ބާޒާރުގައި ކަރަޔާއި ކުރުނބާގެ އަގު އިތުރަށް އުފުލިއްޖެ

ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާޒާރުގައި ކަރާއާއި ކުރުނބާގެ އަގު އުފުލިއްޖެއެވެ.

މާރުކޭޓުގެ ގޮޅިއަކުން 'ސަން' އާ ވާހަކަދެއްކި ވިޔަފާރިވެރިޔަކު ބުނީ މިހާރު ކަރާ ކިލޯއެއްގެ އަގު އުޅެނީ 30 ރުފިޔާގައި ކަމަށެވެ. އަދި ކުރުނބާއެއްގެ އަގަކީ 70 ރުފިޔާ ކަމަށާއި ކުދި ކުރުނބާ ބާޒާރުގައި ވިއްކަނީ 35 ރުފިޔާއަށް ކަމަށް އޭނާ ބުންނެވެ.

ކުރުނބާ ފުޅިއެއް ލިބެން ހުރީ މިހާރު 180 ރުފިޔާއަށެވެ.

މީގެ ކުރިން މާރުކޭޓުގައި ކަރާގެ އަގު ހުރީ ކިލޯއެއް 18 ރުފިޔާއަށެވެ. ވިޔަފާރިވެރިޔާ ކިޔައިދިން ގޮތުގައި ކަރާގެ އަގު ކުއްލިއަކަށް އުފުލެން ދިމާވީ ކަރާގެ ސަޕްލައި ދަށަށް ދިއުމުގެ ސަބަބުންނެވެ. އެގޮތުން އއ. ތޮއްޑޫއިން ކަރާ ލިބޭލެއް މިހާރު މަދުވުމުގެ ސަބަބުން ކަރާ ގެންނަނީ ތަންކޮޅެއް ދުރު ސަރަހައްދުތަކުން ކަމަށް އޭނާ ބުންޏެވެ.

މާރުކޭޓުގައި ކުރުނބާ: ކަރާއާއެކު ކުރުނބާގެ އަގު ވެސް ވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މީގެ އިތުރަށް އޭނާ ބުނީ މިރުހުގެ އަގު ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ކަނޑޫދު މިރުހުގެ އަގު އުޅެނީ 150 ރުފިޔާއަށް ކިލޯއެއް ކަމަށާއި 100 ގުރާމު އުޅެނީ 20 އަދި 15 ރުފިޔާގެ ރޭޓުން ކަންވެސް އޭނާ ވަނި ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮޕީ ފަތް 10 ރުފިޔާއަށް ތިން ފަތް ބާޒާރުގައި ވިއްކާއިރު ކަންކުންފަތް ބޮނޑިއެއް އުޅެނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ފަސް ރުފިޔާއަށެވެ.

ކެރެޓާއި ކިއުކަމްބާގެ އަގަށް ވެސް ބަދަލެއް ނާންނަކަން އޭނާވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކެރެޓު 35 ރުފިޔާއަށް ހުރިއިރު ކިއުކަމްބާ ހުރީ 30 ރުފިޔާއަށެވެ.

މާރުކޭޓުގައި އަނބުގެ އަގުތަކަށް ބަލާއިރު، ހުތް އަނބު ކިލޯއެއްގެ އަގު އުޅެނީ 100 ރުފިޔާއަށް ކިލޯއެކެވެ. އަދި ތައިލެންޑު އަނބުގެ އަގު އުޅޭނި 160އަށް ކަމަށް އޭނާ ބުންޏެވެ.

އޮރެންޖާއި އާފަލު މާރުކޭޓުގައި ލިބެން ހުރީ 10 ރުފިޔާއަށާއި އަށް ރުފިޔާއަށް އެއްޗެއްގެ ރޭޓުންނެވެ.

comment ކޮމެންޓް