މި ރޯދަ މަހު ބިހެއް ނޫން، ހަވާދުލީ ސޮސެޖު ރޯލް

ކޮންމެ އަހަރެއްގެ ރޯދަ މަހު ގޭގޭގައި ތަފާތު އެކި ކަހަލަ އެއްޗެހި ހަދައި އުޅެއެވެ. އަދި ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެންމެ މަގުބޫލު ވާ އެއްޗެއް އޮވެއެވެ. އެއީ ހަވާދުލީ ބިހެވެ. ނަމަވެސް މިފަހަރު ހަވާދުލީ ބިހުގެ ބަދަލުގައި ފެންނަން ފަށާފައިވަނީ ތަފާތު އެއްޗެކެވެ. ހަވާދުލީ ބިސް ހަދާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ސޮސެޖެވެ.

މިއަހަރުގެ ރޯދަ މަސް ނިމޭއިރު ރޯދަ މަހާ ދިމާކޮށް މިއަހަރު ހަވާދުލީ ބިސް ސޯޝަލް މީޑިއާއިން ފެނުނު ވަރު ވަރަށް މަދެވެ. އެހެން އަހަރުތަކުގައި އެންމެ ގިނައިން އެ އެއްޗެއްގެ ވާހަކަ ރޯދަ މަހުގައި ދައްކާ އެކައްޗަކީ ހަވާދުލީ ބިހެވެ. ނަމަވެސް މިފަހަރު ރޯދަ މަސް ނިމުނު އިރުވެސް ހަވާދުލީ ބިހުގެ ވާހަކަ އެވަރަކަށް ނީވެއެވެ.

އޭގެ ބަދަލުގައި ސޯޝަލް މީޑިއާއިން މިފަހަރު ފެންނަމުން ދިޔައީ ހަވާދުލީ ބިސް ގޮތަށް ތައްޔާރުކުރާ ސޮސެޖް ރޯލެވެ. "ސްޕައިސީ ސޮސެޖް ރޯލްސް" ނުވަތަ "ހަވާދުލީ ސޮސެޖް ރޯލްސް" އެވެ.

މިފަހަރު ރޯދަ މަހު ފެނިފައިވަނީ ސޮސެޖް ރޯލްސްގައި ހަވާދުލައިގެން އުޅޭ މަންޒަރުތަކެވެ. އަދި މި ތައްޔާރުކުރާ ގޮތް ކިޔައިދޭ އެކި ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ. މިކަމާ ގުޅޭގޮތުން އާންމުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ.

އެއްބަޔަކު ބުނާގޮތުގައި މިއީ ވަރަށް ތަފާތު އަދި ކްރިއޭޓިވް ހިޔާލެކެވެ. އަނެއް ބަޔަކު އަންނަނީ އެ އުފެއްދުމަށް ވަރަށް ފާޑު ކިޔަމުންނެވެ.

މި ޑިޝް ތައްޔާރު ކުރަނީ ފުރަތަމަ ސޮސެޖް ރޯލް ތައްޔާރު ކުރާ ގޮތަށެވެ. ސޮސެޖުގައި ރޮށި އޮޅުމަށްފަހު ތެލުލާނީއެވެ. އެއަށްފަހު ހަވާދުލީ ބިސް ހަދާއިރު ބޭނުންކުރާ ހަވާދުގަނޑު ތެރެއަށް ރޯލްސްތައް ލައި އެއްކޮށްލާނީއެވެ. އެއަށްފަހު މި ރޯލްސް މިހުރީ ނިމިފައެވެ.

ބައެއް މީހުންގެ ފާޑުކިޔުން މި ޑިޝް އަށް ރައްދުވި ނަމަވެސް މިއީ އެހެން ބަޔަކަށް ކަމުދާ ޑިޝް އެކެވެ. އެމީހުން ބުނާ ގޮތުގައި މިއީ ރޮށްޓާ ޖަހައިގެން ކާން ވަރަށް މީރު ޑިޝް އެކެވެ. އެއާއެކު، މި ޑިޝް މިހާތަނަށް ތައްޔާރު ކުރީ ކޮން ބައެއް ހެއްޔެވެ؟

comment ކޮމެންޓް