ޝާހިދަށް ރައްދު ދޭން ނުކުންނެވީ ކެބިނެޓް

ރައީސް ޑރ. މުއިއްޒާއި ކެބިނެޓް މިނިސްޓަރުން ބައްދަލުވުމެއްގައި: ސަރުކާރުގެ ދިފާއުގައި މިއަދު ގިނަ މިނިސްޓަރުންތަކެއް ވަނީ އެމްޑީޕީގެ ރައީސަށް ރައްދު ދެއްވާފައި -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި މަޝްރޫއުތައް މިހާރުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަށް ސަރުކާރުގެ މިނިސްޓަރުން ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕެއިން ތެރެއިން ޝާހިދު މ. ރަތްމަންދުއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި މަޝްރޫއުތައް ކުރިއަށްގެންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ ރަަތްމަންދޫގައި ކުރީ ސަރުކާރުން ފެނާއި ނަރުދަމާގެ 90 ޕަސެންޓް މަސައްކަތް ނިންމައި، އިންޖީނުގޭގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިންމާއި އެހެން މަޝްރޫއުތައް ވެސް ފަށާއިފައިވާ ކަމަށެވެ. ނަމަވެސް އެ ރަށާއި އެހެން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ވެސް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

އެ ވީޑިއޯ މެސެޖާ ގުޅުވައި، އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު އެކްސްގައި ވިދާޅުވީ ރަތްމަންދޫގެ ބަނދަރު މަޝްރޫއަށް ސޮއިކުރީ އިންތިޚާބަށް ކަޑަ ޖެހުމުގެ ގޮތުން ކަމަށެވެ. އަދި ވެރިކަން ނިމުނުއިރު ވެސް އެ މަސައްކަތް ފަށަން ބޭނުންވާ އީއައިއޭ ހަދާފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސްގެ ޚާއްޞަ އެޑްވައިޒަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވި ބަސްފުޅެއް ވެސް މުއްތަލިބު ތަކުރާރުކުރެއްވިއެވެ.

"[އަބްދުއްރަހީމް] ވިދާޅުވާހެން މަނިކުފާނަކީ ދޮގެއްވެސް ތެދަށްވުރެ މޮޅަށް ވިދާޅުވާ ބޭފުޅެއް،" އޭނާގެ ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން ރަތްމަންދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައިވަނީ މިދިޔަ ސަރުކާރުގައި ކަމަށާއި ސޮއި ކުރިތާ ދެ އަހަރުވީއިރު ކުރެވިފައިވަނީ އެންމެ 26 ޕަސެންޓް މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެނަކައިގަ މިފަދަ ޕްރޮޖެކްޓް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެކުންފުންޏާ ޙަވާލު ކުރުމަކީ އެރަށްތަކުގެ ރައްޔިތުންނަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއް،" މުއްތަލިބު ވިދާޅުވިއެވެ.

މި ސަރުކާރު ދިފާއުކުރައްވައި ހޯމް މިނިސްޓަރު އަލީގެ ފާޑުކިޔުން އަމާޒުކުރެއްވީ، އެމްޑީޕީން ކެމްޕެއިނަށް ބޭނުންކުރާ 'މިސްރާބު ހަމަ މަގަށް' ޝިއާރަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރަށް ރައްޔިތުން ދެވަނަ ދައުރެއް ނުދިނީ މިސްރާބު ހުރި ގޮތް ގޯސްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕްރޮޖެކްޓު ހިންގުމުގެ ނަމުގައި 9000 މިލިއަން ރުފިޔާ ރައްޔިތުންނަށް ދަރާފައި އޮތީ ސަރުކާރު ނިމުނުއިރު. ބާރަ މިލިއަނަށް ނިންމޭ އިމާރާތް ހަދަން ދިނީ 39 މިލިއަނަށް. މިއީ ހަމަ މަގުތޯ؟" އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ފާހަގަކުރެއްވީ ކުރީ ސަރުކާރުން ފެށި މަޝްރޫއުތަކުގައި ހުރި މައްސަލަތަކެވެ. އެގޮތުން ރ. އަލިފުށީ އެއާޕޯޓް ހެދުން ހުއްޓުނީ ކުރީގެ ވެރިކަމުގައި ކަމަށާއި ރ. ހުޅުދުއްފާރުގެ މަގުތައް އެ ސަރުކާރުން ޚަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް އެ ގެންދަވަނީ ހުއްޓިފައި ހުރި ހުރިހާ ޕްރޮޖެކްޓުތައް ފެއްޓޭނެ ގޮތްތައް ހޯއްދަވަމުން. އަޅުގަނޑުމެން މިދަނީ ރަށްރަށުގެ ހާލަތު ވަރަށް ގާތުން ބަލައި ޕްރޮޖެކްޓުތައް އަވަސް ކުރުމަށް މަސައްކަތް ކުރަމުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވެސް އެ ވާހަކައަށް ބާރުދެއްވައި ވިދާޅުވީ، މި ސަރުކާރު އައި އިރު ވެސް ގިނަ މަޝްރޫއުތަކެއް އޮތީ ހުއްޓިފައި ކަމަށެވެ. އެ މަސައްކަތްތައް އަލުން ފަށައި، ސަރުކާރުން ދައްކަން ޖެހޭ ބިލްތައް ދައްކައިގެން މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހު ޝަހީމް ވަނީ ވެރިކަން ބަދަލުވިއިރު އިސްލާމީ ކަންކަމާބެހޭ ވުޒާރާއަށް 27 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި މި ސަރުކާރުން އެ ދަރަނި ދައްކާފައިވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ސަގާފަތާއި ތަރިކައާއި ފަންނާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވެސް ރަތްމަންދޫގެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ރަށުގެ ނަރުދަމާއާއި ފެނުގެ މަޝްރޫއުގެ ހަގީގަތް ވަރަށް ސާފު ކަމަށާއި ކުރީ ސަރުކާރުގައި މަސައްކަތް ނުނިންމުނީ ކަމަށެވެ.

"މަސައްކަތްތައް ނިންމާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު،" އެކްސްގައި އާދަމް ނަސީރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވެސް އެ މަޝްވަރާގައި ބައިވެރިވެވަޑައިގެން ތުހުމަތު ކުރެއްވީ ކުރީގެ ސަރުކާރުގެ މެންބަރުން ދޮގު ހަދާ ކަމަށެވެ.

"ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ދިޔަ ސަރުކާރުން ދިޔައީ ރަށްރަށުގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން. ދައުލަތުގެ ކުންފުނިތައް ބަނގުރޫޓް ކޮށްގެން ތަރައްގީގެ މަޝްރޫޢުތައް ހިންގާކަމަށް ދައްކަމުން! އެއްވެސް ޕްރޮޖެކްޓަކަށް ފައިސާ ނުދައްކައި ދައުލަތުގެ ކުންފުނިތަކުން ސަބްކޮންޓްރެކްޓްކުރި ކުދި ކުންފުނިތަކަށްވެސް ފައިސާ ނުދީ އިނދަ ޖައްސަމުން،" މާރިޔާ ވިދާޅުވިއެވެ.

"ރަތްމަންދުއަކީ އެކަމުގެ ލާމަސީލު މިސާލެއްކަމަށް ދައްކަވަމުން އެގެންދަވަނީ ފާޅުގައި."

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ އޭޕްރިލް މަހުގެ 21ގައި ބާއްވަން ނިންމާފައިވާއިރު، ސަރުކާރާއި އިދިކޮޅުން ވެސް އަންނަނީ ކެމްޕެއިން ހަރަކާތްތައް ވާދަކުރައްވަމުންނެވެ.

މިދިޔަ ހަފުތާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވެރިކަން ކުރާ ޕީއެންސީ، ޕީޕީއެމްގެ ކެމްޕެއިނަށް މާލޭގައި ދޮރުންދޮރަށް ވަޑައިގަންނަވަން ފައްޓަވައިފައެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސް ޞާލިޙާއި ކުރީ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް އަތޮޅުތަކުގައި އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.

comment ކޮމެންޓް