އިންތިޚާބުގައި ވާދަކުރަން ރަޝީދު ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

ހިތަދޫ ދެކުނުދާއިރާގެ މެންބަރު އަހުމަދު ރަޝީދު --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ޓަކައި ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމަވައިފިއެވެ.

މި މައްސަލައިގައި ހައިކޯޓުގެ ރެޖިސްޓްރާގެ ނިންމުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެ މީހެއްގެ ނަން ނަގައި، އަލުން އިންތިޚާބުގައި ކުރިމަތިލާ މީހެއްގެ ގޮތުގައި ހިމެނުމަށް މެންބަރު ރަޝީދު ހުށަހެޅުއްވި ހުށަހެޅުމަކީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 16ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމަކީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 21ވަނަ މާއްދާގެ ރ އަދި ބގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމުގައި ނުބެލެވޭތީ، އެ ގާނޫނުގެ 16 އަދި 21ވަނަ މާއްދާއާ ހަވާލާދީ ހައިކޯޓުގެ ރެޖިސްޓްރާވަނީ މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އަންގަވާފައެވެ.

އެ ގާނޫނުގެ 21ވަނަ މާއްދާގެ ބ ގައި އޮންނަނީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާއަށް މި މާއްދާގެ ރގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އެންގި ސަބަބާމެދު އެ މީހަކު ހިތް ހަމަނުޖެހޭނަމަ، އަދި އެ ސަބަބަކީ އެ އިންތިޚާބަށް އެ މީހަކު ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާ ނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް އަދި އެ ނޫން ކަމަކާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާނަމަ، އެ މައްސަަލައެއް ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެ މީހަކަށް ލިބިގެންވާ ކަމަށެވެ.

ރަޝީދުގެ ހުށަހެޅުއްވުން ގަބޫލުކޮށް، "ކެންޑިޑަސީ ގަބޫލުކުރިކަމުގެ ލިޔުން" އީސީން އޭނާއަށް ދިނީ 14 ފެބްރުއަރީގައެވެ. ޖެހިގެން އައި 15ވަނަ ދުވަހު އޭނާވަނީ "ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އީސީއަށް ހުށަހަޅުއްވާފައެވެ. އަދި 16 ފެބްރުއަރީގައި އީސީން ވަނީ ރަޝީދު އެދިވަޑައިގަތް ގޮތަށް، "ނަން އަނބުރާ ގެންދިއުމުން ދޫކުރާ ލިޔުން" ދީފައެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވުމަށް ފަހު ރަޝީދު އަނބުރާ ނަން ނެންގެވީ ރޯދަމަހުގައި އޮންނަ އިންތިޚާބެއްގައި ވާދަ ކުރައްވަން ބޭނުންނުވާ ކަމަށް ވިދާޅުވެއެވެ.

މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަމަ ކަނޑައެޅީ 17 މާޗުގައެވެ. ނަމަވެސް ރޯދަމަސްތެރޭގައި އެއްވެސް އިންތިޚާބެއް ނުބޭއްވޭ ގޮތަށް މަޖިލީހުން ވަނީ ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ. އެހެންވެ، މަޖިލިސް އިންތިޚާބު 21 އޭޕްރީލްއަށް ފަސްކުރީއެވެ.

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ޝުއާއުއާއި ޕީއެންސީގެ ކެންޑިޑޭޓު އަދި ދިޔަރެސް ނޫހުގެ ވެރިޔާ، އަހުމަދު އަޒާން ވެސް ވާދަ ކުރައްވައެވެ.

comment ކޮމެންޓް