މާމެންދޫގައި އޮތް ކެމްޕޭން ހަރަކާތެއްގައި ނަރީޝަށް ހަމަލާދީފި

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަރީޝް -- ސަން ފޮޓޯ

ގއ. މާމެންދޫގައި އޮތް ކެމްޕޭން ހަރަކާތެއްގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝަށް ހަމަލާދީފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން ނަރީޝަށް ހަމަލާދިން ކަމުގެ މައުލޫމާތު ލިބުނީ 17:00 ހާއިރެވެ.

ފުލުުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އެ ހަމަލާގައި ނަރީޝަށް އަނިޔާ ލިބުނު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަރީޝް މާމެންދުއަށް ވަޑައިގަތީ ޕީޕީއެމް، ޕީއެންސީގެ ފަރާތުން ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހީމް ދީދީގެ ކެމްޕެއިނަށެވެ.

މާމެންދުއިން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ނަރީޝް އެ ރަށަށް ވަޑައިގަތް ފަހުން ހަމަނުޖެހުން ހިނގީ ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކުރާ މީހުންނާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބަޔެއްގެ މެދުގައެވެ.

އެމްޑީޕީ މީހުން ނުރުހުންވި އެއް ސަބަބަކީ، ޖެޓީ ކައިރީގައި ހުރި އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރެއްގެ ކުރިމަތީގައި ފޮތި ދަމައި ނިވާކޮށްފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ހަމަނުޖެހުމުގައި ގިނަ ބަޔަކު ޝާމިލުވި ނަމަވެސް އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ލިބުނު ކަމަށް މައުލޫމާތު ލިބިފައިނުވާ ކަމަށް "ސަން"އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ނަރީޝަށް ހަމަލާ ދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް