ބާޒާރުގައި ކަރާ ވިއްކާ އަގު އަނެއްކާ ވެސް ހެޔޮވެއްޖެއެވެ.
މާރުކޭޓުގެ ގޮޅިއަކުން "ސަން"އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުނީ ބާޒާރުގައި މިއަދު ކަރާގެ އަގު އުޅެނީ 10 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ. ރޯދަމަސް ފެށުނުއިރު ކަރާގެ އުޅެނީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ.
ބަޒާރުގައި އިތުރަށް ހުރި ތަކެތީގެ އަގުތަކަށް ބަލާއިރު، ގިތެޔޮ މިރުހުގެ 100 ގުރާމް 85 ރުފިޔާއަށް، އަދި ކިލޯ 800 ރުފިޔާއަށް ވިއްކައެވެ.
ދިހަ ރުފިޔާއަށް ތިން ކޮޕީ ފަތް ވިއްކާއިރު، ކަންކުން ފަތް ބޮނޑިއެއްގެ އަގު އުޅެނީ ފަސް ރުފިޔާއަށެވެ.
ކެރެޓުގެ އަގު 60 ރުފިޔާއަށް އުފުލިގެން ދިއުމަށް ފަހު، މިއަދު 30 ރުފިޔާއަށް ބާޒާރުގައި ކެރެޓު ލިބެން އެބަހުއްޓެވެ.
ދިވެހި ކިއުކަމްބާ ކިލޯއެއް 35އަށް ވިއްކާ އިރު، ޗައިނީޒް ކިއުކަންބާ ކިލޯއެއް މިއަދު އުޅެނީ 65 ރުފިޔާއަށެވެ.
މާރުކޭޓު ގޮޅިން "ސަން"އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ކިޔައިދިން ގޮތުގައި މިއަދު ބާޒާރުގައި ފަޅޮލެއް ނެތެވެ.
އިތުރު ތަކެތީގެ އަގުތަކަށް ބަލާއިރު، ބޭރު އަނބު ކިލޯއެއް އުޅެނީ 150 ރުފިޔާއަށެވެ.
ދޮންކޭލުގެ އެކި ބާވަތްތަކުގެ އަގުތައް މިއަދު ހުރީ 40 ރުފިޔާއާއި 80 ރުފިޔާއާ ދޭތެރޭގައެވެ.
އޮރެންޖެއް ހަ ރުފިޔާއަށް ވިއްކާއިރު، ބާޒާރުގައި މިއަދު ކުރުނބާ އެހާ ތިޔާގި ނޫން ކަމަށް މައުލޫމާތު ލިބެއެވެ. ކުރުނބާގެ އަގު ހުރީ 30 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.