ޓިކެޓު ލިބުނު ބައެއް ކެންޑިޑޭޓުންނަށް ޕީއެންސީން ތާއީދުނުކުރާތީ އެޗްއާރުސީއެމުން ކަންބޮޑުވެއްޖެ

ޕީއެންސީގެ ޖަލްސާއެއްގައި، ޕީޕީއެމް ޕީއެންސީގެ އިސްވެރިން: އެ ޕާޓީން ވަނީ ޕްރައިމަރީން މޮޅުވި ބައެއް ކެންޑިޑޭޓުންނަށް ތާއީދުނުކޮށްފައި -- ފޮޓޯ/ އެލީޒް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ޕީޕިއެމް/ޕީއެންސީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން ހޮވަން ބޭއްވި ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުންނަށް ބައެއް ޕާޓީތަކުން ތާއީދު ނުކުރާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވި ބައެއް ކެންޑިޑޭޓުން ވަނީ ބައެއް ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަކޮށްފައެވެ. މިގޮތަށް އަމިއްލަގޮތުން ވާދަކުރި ބައެއް ކެންޑިޑޭޓުންނަށް ތާއީދުކޮށް، ޕީއެންސީގެ އިސް ބޭފުޅުން އަންނަނީ ކެމްޕޭން ކުރަމުންނެވެ.

މަޖިލީސް އިންތިޚާބުގެ ޕްރީ އިލެކްޝަން މަރުހަލާ މޮނިޓާކޮށް އެޗްއާރުސީއެމުން އެކުލަވައިލި ރިޕޯޓުގައި ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން, ރިޕޯޓުގެ ޚުލާސާގައިވަނީ ޕިޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ހޮވިފައިވާ ކެންޑިޑޭޓުންނަށް އެ ކޯލިޝަންގެ ފަރާތުން ތާއީދުނުކޮށް، އެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންނަށް ތާއީދުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޕާޓީގެ މެންބަރުން ވަކި ކެންޑިޑޭޓެއް އިޚްތިޔާރުކޮށްފައިވަނިކޮށް، އެހެން ކެންޑިޑޭޓުންނަށް ޕާޓީން ތާޢީދުކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ރައްޔިތުން ތަމުސީލުކުރާ ފަރާތެއް އިޚުތިޔާރުކުރުމުގެ ޙައްޤަށް އުނިކަމެއް އައުމަށް ފުރުޞަތު އޮތްކަމެއް ކަމަށް އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި މަޖިލީހުގެ ދާއިރާތަކަށް ބަދަލު ގެނައިއިރު، އެ ދާއިރާއެއްގެ މީހުންގެ ޚިޔާލު ހޯދާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އެޗްއާރުސީއެމުން ބުނީ، މުޖުތަމަޢުގެ އަމާންކަމާއި އެއްބައިވަންތަކަމަކީ ދާއިރާ ކަނޑައެޅުމުގައި ބަލާ އެއް އަސާސްކަމުގައެވެ. އެހެންކަމުން، ދާއިރާތަކަށް ގެންނަން ހުށައަޅާ ބަދަލުތަކާ ގުޅޭގޮތުން އެ ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު އެ ބަދަލުތައް ގެނައުމަށް ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ.

އެ މީހެއްގެ ދާއިމީ އެޑްރެސް ނިސްބަތްވާ ދާއިރާ ތަމުސީލުކުރާނެ މެންބަރުން އިންތިޚާބުކުރުމުގައި ބައިވެރިވުމުގެ ބަދަލުގައި އެ މީހަކު ދިރިއުޅޭ ދާއިރާ ތަމްސީލުކުރާނެ މެންބަރެއް އިންތިޚާބުކުރުމުގެ ފުރުޞަތު ފަހިވެފައިނެތުމުގެ ކަންބޮޑުވުން ވެސް އެޗްއާރުސީއެމުން ވަނީ ފާޅުކޮށްފައެވެ. ރައްޔިތުން ދިރިއުޅޭ ދާއިރާ ތަމުސީލުކުރާނެ މެންބަރެއް އިންތިޚާބުކުރުމުގެ ފުރުޞަތު ފޯރުކޮށްދިނުމަކީ، ހިޖުރަކޮށް ރާއްޖޭގެ އެހެން ސަރަހައްދެއްގައި ދިގު މުއްދަތަކަށް ދިރިއުޅެމުން އަންނަ މީހުންނަށް އެ ސަރަހައްދު ނިސްބަތްވާ ދާއިރާގެ ކަންކަމުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެއް ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

"އެ މީހަކު ދިރިއުޅޭ އިންތިޚާބީ ދާއިރާއަށް އިންތިޚާބުކުރެވޭ މަޤާމުތަކުގައި ބަސްބުނުމަށް އެ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި މިހާރު ޤާއިމުކޮށްފައިވާ ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމުތޯ ބެލުމަށް ދިރާސާއެއްކުރުމަށް ހުށަހަޅަމެވެ،" އެޗްއާރުސިއެމްގެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިޚުތިޔާރުކުރާ ކެންޑިޑޭޓެއް ނެތްނަމަ އެކަން ހާމަކުރުމަށްޓަކައި މަތީގައިވާ އެއްވެސް ކެންޑިޑޭޓަކަށް ވޯޓުލާން ބޭނުންނުވާކަން ހާމަކުރެވޭ ގޮތަށް ވޯޓު ކަރުދާސް ބަދަލުކުރުމަށް، އެޗްއާރުސީއެމުން ހެދި ސާވޭއެއްގައި ބައިވެރިވި 56 ޕަސަންޓު މީހުން ތާޢީދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ގިނަ ބަޔަކު މި ބަދަލު ގެނައުމަށް ބޭނުންވާ ސަބަބުތައް ދެނެގަނެ މިފަދަ ބަދަލެއް ގެނައުން މުހިންމުކަމުގައިވާނަމަ، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން މި ނިޒާމީ ބަދަލުގެނެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމަށް ވެސް އަޗްއާރުސީއެމުން ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް