މިސްކިތު ވަޒީފާއަށް މި ފަހަރު ބޮޑު ތަރުހީބެއް ލިބިއްޖެ

މެއި 26، 2020: ފުރުގާން މިސްކިތް ބަލަހައްޓާ ބިދޭސީ މީހަކު، މިސްކިތް ދޮރުކައިރީ މަޑުކޮއްލައިގެން - ސަން ފޮޓޯ/ ފަޔާޒު މޫސާ

މަލޭ ސަރަހައްދުގެ މިސްކިތްތައް ބަލަހައްޓަން ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ހޯދަން މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ތަކުރާރުކޮށް އިއުލާނުކޮށްގެން ވެސް ނުލިބުނު ތަރުހީބު، އެންމެ ފަހުން ލިބިއްޖެއެވެ.

މިސްކިތްތަކުގައި މަސައްކަތްކުރަން ދިވެހީން ހޯދަން އެންމެ ފުރަތަމަ އިއުލާނުކުރީ ނިމިދިޔަ މަހުގެ 22ވަނަ ދުވަހެވެ.

ނަމަވެސް އެއިރު އިއުލާނުކުރުމުން އެ ކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އަލުން އިއުލާނުކުރުމުން މިހާރު ވަރަށް ގިނަ ބަޔަކު ކުރިމަތިލާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެގޮތުން ކައުންސިލުގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ "ސަން"އަށް ވިދާޅުވީ މިހާރު 230 މީހަކު ވަޒީފާތަކަށް ކުރިމަތިލައިފައިވާ ކަމަށެވެ.

އެއީ ބޭނުންވާ މިންވަރަށްވުރެ ވެސް އިތުރު އަދަދެއް ކަމަށާއި މިހާރު ކުރިއަށްދަނީ އިންޓަވިއު މަރުހަލާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަހަރު އެހާ ތަރުހީބު ލިބުނީ މިސްކިތްތައް ކައިރިއާއި އެހެނިހެން ގޮތް ގޮތުން ވަޒީފާގެ ފުރުސަތުތަކަށް ހުޅުވައިލައިފައިވާކަން އިޝްތިހާރުކުރުމުންނެވެ.

މުވައްޒަފުން ބޭނުންވެގެން ހޯދަން އިއުލާނުކުރި މަގާމުތަކާއި އަދަދުތައް:

  • މޭސަން، 2 - މުސާރަ - 15,000 ރުފިޔާ
  • ވެލްޑާ، 2 - މުސާރަ - 15،000 ރުފިޔާ
  • ކާޕެންޓާ، 1 - މުސާރަ - 15،000 ރުފިޔާ
  • ޕްލަމްބާ، 1 - މުސާރަ - 15،000 ރުފިޔާ
  • އިލެކްޓްރިޝަން، 1 - މުސާރަ - 15،000 ރުފިޔާ
  • ޓެކްނީޝަން، 2 - މުސާރަ - 15،000 ރުފިޔާ
  • ސުޕަވައިޒަރު، 5 - މުސާރަ - 5020 ރުފިޔާ އަދި 1،500 ރުފިޔާގެ
  • ސާވިސް އެލަވަންސް
  • ކައުންސިލް އެސިސްޓެންޓް (ފޮޅާ ސާފުކުރާ މީހުން)، 110 - މުސާރަ - 12،000 ރުފިޔާ
  • ކައުންސިލް އެސިސްޓެންޓް (މަރާމާތުކުރާ މީހުން)، 5 - މުސާރަ - 12،000 ރުފިޔާ
  • އެޑްމިން އޮފިސާ، 3 - މުސާރަ - 4،465 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ

މިހާރު މާލޭ މިސްކިތްތައް ބަލަހައްޓަނީ ސާފުކުރުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބިދޭސީން ލައްވައެވެ.

comment ކޮމެންޓް