"މޫދަށް ނޭރެވެންޏާ ހަމަ ދުވަސް ފުރިހަމައެއް ނުވޭ" ށ. ކަނޑިތީމަށް އުފަން އުމުރުން އެންމެ 18 އަހަރުގެ ރައުލް ނިޔާޒްގެ ހަޔާތުގައި މޫދާއި އޮތް ގުޅުމުގެ ވާހަކަ އޭނާ ފަށަނީ މިހެންނެވެ.
ކޮންމެ ދުވަހަކުވެސް މޫދަށް ގޮސް ރާޅާ އަޅައިލުމަކީ އޭނާ ގަވައިދުން ކާ ބޭހެއްހެން ކުރަން ޖެހޭ ކަމެކެވެ. ގޮނޑުދޮށަށް ގޮސް މޫދަށްއެރިލުމުން އެ ލިބޭ ހިތްހަމަޖެހުން އޭނާއަށް އެހެން ހުރިހާ ކަމަކުން ލިބޭ ހިތްހަމަ ޖެހުމާ ނުބައްދަލެވެ.
ސްކޫލު ދައުރުގައި ކިޔެވުމަށް ރައުލްގެ މާބޮޑު ޝައުގުވެރިކަމެއް ނުހުރެއެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް އެންމެ ކުރާހިިތުން ކުރެވޭ ކަމަކީ މޫދަށް ދިއުމެވެ. ނޫނީ ގޭދޮށުގައި ބޯޅަ ކުޅެން އުޅުމެވެ.
ބައެއް ދުވަސްދުވަހު ސްކޫލަށް ނުގޮސްވެސް ރައުލް ރާޅާ އަޅަން ދެއެވެ. ރައުލް ކިޔަދިން ގޮތުގައި ކޮންމެ ދުވަހަކުވެސް މަންމަ ނުފެނިގެން ހޯދަންވެސް ގޮނޑުދޮށަށް އާދެއެވެ.
ރައުލްގެ އުމުރުން އެންމެ 11 އަހަރުގައި ރާޅާ އެޅުމަށް ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ވެސް މުޅި ރާއްޖެއަށް މަޝްހޫރު ރީތި ރާޅުތައް ނަގާ ކަނޑިތީމު ބޮލިކޮއްޓޭފޫއަށް ގޮސް މީހުން ރާޅާއަޅާތަން ބަލަން ހުންނަން ފެށި ހިސާބުންނެވެ. ގޮނޑުދަށުގައި ދުވަސްކޮޅެއް ވަންދެން ބަލަންް ހުރުމަށް ފަހު އެތަނުން ފެނުނު ލަކުޑި ކޮޅެއް ހިފައިގެން ރައުލް ދިޔައީ ގެޔަށެވެ. ގެޔަށް ގޮސް ރީއްޗަށް މަޅުގަނޑެއްހެން ކަފައިގެން ކަނދެއްގެ ބައްޓަމަށް އެ ހެދީ އަމިއްލައަށެވެ.
އެއަށް ފަހު ވެސް ރައުލް ބޭނުންވީ އިހަށް މީހުން އެކަން ކުރާ ގޮތް ބަލާށެވެ. އެހެންވެ ޖެހިގެން އައި ދުވަހު ވެސް މަޅުގަނޑު ގޭގައި ބައިންދައިފައި ރައުލް ދެންވެސް ދިޔައީ ގޮނޑުދޮށަށް އެހެން މީހުން ރާޅާއަޅާތަން ބަލާށެވެ.
އެހެން ނަމަވެސް ރައްޓެހިން ބުނުމުން އެދުވަހު ރާޅާއެޅޭތޯ އެ މީހުންނާއެކު ރައުލްވެސް މޫދަށް އެރުނެވެ. އެކަމަކު އެ ދުވަހު ރާޅާ އެޅޭގޮތެއް ނުވިއެވެ. ގިނަ ރާޅު ހޮޅިދަށުލީއެވެ.
"ބަލަން ދިޔައިރު ހީވި ވަރަށް ފަސޭހަ ކަމެއް ހެން. އެކަމަކު ރާޅާ އަޅަން ފެށި އިރު ވަރަށް އުނދަގޫ ކަމެއް އަސްލު،" އެ ދުވަހުގެ ތަޖުރިބާ ރައުލް ކިޔަައިދިނެވެ.
ފުރަތަމަ ދުވަހު ރާޅާ ނޭޅުނަސް އެ ދުވަހު އެކަން ކުރުމަށް ރައުލް ހިފީ ގަދަ އަޒުމެކެވެ. ރައުލްގެ ރާޅާއެޅުމުގެ ހަޔާތް ފެށިގެން އައި ގޮތަކީ މިއީއެވެ.
އަނެއްދުވަހު އޭނާ ދިޔައީ ގޭދޮށުގައި ބާކީ ކޮށްލައިފައި އޮތް ފުޅިމަދު ކޮޅެއް ހިފައިގެންނެވެ. ކިކް ބޯޑެއްގެ ގޮތުގައި އެ ފުޅިމަދު ކޮޅު ބޭނުންކޮށްގެން އެ ދުވަހު ރައުލްއަށް އަލަށް ރާޅަކާއެޅުނެވެ.
"އޭރުވެސް އެއީ އަދި ކޮޅަށް ހުރެގެންނެއް ނޫން،" ރައުލް ކިޔައިދިނެވެ.
އެހެންނަމަވެސް އޭނާއަށް އެކަން ވާނެ ކަން އެ ދުވަހު، އޭނާގެ އަމިއްލަ ނަފުސަށް ސާބިތު ކޮށްދެވުނެވެ. ލިބުނީ އިތުރު ހިތްވަރެކެވެ. އިތުރަށް މިކަން ދަސްކުރަން ރައުލް ބޭނުންވިއެވެ.
ފުޅިމަދުކޮޅުގައި ދުވަސްކޮޅެއް ވަންދެން ރާޅާ އެޅުމަށްފަހު ރައުލްއަށް މަންމަގެ ފަރާތުން ކިކް ބޯޑެއް ލިބުނެވެ. އެ ބޯޑުން ރާޅާ އަޅަން ފެށުމާއެކު, ބަނޑު ޖަހައިގެން އޮވެ ރާޅާ އަޅަން ނުވަތަ ބޮޑީ ބޯޑިންއަށް ރައުލް ފަރިތަވިއެވެ.
ގަދަ ހިތްވަރާއި, އަޒުމާއެކު, އެ ހުނަރު ހާސިލް ކުރުމަށް ކުރި ދަތުރުގައި ރައުލްއަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މީހުންގެ ފަރާތުން ރައްދުވަމުންދިޔަ އިހާނެތި ބައެއް ވާހަކަތަކެވެ.
"ފުރަތަމަ އެހެން ރާޅަށް ގޮސް އުޅޭތީ މީހުން ބުނޭ ތީ ވަރަށް ކަޑަ ކަމެކޭ. ތިހެން އުޅެގެން މީހުން ބަލައެއް ނުގަންނާނޭ،" ރައުލް ކިޔައިދިނެވެ.
އޭރު މީހުންނަށް ހީވެފައި އޮތީ އެހެން އުޅޭނީ ވަރަށް ނުލަފާ ކުދިން ކަމަށެވެ. ނަމަވެސް ރައުލްގެ އަޒުމަކަށްވީ އެ އެންމެން އެ ހީކުރަނީ ގޯސްކޮށްކަން ސާބިތުކޮށްދިނުމެވެ.
އެހެންކަމުން އެ ކުޅިވަރުގެ ހުނަރުތައް ދަސްކުރުމުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ފަސް ބެލުމެއް ނެތި ގިރާކުރަމުން ދިޔައެވެ. އެކަމުގައި އެންމެ ގާތުގައި ހުރި އެކުވެރިޔާ އާސިފް ދިން ބޮޑީ ބޯޑެއް ބޭނުންކޮށްގެން އިތުރު ހުނަރުތައް ފަރިތަކުރަން ފެށިއެވެ.
ރަައުލްއަށް އޭނާގެ އަމިއްލަ ބޯޑެއް ލިބުނީ 14ވަނަ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައެވެ. ބައްޕަގެ ފަރާތުން ލިބުނު އެ ހަދިޔާ އެތައް ގޮތަކުން އޭނާއަށް ޚާއްސައެވެ.
އެއް ސަބަބަކީ އެ އަހަަރު އުފަންދުވަހަށް ސާފްބޯޑެއް ގަނެދޭން ބައްޕަ ކައިރީ އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް ބައްޕަ ބުނުމުންނެވެ.
ބައްޕަ އެހެން ބުނުމުން ކުޑަކޮށް ހިތްވަރު އެލުނު ނަމަވެސް ދެންވެސް ރައުލް ހުރީ ރާޅާ އެޅުން ހުއްޓާލާކަށް ނޫނެވެ. އޭރު ހުރި ވަސިލަތްތަކުގެ އެހީގައި ބޮޑީ ބޯޑިން ކުރިއަށް ގެންދެވޭނެތީ ރައުލް ހުރީ އެކަން ކުރާށެވެ.
" ދެން އެވަރަކަށް އަޅައެއްނުލަން އެކަމަކަށް. ދެން އޭރުގަ ހިތަށް އަރައިފި އަދި ދެން މިހެން އަޅާނީއޭ. ސީދާ ސާފް ބޯޑެއް ނުލިބިއްޖިއްޔާ ކޮޅަށް ހުރެގެން ރާޅާ ނުއެއްއެޅޭނޭ" ރައުލް ބުންޏެވެ.
އެހެން ހުއްޓާ އެ އުފަންދުވަހު ރައުލްއަށް ސާފު ބޯޑެއް ބައްޕަގެ ފަރާތުން ލިބުނީ ސަޕްރައިޒްއެއްގެ ގޮތުގައެވެ. ވަރަށް އުފާވިއެވެ. ސާފް ބޯޑެއް ހޯދަން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމުންނެވެ.
ގޮނޑުދޮށަށް ލައްވެފައި އޮތް ލަކުޑިގަނޑަކުން ރައުލް ދަސްކުރަން ފެށި ރާޅާއެޅުމުގެ ހުނަރުތައް ފައްކާކޮށް, އެކަމުގައި މުޅި ރާއްޖެއިން ހޮވާލެވޭ މީހަކަށް ވީ އެ ބޯޑުގައެވެ. އެ ދިގު އަދި އުދަނގޫ ދަތުރުގައި ހާސިލު ކުރަން ބޭނުންވާ ބައެއް ލަނޑުދަނޑިތަކާ ހަމައަށް އޭނާ މިހާރު ވަނީ ވާސިލުވެފައެވެ. އެގޮތުން ދިވެހި ސާފް ލީގުގައި މުޅިން އަލަށް ބައިވެރިވި ފަހަރު މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށް, ފަޚުރުވެރި ކާމިޔާބީއެއް އޭނާ ހޯދާފައިވެއެވެ.
ރައުލްގެ ޝައުގުވެރިކަން މިހާރު ހުރީ މޫދުގެ އެހެނިހެން ކުޅިވަރުތައް ދަސްކުރުމަށެވެ. އެގޮތުން މިހާރު އޭނާ އެންމެ ކުރާ ހިތްވާ ކަމަކީ ކައިޓު ސާފް ކުރުމެވެ.
"ކައިޓު ދުއްވާ ހިއްވޭ ވަރަށް. މިހާރު މި އުޅެނީ ކައިޓެއްވެސް ގެންނަން،" ރައުލް ބުންޏެވެ.
މޫދުގެ އިތުރުން, ފުޓްސަލް ދަނޑުގައި ވެސް ރައުލްއަކީ ވިދުންގަދަ ތަރިއެކެވެ. އޭނާއަކީ މިހާރު ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ރަންވަނަތަކެއް ހޯދަމުން އަންނަ ކަނޑިތީމު ފުޓްސަލް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ރަށުން ބޭރުގެ ބައެއް ޓީމުތަކަށް ކުޅެދޭން ވެސް އޭނާ މިހާރު ދެއެވެ.
މުސްތަގުބަލުގައި އާމްދަނީ ހޯދުމުގެ ގޮތުންވެސް ރައުލް ގަސްތުކުރަނީ މި ދެ މަސައްކަތް ކުރާށެވެ. ރައުލް ދެކޭ ގޮތުގައި މިކަމުން ވެސް ހަމަ އެކަށީގެންވާ އާމްދަނީއެއް ލިބޭނެއެވެ. ކިޔަވައިގެން މޮޅު ސަނަދު ތަކެއް ނުނެގިއަކަސް މީހުން ގަބޫލު ކުރާ ފަދަ މީހަކަށް ވެވޭނެއެވެ. ބޭނުންވަނީ އަޚުލާގެވެ. ރައުލް ސާބިތުކޮށްދެނީ އެކަމެވެ.