ބާރަށުގައި ބޮޑުތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި ރޯކޮށްލައިފި

ހއ. ބާރަށުގައި މީގެ 400 އެއްހާ އަހަރު ކުރިން، ބޮޑު ތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި ހުޅު ޖަހައި ރޭ ރޯކޮށްލައިފިއެވެ.

ބާރަށު ކައުންސިލުން ބުނިގޮތުގައި އެ ބިޔަ ކާނި ގަހުގައި ރޯކޮށްލާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ހުޅު ޖެހުމުގެ ސަބަބުން އެ ގަސް ވަނީ ވަރަށް ބޮޑަށް އަނދައި ހުލިވެފައެވެ.

މިއީ ކީއްވެ, ކޮން ބައެއް ކުރި ކަމެއްކަން އަދި ސާފުނުވާއިރު މި މައްސަލައިގައި އަދި ބަޔަކު ހައްޔަރުކޮށްފައެއް ވެސް ނުވެއެވެ.

ތާރީޚީ މައުލޫމާތު ހާމަ ކުރައްވާ ނާޖިހް ދީދީ ވިދާޅުވާގޮތުގައި ބާރަށު އީދުކުޅޭ މަގުގައި، ހުންނަ އެ ކާނި ގަހަކީ ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނިކަޑައިން ހެދި ބޮޑުވެފައި ހުރި ގަހެކެވެ.

ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނަކީ މީލާދީން 1573 އިން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 އިން 993 އަށެވެ. މި ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ 981 ވަނަ އަހަރު ގައެވެ. ދިވެހި ތާރީޚުގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ. ބޮޑު ތަކުރުފާނަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހަރުދަނާ ބަޠަލެވެ.

ދެހާސް އަށާރަވަނަ އަހަރު ވަނީ، ހއ. ތަކަންދޫގައި ވެސް އުތީމް އަލިތަކުރުފާނު 400 ވަރަކަށް އަހަރު ކުރިން އިންދެވި ކަމަށް ބުނާ ކާނިގަހެއްގައި ރޯކޮށްލައިފައެވެ.

comment ކޮމެންޓް