ބާޒާރުގައި ކުރުނބާގެ އަގު އުފުލެނީ

ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ބަޒާރުގައި ކުރުނބާ ވިއްކާ އަގު އަނެއްކާވެސް އުފުލިއްޖެއެވެ.

މާރުކޭޓުގެ ގޮޅިއަކުން 'ސަން' އާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ ކުރުނބާގެ އަގުތައް އުޅެނީ 40 ރުފިޔާއާއި 50 ރުފިޔާއިން މަތީގައި ކަމަށެވެ. އޭނާ ބުނީ ބޯޓުން ބާލައިގެން ވިޔަފާއިވެރިންނަށްވެސް ކުރުނބާ ގަންނަން ލިބުނީ އެ އަގުގައި ކަމަށެވެ.

މިދިޔަ ހަފުތާގައި ބާޒާރުގައި ކުރުނބާ ތިޔާގިނުވި ނަމަވެސް، ކުރުނބާ 30 ރުފިޔާއަށް ލިބެން ހުއްޓެވެ. އޭރު ކުރުނބާ ފުޅިއެއް 150 ރުފިޔާއަށް ލިބުނު ނަމަވެސް މިހާރު ފުޅިއެއްގެ އަގު ވަނީ 200އަށް އުފުލިފައެވެ.

މީގެ އިތުރުން އޭނާ ބުނީ މިއަދު ކަނޑޫދޫ މިރުހުގެ 100 ގުރާމު އުޅެނީ 40 ރުފިޔާއަށް ކަމަށެވެ. ކަނޑޫދޫ މިރުސް ކިލޯއެއް އުޅެނީ 380 ރުފިޔާއަށެވެ. އަދި ލަންކާ މިރުހުގެ 100 ގުރާމު 30 ރުފިޔާއަށް ހުރިއިރު ކިލޯއެއް އުޅެނީ 250 އަށެވެ.

ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ކޮޕީ ފަތާއި ކަންކުން ފަތުގެ އަގުތަކަށް ބަލާއިރު, ކޮޕީ ފަތުގެ ތިން ފަތް 10 ރުފިޔާއަށް އަދި ކަނކުންފަތް ބޮޑިއެއް ފަސް ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

މީގެ އިތުރުން ކިއުކަމްބާއާއި ކެރެޓު ލިބެން ހުރީ 30 ރުފިޔާއަށް ކިލޯއެކެވެ.

ކަރާގެ އަގު މިއަދުވެސް ހުރީ އެހެންދުވަސްތަކާ ދާދި އެއްވަރެއްގައެވެ. އެގޮތުން މިއަދު އަލަނާސި ކަރާ ކިލޯއެއް އުޅެނީ 30 ރުފިޔާއަށެވެ. އަދި ބާޒާރުގައި އާދައިގެ ކަރާ ކިލޯއެއްގެ އަގަކީ 18 ރުފިޔާއެވެ.

އަނބުގެ އަގުތަކަށް ބަލާއިރު ދިވެހި އަނބުގެ އަގު ހުރީ 160 ރުފިޔާއަށް ކިލޯއެކެވެ. އަދި ހަނީ މެންގޯ 180 ރުފިޔާއަށް ކިލޯއެއް ވިއްކާއިރު، ބަޒާރުގައި ދިވެހި ހުތް އަނބު ކިލޯއެއް މިއަދު ހުރީ 140 ރުފިޔާއަށެވެ.

ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މިއަދު ބާޒަރުގައި އާދައިގެ ފަޅޯ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާއަށް ކިލޯއެކެވެ. އަދި އޮރެންޖާއި އާފަލުގެ އަގު ހުރީ އެއްޗެއް 10 ރުފިޔާގެ ރޭޓުންނެވެ.

comment ކޮމެންޓް