ފޮތަކާ ނުލާ އަމީރާ ކިޔައިދިނީ ރޯޒީގެ ދަތުރުގެ ވާހަކަ

އަމީރާ އޭނާގެ ފޮތް "ރޯޒީ ދި ރެއިން ޑްރޮޕްސް އެޑްވިންޗާ، ދި ވޯޓާ ސައިކަލް"އާއެކު

ޓިކްޓޮކް ހުޅުވާލާ ކޮންމެ ފަހަރަކު ފެންނަނީ އަމީރާ އޮސްމަންއަގިޗް، އޭނާ ލިޔުނު "ރޯޒީ ދި ރެއިން ޑްރޮޕްސް އެޑްވިންޗާ، ދި ވޯޓާ ސައިކަލް" ކިޔާ ވާހަކަ ފޮތެއްގެ ވާހަކަ މާ ބާރަށް ދައްކާތަނެވެ. ތުއްތު ކުދިންނަށް ޚާއްސަކޮށް ފުރަތަމަ އިނގިރޭސި ބަހުން ނެރުނު މި ވާހަކަ ފޮތުގެ ސަބަބުން ކުދިންނަށް ދަސްވާނެ ކަންކަމުގެ ވާހަކައާއި ބެލެނިވެރިން އެ މީހުންގެ ތުއްތު ކުދިންނަށް މި ފޮތް ގަންނަންވީ ސަބަބު އަމީރާ ކިޔައިދެއެވެ. އަދި ފޮތް ޚާއްސަވާ ސަބަބުތައް ވެސް އަމީރާ ވަރަށް ގިނައިން ކިޔައިދެއެވެ. މިފޮތަށް ލިބުނު ތަރުހީބު ބޮޑުވެ އަމީރާ ވަނީ އެންމެ ފަހުން މި ވާހަކަ ދިވެހި ބަހުން ވެސް ނެރެފައެވެ.

މި ފޮތް މާ ޚާއްސަވާ ސަބަބެއް ހޯދަން ކުރެވުނު ދަތުރުގައި އަމީރާ އަތުޖެހިއްޖެއެވެ. އަދި މި ފޮތުގެ ވާހަކައާއި އޭނާގެ އަމިއްލަ ވާހަތައް ވެސް ވާހަކަ ފޮތެއްގެ ސިފައިގައި ނޫނަސް އަމީރާ ކިޔައިދީފިއެވެ.

ލިޔުމަށް އޮތް ލޯބިން ފޮތެއް ލިޔުމުގެ ޚިޔާލެއް

އަމީރާގެ މަންމަ ޚަދީޖާ ސާމިޔާއަކީ އައްޑޫ މީހެކެވެ. އޭނާގެ ބައްޕަ އެޑިން އޮސްމަންއަގިޗް އަކީ ބޮސްނިޔާ މީހެކެވެ. ނަމަވެސް، އަމީރާ އުޅެ ބޮޑުވީ އައްޑޫގެ ހިތްގައިމުކަމުކަމާއި ފެހި ކަމުގެ ތެރެއިންނެވެ. ބައްޕައަކީ ބޭރުމީހެއް ކަމުގައި ވީނަމަވެސް، އެކަމުގެ ސަބަބުން އަމީރާގެ ދިވެހިން ވާހަކަ ދެއްކުމުގެ ހުނަރަކަށް ކުޑަވެސް ހީނަރުކަމެއް ނާދެއެވެ. އެންމެ ކުޑައިރު ވެސް، އެހެން ކުދިންނެކޭ އެއްފަދައިން އަމީރާ ދިވެހިން ވާހަކަ ދައްކާ ލިޔެހަދައެވެ.

އޭނާ އެންމެ ޝައުގުވެރިވާ އެއް ކަމަކީ ލިޔުމެވެ. އެހެންކަމުން 2018 އާއި 2021އާ ދެމެދު އައްޑޫ ލައިވް އަދި ޓައިމްސް އޮފް އައްޑޫގައި ނޫސްވެރިއެއްގެ ގޮތުގައި އަމީރާ މަސައްކަތް ކުރިއެވެ.

ލިޔުމަށް ހުރި ޝައުގުން ކުޑަކުދިންނަށް ޚާއްސަ ވާހަކަފޮތެއް ލިޔުމުގެ ޚިޔާލުތައް އަމީރާގެ ސިކުނޑި ހިސޯރު ކުރަންފެށީ ކޮވިޑް ދުވަސްވަރެވެ. މިކަން ކުރުމަށް މާބޮޑު ހިތްވަރެއް ލިބުނީ ލިޔެ، ޕަބްލިޝްކޮށް ފޮތް ވިއްކަން ވަރަށް ފަސޭހަވާނެއޭ ހިތައެވެ.

އެހެންނަމަވެސް ރޯޒީގެ ދަތުރުވީ އެޔަށްވުރެ މާ އުނދަގޫ، ގޮންޖެހުން ބޮޑު ދަތުރަކަށެވެ.

"2020ވަނަ އަހަރުގެ ކުރީކޮޅު ފޮތް ލިޔެ ނިމުނީ. ލިޔެ ނިންމަން ހަފުތާއަކަށް ވުރެ ކުޑަ ދުވަސްކޮޅެއް ވީ. ހިޔާލަށް އެ ވާހަކަ އައީމަ ލިޔަން ފެށީވެސް އެހެންވީމަ މާބޮޑަކަށް ވިސްކާނަށް ނުޖެހުން އެކަމަކާއެއް،" ފޮތް ލިޔުމަށް ދަތުރުފަށާ ކަންކަން ވީގޮތް ހިއްސާކުރަމުން އަމީރާ ބުންޏެވެ.

ލިޔެ ނިންމާލުމަށް ފަހު ފޮތުގެ ކުރެހުން ވެސް ވަރަށް އަވަހަށް ހަމަޖެހިއްޖެއެވެ. ފޮތުގެ ކުރެހުންތައް ކުރެހީ މަރިޔަމް މަންހަލް އަޖީބެވެ. ނަމަވެސް، ފޮތް ޕަބްލިޝް ކުރާނެ ގޮތެއް އަމީރާގެ ޚިޔާލަށް ނައިސް ފޮތުގެ މަސައްކަތް މަޑުޖެހުނެވެ.

ގޮންޖެހުންތަކަށް ފަހު ފޮތް ޕަބްލިޝް ކުރުން

ފޮތް ޕަބްލިޝް ކުރުމަށް ރާއްޖޭގެ ޕަބްލިޝިން ހައުސްތައް އަމީރާ ބަލަންފެށިއެވެ. ނަމަވެސް، ކޮވިޑްގެ ދަތިކަމާއެކު އެއްވެސް ބައެއްގެ ފަރާތުން އުންމީދީ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. އެހެންކަމުން އޭނާ ފޮތް ބަޕްލިޝް ކުރާނެ ގޮތެއް ހޯދަން އެތައް ދުވަހެއް ހޭދަކުރިއެވެ.

ފޮތް ޕަބްލިޝް ނުވެގެން އުޅެނިކޮށް، އެމެޒަން އިން ފޮތް ޕަބްލިޝް ކުރެވޭކަން ޓިކްޓޮކް މެދުވެރިކޮށް އަމީރާއަށް އިނގުނެވެ. ނަމަވެސް، އެމެޒަން މެދުވެރިކޮށް ރާއްޖޭގައި ހުރެ ފޮތް ޕަބްލިޝްއެއް ނުކުރެވެއެވެ.

އޭރު އަމީރާ ހުރީ ކިޔެވުމަށް މެލޭޝިޔާގައެވެ. އެހެނަކަމުން ލިބުނު ރަނގަޅު ދަނޑިވަޅުގައި އެމެޒަން އިން ފޮތް ޕަބްލިޝްކުރަން ބެލި އިރު، ދިވެހި ބަހުން ލިޔެފައިވާތީ މި ފޮތް ޕަބްލިޝް ކުރެވޭ ގޮތެއް ނުވިއެވެ.

"އެމެޒަން އިން ސަޕޯޓެއް ނުކުރޭ ތާނައަކަށް. އެހެންވީމަ މުޅި ފޮތް އިނގިރޭސިއަށް ބަދަލުކޮށްލީ. ފޮތުގެ ބޭރު ވެސް އޭރު ހަދާފަ އިނީ ދިވެހިން،"

ގޮންޖެހުންތަކަށް ފަހު މުޅި ފޮތް އިނގިރޭސިއަށް ބަދަލުކޮށް، ފޮތް ޕަބްލިޝް ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އެމެޒަން އިން ފޮތް އޮންލައިންކޮށް އަދި ކަރުދާސްކޮށް ވެސް އަމީރާ ފަބްލިޝްކުރިއެވެ.

މި ދަތުރުގައި "ރޯޒީ ދި ރެއިންޑްރޮޕް" ރާއްޖެއަށް

ތިން އަހަރު ފަހުން ފޮތް ޕަބްލިޝްވީ އިރު، އެމެޒަން އިން ފޮތް ޕަބްލިޝް ކުރުމުން ދެން ވެސް އަމީރާއަށް ދިމާވީ ގޮންޖެހުމެކެވެ. އެއީ މި ފޮތް ރާއްޖެއަށް އިޝްތިހާރު ކުރުމާއި ވިއްކުމެވެ.

ފޮތް އިޝްތިހާރު ކުރި ނަމަވެސް، އެމެޒަން އިން ޝިޕިން ފީ ދެއްކުމަށް ފަހު މާގިނަ ބަޔަކު ފޮތް ނުގަންނާނެކަމަށް އަމީރާއަށް ގަބޫލު ކުރެވުނެވެ.

"އެހެންވީމަ ފުރަތަމަ އަގެއް ކަނޑައެޅީ. ކަނޑައަޅާފައި ބުނީ މީއޭ އަގަކީ ދެން ޕްރީ އޯޑާ ނެގީ. އެ ޕްރޯ އޯޑާއިން އެއްފަހަރާ އޯޑާ ޖެހީމަ އިންނާނީ އެއް ޝިޕިން ކޮސްޓެއްތާ ދޯ،" ރާއްޖެއަށް މި ފޮތް ފުރަތަމަ ގެނައުމަށް އަމީރާ ކަންތައް ކުރިގޮތް އޭނާ ކިޔައިދިނެވެ.

ނަމަވެސް، ފަހުން އޭނާ ނިންމީ ހަމައެކަނި އެމެޒަންގެ މާކެޓް ޕްލޭސްތަކަށް ވިއްކުމަށެވެ. އެހެންކަމުން، ރާއްޖޭގެ ނެޝަނަލް ބިއުރޯ އޮފް ކްލަސިފިކޭޝަން މެދުވެރިކޮށް މި ފޮތް އަލުން ޕަބްލިޝް ކުރިއެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭރުން އޭނާއަށް މި ފޮތް ޕްރިންޓު ކުރުމުގެ ހުއްދަ ވެސް ލިބެއެވެ.

"މިހާރު ވެސް އެމެޒަން މާކެޓް ޕްލޭސްއިންނަ ތަނަކުން މީހަކު އޯޑަރު ކޮށްފިއްޔާ އަމިއްލައަށް އެމެޒަން އިން ވިއްކާނެ. އެކަމަކު ރާއްޖޭގަ މިހާރު މި ވިއްކަނީ އަމިއްލައަށް ޕްރިންޓު ކޮށްގެން،" ދިގު އިންތިޒާރަކަށް ފަހު އެންމެ ފަހުން ފޮތް ޕަބްލިޝް ކުރެވުމުގެ ފުރިހަމަ އުފާ ލިބުނު ގޮތް އަމީރާ ހިއްސާ ކުރިއެވެ.

އެއަށް ފަހު ލިބުނު ތަރުހީބަށް ބަލާ، މި ފޮތް ދިވެހި ބަހުން ވެސް އަމީރާ ވަނީ މިހާރު ޕަބްލިޝް ކޮށްފައެވެ. ދިވެހި ފޮތަށް ކިޔަނީ "ރޯޒީގެ ދަތުރު، ފެނުގެ ބުރު"އެވެ.

"ދިވެހި ފޮތުގެ އެންމެ ފަހު ސަފްހާގައި ހުންނާނެ ކީވޯޑްސް. ދިވެހިން ލިޔެފަ އިންނަ އިރު ކުދިންނަކަށް ނޭންގޭ ވޯޓާ ސައިކަލްއަށް ކިޔަނީ ފެނުގެ ބުރު ކަމެއް. އެހެންވީމަ ކުދިންނަށް އާވާނެ ކަހަލަ ހުރިހާ ބަސްތަކެއް އޭގެ އިނގިރޭސި ބަހާއެކީ އިންނާނެ ހިމަނާފަ،" ތަފާތު އަދި އަލަށް ކިޔަންފަށާ ކުދިންނަށް އެންމެ ފަސޭހަ ވާނޭ ކަމަކަށް މި ފޮތުގައި އަމީރާ ހިމެނި ކަންކަން އޭނާ ބުނެދިނެވެ.

ފޮތުން ކުދިންނަށް ބޮޑު މެސެޖެއް

މި ފޮތަކީ ކުޑަކުދިންނަށް ކަންކަން ނަގައިގަތުމަށް ފަސޭހަ ވާނޭފަދަ ގޮތަކަށް ފަރުމާކޮށް ކުޑަކުދިންގެ އުމުރާ އެކަށީގެންވާ ގޮތަކަށް ލިޔެފައިވާ ވާހަކައެވެ. މި ފޮތުން ކުދިންނަށް ދަސްވާނެ ކަންކަމެއް ހުންނާނެ ކަމަށް އަމީރާ ބުނެއެވެ.

އެގޮތުން މި ފޮތުގެ މައިގަނޑު ވާހަކައަކީ ކުޑަކުދިން ސްކޫލުގައި ކިޔަވާ "ވޯޓާ ސައިކަލް"ނުވަތަ ފެނުގެ ބުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ފެނުގެ ބުރުގެ އިތުރުން މިފޮތުން ކުދިންނަށް ދަސްވާނެ އިތުރު ކަންކަމަކީ އެކުވެރިކަމާއި، އެހީއަށް ބޭނުންވާ ވަގުތު އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަމާއި، އެހީއަށް ބޭނުންވާ ވަގުތު އެހީއަށް އެދުމުގެ މުހިންމުކަން އަދި ކަންކަމާ ކުރިމަތިލާނެ ގޮތްތަކެވެ.

ބެލެނިވެރިންގެ ފަރާތުން މިފޮތަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ އިރު، ވަރަށް ގިނަ ބެލެނިވެރިން އެ މީހުންގެ ތުއްތު ކުދިން ފޮތްކިޔާތަން ވީޑިއޯ ކުރުމަށްފަހު އަމީރާއަށް ފޮނުވައެވެ.

"ބައެއް ފަހަރު ހަމަ ހުރެލާފަ ބެލެނިވެރިން ފޮނުވާލާ މެސެޖުތަކުން ރޮވޭގޮތްވޭ. ދެން ދުވަހަކު ވެސް ކުޑަކުދިންގެ ފޮތް ލިޔުން ހުއްޓާލާނެ ހެނެއް ހިޔެއް ނުވޭ. އަސްލު ވަރަށް ރިވާޑިން ކަމެއް މީ،" އަމީރާ ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި މިފަދަ އެތައް ފޮތެއް

މިހާރު ވެސް އަމީރާ ދަނީ ރައްޖޭގެ ޕަބްލިޝިން ހައުސްއަކާ ގުޅިގެން ވާހަކައެއް ލިޔުމުގެ މަސައްކަތް ކުރަމުންނެވެ. އެފޮތް އީދުތެރޭ ނެރުމުގެ މަސައްކަތް ކުރާއިރު، އިތުރު އަމިއްލަ ފޮތްތަކެއް ލިޔުމުގެ މަސައްކަތް ވެސް އަމީރާ އަންނަނީ ކުރަމުންނެވެ.

އެގޮތުން އަމީރާގެ އަމިއްލަ ދެ ފޮތެއް މިއަހަރު ނެރުމުގެ މަސައްކަތް އޭނާ އަންނަނީ ކުރަމުންނެވެ.

މެލޭޝިއާގައި މިހާރު ތައުލީމު ހާސިލްކުރާއިރު އަމީރާ ތައުލީމު ހާސިލްކުރަނީ ވެސް ކޮމިއުނިކޭޝަންސް ދާއިރާއިންނެވެ. މީގެ ކުރިން ނޫސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރި އިރު، އޭނާ އަދިވެސް ބޭނުންވަނީ އެ ދާއިރާގައި މަސައްކަތް ކުރުމަށެވެ.

އަންނަ އަހަރު ގްރެޖުއޭޓުވާ އަމީރާ މިހާރު އެންމެ ހާސިލްކުރަން ބޭނުންވާ އެއް ކަމަކީ އަލްޖަރީރާއާއެކު އިންޓާންޝިޕެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދުމެވެ.

މި މަސައްކަތުގައި އޭނާގެ ރައްޓެހިންނާއި ފިރިމީހާގެ ފަރާތުން ލިބުނު އެހީ އަމީރާ ފާހަގަކުރިއެވެ. އެގޮތުން ފޮތް ޕްރޫފްރީޑް ކުރުމާއި އެޑިޓް ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ރަހުމަތްތެރިންނާއި އާއިލާ އަދި ފިރިމީހާގެ ފަރާތުން ކަން އަމީރާ ފާހަގަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް