ސިންގަޕޫރުގައި މިސްކިތަށް އޫރު މަސް ވެއްދި މީހަކު 12 ހަފުތާއަށް ޖަލަށް

ސިންގަޕޫރުގެ އަލް އަންސާރުގައި ބަހައްޓައިފައިހުރި އޫރު މަސް ބަންދުކުރި ދަޅު.ފޮޓޯ/ރެޑިޓް

ސިންގަޕޫރުގައި ކާބޯތަކެތި ޑެލިވަރީކޮށްދޭ މީހަކު މިސްކިތަށް ގަސްދުގައި އޫރު މަސް ވެއްދި މައްސަލައެއްގައި 12 ހަފުތާއަށް ޖަލަށް ލައިފިއެވެ.

އިއަން ޕޯ ކިޔާ އުމުރުން 30 އަހަރުގެ އެ މީހާއަށް ޖަލު ހުކުމް އިއްވީ އިއްޔެއެވެ.

އޭނާއަށް ޖަލު ހުކުމް އިއްވައިފައިވަނީ ދީނީ ނުވަތަ ނަސްލީ ޖަމާއަތްތަކުގެ މެދުގައި ނަފްރަތު އުފެދޭ ފަދަ އަމަލެއް ހިންމުގެ ދައުވާއަށް އެއްބަސްވުމުންނެވެ.

މިސްކިތުގައި ގަސްދުގައި އޫރު މަސް ބަހައްޓައިފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

އޭނާ އެކަން ކުރީ އޫރު މަހަކީ މުސްލިމުން ކެއުން ހަރާން ކުރައްވަފައިވާ މަހެއްކަން އެނގިހުރެ ކަމަށާއި އެއީ މަސްޖިދު އަލް އަންސާރަށް ނަމާދަށް ދާ މީހުން ރުޅި އެރުވުމަށް ކުރި ކަމެއް ކަމަށް ވެސް ސިންގަޕޫރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަލް އަންސާރު މިސްކިތުގައި ހުރި ހަރުގަނޑެއްގައި ބަހައްޓައިފައިވަނީ އޫރު މަސް ބަންދުކުރި ދެ ދަޅެވެ. އެ ދެ ދަޅަކީ ސިންގަޕޫރުގެ ސުޕަމާކެޓަކުން ޕޯ ގަނެފައިވާ ދެ ދަޅުކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.

ޕޯއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް 2023 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖޫން އެއްވަނަ ދުވަހުގެ ނިޔަލަށް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތުގައި ބަންދުކޮށްފައި ހުރި މީހެކެވެ.

ޕޯގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭނާއަށް މީގެ ކުރިން 2021 ވަނަ އަހަރު ވަނީ ސައިކިއޭޓްރިކް އެޕިސޯޑްތަކެއް އައިސްފައެވެ.

އޭގެފަހުން 2022 ވަނަ އަހަރު އޭޕްރީލު މަހު ވެސް އެގޮތަށް އެޕިސޯޑުތަކެއް އައިސްފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެ ދެ ފަހަރު ވެސް އަމިއްލައަށް މަރުވުމަށް މީހަކު ބުނާ އަޑު އޭނާއަށް އިވޭ ކަމަށް ޕޯ ބުނެފައިވެއެވެ.

އަދި ޕޯ އަކީ ތެރަހުން ވަސް ބަލައި، ކޯފް ސިރަޕް ބޮއެ، މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހެއް ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް