިނުވާކަމަށާއި އެހެންވެ، ހުއްޓުމެއްނެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މަޑުއްވަރީ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ނިޝާމް އިއްޔެ ވިދާޅުވީ އެ ރަށުން އިއްޔެ މަހަށްދިޔަ "ފަރިހި" ނަމަކަށް ކިޔާ ދޯންޏެއް ގެެއްލިފައިވާ ކަމަށެވެ.

އެގޮތުން އެ ދޯނި މަހަށް ފުރީ އިއްޔެ ހަވީރު 4:00 ހާއިރު ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެ ދޯނިން މަހަށް ދިޔައީ ދެ ފިރިހެނުން ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީގެ ކުރިން އެ ދޯނިން މަހަށް ދިޔައީ ދެ މީހުން ކަމަށް މައުލޫމާތު ލިބުނަސް، ތިން މީހުން އެ ދޯނިން މަހަށް ގޮސްފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވާ ކަމަށެވެ. އަދި އެ މީހުންނަކީ ކ. މާފުށިން އައި ބައެއް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ނިޝާމް އިއްޔެ ވިދާޅުވީ މަހަށް ދިޔަ މީހުންގެ ޚަބަރެއް ނުވާތީ އެ މީހުންގެ ފޯނަށް ވެސް ނުގުޅޭ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކަނޑު މައްޗަށް މަހަށްދާ ދޯނިތައް ގެއްލޭ ހާދިސާތައް މަދުން ނަމަވެސް ދިމާވެއެވެ.

comment ކޮމެންޓް