ފަހު ދިހައެއްގައި އިކޮނޮމިކް މިނިސްޓްރީން ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިކޮނޮމިކް މިނިސްޓްރީން ޚިދުމަތްދޭނެ ގަޑިތައް މިއަދު އާންމު ކޮށްފިއެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީން މިއަދު ގެޒެޓުގައި އާންމު ކުރި އިއުލާނެއްގައި ވަނީ އެ މިނިސްޓްރީން ޚިދުމަތްތަށް ފޯރުކޮށްދޭ ވަގުތުތައް އާންމުކޮށްފައެވެ.

އެގޮތުން އެ މިނިސްޓްރީން ބުނީ ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރާނީ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށް ކަމަށެވެ.

އަދި، މި މުއްދަތުގެ ތެރޭގައި ޚިދުމަތަށް އެދެމުންދާ މިންވަރު އިތުރުވެއްޖެނަމަ، މިނިސްޓްރީން އާންމުކޮށްފައިވާ ސާވިސް ޕްރޮސެސިން ގަޑިތަކަށް ބަދަލު އަންނާނެކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އަދި އެ މިނިސްޓްރީގެ ވިޔަފާރިއާބެހޭ ޚިދުމަތަށް އެދުމަށް ވަންގަވް ނުވަތަ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެ ކަންވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފޮރިން އިންވެސްޓްމަންޓާ ބެހޭގޮތުން މައުލޫމާތު ހޯދަން ނުވަތަ ހުށަހަޅާފައިވާ އެޕްލިކޭޝަނަކާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ބޭނުންވާ މީހުންނަށް ޚިދުމަތް ދިނުމަށް ޓަކައި، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށް އޮފީސް ހުޅުވިފައި ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ގަޑީގައި މިނިސްޓްރީއަށް ގުލާ މައުލޫމާތު ސާފު ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި މުވައްޒަފަކާ ސީދާ ބައްދަލުކުރައްވަން ބޭނުންވާ މީހުންނަށް 3333181 ނުވަތަ 3333182 ނަމްބަރަށް ގުޅާ އެޕޮއިންޓްމަންޓް ހެދުމުން ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ހަމަޖެއްސެވުމާއި ގުޅިގެން ސަރުކާރުގެ ގިނަ މިނިސަޓްރީތަކާއި އިދާރާތަކުން އަންނަނީ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަމުންނެވެ.

comment ކޮމެންޓް