ޝަޖަން މިހާރު މި ފަތަނީ މާ އޮއިގަދަ ކަނޑެއްގައި

ޝަޖަން ބައިނަލްއަޤުވާނީ މުބާރާތަކުން ދިވެއްސަކު ހޯދި ފުރަތަމަ ބްރޮންޒް މެޑަލްއާ އެކު -- ފޮޓޯ/ އިމޭޖްސް އެމްވީ

ފުރަތަމަ ފެނުމުން ހީލާފައި ބުނީ 'ތި ބޭނުންވާ ވަރަށް ވާހަކައެއް ނުދެއްކޭނެ އެނގޭ،'އެވެ. އެކަމަކު، އެހެން ބުންޏަކަސް ގަޑިއެއްހާއިރު ހުއްޓައިނުލާ ވާހަކަދެއްކިއެވެ.

އަސްލު އެއީ އޮލިމްޕިކް އެތުލީޓެކެވެ. މިހާރު ބަދަލުވީ 'ޑެޕިއުޓީ މިނިސްޓަރަ'ކަށެވެ. މިއީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ޝަޖަން މިހާރު އެ ފަތާ ކަނޑުގެ ބިޔަ ރާޅުތަކާއި އޭރު ފެތި ޕޫލުގެ ހަނދާންތަކެވެ.

ފުރަތަމަ އަލަށް ފަތަން ދަސްކުރަން މޫދަށް އެރުނީ އޮލިމްޕިކްގައި ފަތަން ހިތުލައިގެންނެއް ނޫނެވެ.

އޭރު ލިޓްލް މެއިޑްސްގައި ބޭނުންވާ އަސާސީ ފެންވަރަށް ފަތަން ދަސްކުރަން ޖެހުނީއެވެ. ބައްޕައާ އެކު ގޮސް ފަތަން ދަސްކުރީ ކޯޗެއްގެ ކައިރިންނެވެ. އެކަމަކު، އޭރު ޝަޖަންއަށް ނޭނގުނީ އެއީ ހަޔާތް ބަދަލުކޮށްލާނެ އޮއިވަރު ކަމެވެ.

ޝަޖަން 2016ގެ އޮލިމްޕިކްސްގައި ދިވެހި ދިދަ ހިފައިގެން: ދެ އޮލިމްޕިކްސްއެއްގައި ރާއްޖެ ތަމުސީލުކުރި -- ފޮޓޯ/ އޭއެފްޕީ ގެޓީ

"ފުރަތަމަ ހަމަ 10 ދުވަހުން އޭރު ބޭނުންވާ ވަރަށް ފަތަން ދަސްވެއްޖެ. ދެން އަސްލު ފަތަން ދާން ފެށީ ރައްޓެހިންނާ އެއްކޮށް، މަޖާކޮށްލަން،"

"ވަން މޯ ޕްލޭސް ޓު ހޭންގައުޓް ވިތް ފްރެންޑްސް އެންނު،" ހީލާފައި ފަތަން ފެށުނު ގޮތް ކިޔައިދޭން ފެށިއެވެ.

އަސްލު އޭރުގައި އުމުރުގެ ބޮޑުބައި ފެތުމުގެ ހޭދަކުރާނެ ކަމެއް ނޭނގެއެވެ. މިސްރާބު ބަދަލުކޮށްލީ ބައްޕަ އަހުމަދު ޝާހިދާއި މަންމަ ސުނީތާއެވެ. އޮޔާ އެއްކޮޅަށް ހިމޭންކަމާ އެކު ފަތަނިކޮށް، ރާޅުތަކުގެ މެދުން އަމާޒެއް ދެއްކީ އެ ދެ މީހުންނެވެ. މަޖަލަށް ފެށި ކަމެއް، ޕްރޮފެޝަނަލް ފެންވަރުގައި ކުރަން ފެށުނީ އެ ހިސާބުންނެވެ.

"ބައްޕަ ބޭނުންވާނީ އަބަދު ވެސް ކުރާ ކޮންމެ ކަމެއް ވެސް އެންމެ މޮޅަށް ކުރަން. އަސްލު ޑިސިޕްލިންކޮށް، ޕްރެކްޓިސްތަކާއި އެ ހުރިހާ ކަމެއް ވެސް ކުރުވީ މަންމައާއި ބައްޕައާ،"

"މަންމަ ކާންދޭނީ ވެސް ހަމަ ވަކި ގޮތަކަށް އެ ހިސާބުން ދެން،"

ޝަޖަން (ވ) އަދި ކޮއްކޮ ޝާޖިނާ (ކ) ކިޔަވަން ފުރުމުގެ ކުރިން --

ޕްރެކްޓިސްއަށް ގޮވައިގެން ގޮސް އަބަދު ވެސް ބައްޕަ ނޫނީ މަންމަ ކައިރީގައި ހުރެއެވެ.

"ޕްރެކްޓިސް ވެސް ނުކެޓުވޭނެ. ނުދަންޏާ ބައްޕަ ބުނާނެ ކޮންމެހެން ކުއްޖެއްގެ ސްޕޮޓް ފިލްކުރަން ނެޝަނަލް ޓީމްގައި ހުންނާނެ ކަމެއް ނެތޭ،" ބައްޕަ ޑިސިޕްލިންކުރި ގޮތް ކުރުގޮތަކަށް ހުލާސާކޮށްލިއެވެ.

އެ ތަނުން ފަތަން ފެށި ގޮތަށް 'ރިޓަޔާ'ކުރުމުގެ ކުރީގައި ރާއްޖެގެ 15 ރިކޯޑެއް މުގުރައިލިއެވެ. ދުނިޔޭގެ ފެންވަރުގެ 23 މުބާރާތެއްގައި ރާއްޖެ ތަމުސީލުކުރިއެވެ. ލަންޑަން 2012، ރިއޯ 2016 އާ އެކު ދެ އޮލިމްޕިކްގައި ރާއްޖެ ތަމުސީލުކުރިއެވެ. ރާއްޖެ ތަމުސީލުކުރުމުގައި 2009 އިން 2017 އަށް ހޭދަކުރި އަށް އަހަރު ހަތަރު ބްރޮންޒް މެޑަލް ކާމިޔާބުކުރިއެވެ.

ކުރިން 2016 ގައި އޮތް ސާފް ގޭމްސްްގައި ޝަޖަން: އަށް އަހަރު ވަންދެން ރާއްޖެ ތަމުސީލުކުރި -- ފޮޓޯ/ މުހައްމަދު އަހުސަން

އަދިވެސް އެންމެ ހިނިއައިސްފައި ދައްކަން އޮތީ އެ ވާހަކައެވެ. ފެތުމުގައި ހޭދަކުރި ހަޔާތުގެ އެންމެ ބޮޑު ފޮންޏަކީ މި ގައުމަށް ބައިނަލްއަޤުވާނީ މުބާރާތަކުން ހޯދި ފުރަތަމަ ބްރޮންޒް މެޑަލްއެވެ. އެ ފޮނީގައި ޝަޖަން އެއިނީ އަދިވެސް ހެވިފައެވެ.

"އަދިވެސް ހަމަ ހަނދާންވޭ، މުޅި ތަނުގައި އެންމެން އެއް އަޑަކުން ސަޕޯޓުކުރި އަޑު. އެ ދުވަހު ނުރޯ މީހަކު ނެތް،" ފަހުރުވެރިކަމުގެ ފޮނި ހިންޏަކުން މޫނަށް އުޖާލާކަމެއް ގެނެސްގެން އިނދެ ގައުމުގެ ފުރަތަމަ ބްރޮންޒް މެޑަލްގް ހަނދާންތައް ކިޔައިދިނެވެ.

އެކަމަކު، ކާމިޔާބީގެ ފޮނިން އެކަނި އޭރުގެ ހަނދާންތައް ނިންމައެއް ނުލެވޭނެއެވެ.

ޝަޖަން: ފެތުން ހުއްޓައިލީ ކިޔަވަންދާން ވެގެން --

އޭރުގެ އުފާވެރިކަމާ ގުޅިފައި އޮތީ އޭރު އެ ކާމިޔާބަށް އަދައިގެން ކުރި މަސައްކަތެވެ. ބޭރުގެ ކަރަކަރައިގައި ހޭދަކުރި ދުވަސްތެކެވެ. އޭރު ރާއްޖޭގައި އެ ފެންވަރު ވެސް ނެތީމައެވެ. ފަތާނެ ޕޫލެއްހާ ހިސާބު ވެސް ލިބުނީ އެތައް 'ޖިހާދެއް'ގެ ފަހުންނެވެ.

"އޭރު ޕޫލް ނުހުންނާތީ ވަރަށް ބޮޑު ގޮންޖެހުމަކަށްވަނީ. ރާއްޖޭގައި މުޅިން ލޮނުގައި ފަތާފައި، މުބާރާތުގައި ޕޫލްގައި ފަތަންޖެހެނީ. ފަހުން ދެން ޓްރެއިނިންތައް ހަދަން ރާއްޖެއިން ބޭރުގައި މުބާރާތްތަކަށް ރެޑީވާން،"

"އަސްލު އޭރު ވަރަށް އުނދަގޫވި، އެހާ ޅައުމުރުގައި އާއިލާއާ ދުރުގައި އެހާ ގިނައިން އުޅެންޖެހުނީމާ،"

ޝަޖަން (ވ) އަދި ކޮއްކޮ ސާޖިނާ (ކ): ކޮއްކޮއަކީ ވެސް ފެތުންތެރިއެއް -- ފޮޓޯ/ އިމޭޖްސް އެމްވީ

އެ ކަމުގައި ޝަޖަންގެ އެންމެ ބޮޑު ސަޕޯޓަކީ ކޮއްކޮ އައިޝަތު ސާޖިނާއެވެ. އެންމެ ބޮޑު ވާދަވެރިއަކީ ވެސް އެއީއެވެ. މައިންބަފައިންނާ ދުރުގައި ދެބެއިން ހޭދަކުރި ދުވަސްތައް އެއީ އަދިވެސް އުފާވެރި ހަނދާންތަކެވެ.

"ކޮއްކޮ އެއީ މެއިން ކޮމްޕިޓީޓާ ޕްލަސް އެންމެ ބޮޑު ސަޕޯޓު،"

ފަތަން ދިޔައީ ޝަކުވާއެއް ނެތިއެވެ. އެކަން ކުރީ ކުރާ ހިތުން، ކުރިއަށްދާ ހިތުންނެވެ. އޭރު މުޅި ދިރިއުޅުން ބަރޯސާކުރީ އެ ކަމަށެވެ. އެއީ، މާ ގިނަ ފައިސާއެއް މާ ބޮޑު ތަނަވަސްކަމެއް އެ ކަމުން ލިބޭތީއެއް ނޫނެވެ.

"އަސްލު ރާއްޖޭގައި ނުއެއް އޮވޭ އެތްލީޓެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް. އޭރު ވެސް ނެޝަނަލް ޓީމުން ލިބެނީ 5،000 ރުފިޔާ. ދެން އެއަށް ޑިޕެންޑުވެގެން ކިހިނެއް ދިރިއުޅޭނީ،" ޝަޖަން އޭރު ހުރި ގޮންޖެހުންތައް ކުރުކޮށް ކިޔައިދިނެވެ.

އެ ކަމަށް ހުސްވެގެން އެ ކަން ކުރާނެ އެއްގޮތެއް ވެސް ނެތެވެ.

އަންހެނުންގެ ދުވަހު ސްޕޯޓްސް މިނިސްޓްރީން ޝަޖަންއަށް މަރުހަބާ ކިޔަނީ -- ފޮޓޯ/ މިނިސްޓްރީ

ޕޫލުން އަރައިގެން ނުކުމެ، ކިޔަވަން ފެށީ މާ ފަހުންނެވެ. މެލޭޝިއާގެ ލިމްކޮކްވިން ޔުނިވާސިޓީން ބެޗެލާސް އިން ސްޕޯޓްސް މެނޭޖްމަންޓު ހަދަން ފެށީ ފެތުން ހުއްޓައިލާފައި 2018 ގައެވެ. އޭގެ ފަހުން މާސްޓާސް ފުރިހަމަކުރީ ސްޕޯޓްސް އެތިކްސް އެންޑް އިންޓެގްރިޓީއިންނެވެ.

"އަދިވެސް އަސްލު ހިތަށް އަރައި [ފަތަން] ދާން،" މާޒީއަށް ގެއްލިފައި އިނދެ ބުނެލިއެވެ.

ސިޔާސީ ރާޅެއް ތެރޭ ޝަޖަން މިހާރު އެ ފަތަނީ މާ އޮއިގަދަ ކަނޑެއްގައެވެ. އޮލިމްޕިކްގައި ފެތި ޕޫލު މަތިން ހަނދާން ވިޔަސް މިހާރު އެ ދުވަހަކީ މާޒީއެވެ. އެނބުރި ދިއުމެއް ދެނެއް ނެތެވެ. މިހާރު އޮތީ އެތްލީޓެއްގެ ގޮތުގައި ދިމާވި ގޮންޖެހުންތަކަށް ހައްލުތައް ފަރުމާ ކުރުމެވެ.

comment ކޮމެންޓް