މަޑުއްވަރިން މަހަށްދިޔަ ދޯންޏެއް ގެއްލިގެން ހޯދަނީ

މ. މަޑުއްވަރީ ---

މ. މަޑުއްވަރިން އެ އަތޮޅު ރަތްމަންދޫ ކައިރިއަށް މިއަދު މަހަށް ދިޔަ ދޯންޏެެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

މަޑުއްވަރީ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ނިޝާމް ވިދާޅުވީ އެރަށުން މިއަދު މަހަށްދިޔަ "ފަރިހި" ނަމަކަށް ކިޔާ ދޯންޏެއް ގެެއްލިފައިވާ ކަމަށެވެ.

އެގޮތުން އެ ދޯނި މަހަށް ފުރީ މިއަދު ހަވީރު 4:00 ހާއިރު ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެ ދޯނިން މަހަށް ދިޔައީ ދެ ފިރިހެނުން ކަމަށެވެ.

"އެ ދޯނީގެ ވެރިފަރާތުން މައުލޫމާތު ދޭ ގޮތުން މިރޭ 8:00 ޖަހާއިރު އެމީހުން އަންނާނެ ކަމަށް ބުނީ" ނިޝާމް ވިދާޅުވިއެވެ.

އެ ދޯނިން މަހަށް ދިޔައީ މާލެއިން އެރަށަށް އައިސްފައިވާ ދެ މީހުން ކަމަށާއި މަހަށް ދިޔައީ ރަތްމަންދޫ ބޮއި ކައިރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާމް ވިދާޅުވީ މަހަށް ދިޔަ ދެމީހުންގެ ޚަބަރެއް ނުވާތީ އެމީހުންގެ ފޯނަށް ވެސް ނުގުޅޭ ކަމަށެވެ.

އެހެންވެ، އެ މައްސަލަ އެމްއެންޑީއެފާ ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކަނޑު މައްޗަށް މަހަށްދާ ދޯނިތައް ގެއްލޭ ހާދިސާތައް މަދުން ނަމަވެސް ދިމާވެއެވެ.

comment ކޮމެންޓް