ރިޝްމީ ޗުއްޓީގައި، ސްކީ ކުރަނީ

ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު ރިޝްމީ ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ.

ރިޝްމީ ލީޑުން ފެންނަ އަދި ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށްފައިވާ ވެބް ޝޯ "ޔާރާ"ގެ ދެވަނަ ސީޒަން ކާމިޔާބުކަމާ އެކު މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފައެވެ. ޝޯގެ ދެވަނަ ސީޒަން ނިމުމާ އެކު ރިޝްމީ ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއިން ބޭރަށް ގޮސްފައެވެ.

ރާއްޖެއިން ބޭރަށް ދިޔަ މި ދަތުރުގެ ވާހަކަ ރިޝްމީ އަންނަނީ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ޕޯސްޓެއް އާންމުކޮށްފައިވަނީ މީގެ ދެ ދުވަހެއް ކުރީންނެވެ. އެންމެ ފުރަތަމަ ޕޯސްޓަކަށް ވެފައިވަނީ ހޮޓް އެއާ ބެލޫންތައް ބެކްގްރައުންޑުން ފެންނަ ޕޯސްޓެކެވެ.

ބެލެވޭ ގޮތުގައި ރިޝްމީ ޗުއްޓީ ހޭދަކުރަމުން ދަނީ ތުރުކީގައެވެ. އަދި، ހޮޓް އެއާ ބެލޫންއަށް އަރާފައިވާ ކަމަށް ރިޝްމީ ވަނީ ޕޯސްޓެއްގައި ހާމަކޮށްފައެވެ. މިއީ އޭނާގެ ބަކެޓް ލިސްޓުން ކާމިޔާބު ކުރެވުނު ކަމެއް ކަމުގައި ވެސް ރިޝްމީ ފާހަގަކޮށްފައިވެއެވެ.

ބަކެޓް ލިސްޓުން ދެން އެންމެ ކުރަން ބޭނުންވި އެއް ކަމަކީ ސްކީ ކުރަން ދަސްކުރުމެވެ. ރިޝްމީ މިފަހަރު ޗުއްޓީގައި ވަނީ ސްކީ ކުރަން ފަށާފައެވެ.

ރިޝްމީ ފާހަގަކޮށްފައިވާ ގޮތުގައި ސްކީ ކުރުމަކީ އޭނާ ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް އުނދަގޫ ކަމެކެވެ. އަދި އެތައް ފަހަރަކު ސްކީ ކުރަން އުޅެ ފުރަތަމަ ދުވަހު ހުއްޓާލާފައިވާ ކަމަށް ރިޝްމީ ބުންޏެވެ. ނަމަވެސް ފުރަތަމަ ދުވަހާ އަޅާ ބަލައި ނަމަ ރަނގަޅު ނަތީޖާއެއް ފެނުނު ކަމަށް ރިޝްމީ ގަބޫލު ކުރެއެވެ.

އުނދަގޫހެން ހީވި ނަމަވެސް މިއީ ކުރެވޭނެ ކަމެއް ކަމުގައި ރިޝްމީ ގަބޫލު ކުރެއެވެ.

ޗުއްޓީއަށް ފަހު ރިޝްމީ އެނބުރި ރާއްޖެ އަންނާނެ ދުވަހެއް އަދި ނޭނގެއެވެ. ރިޝްމީ މިހާރު ތުރުކީގައި ހުރިއިރު އޭނާގެ ކޮއްކޮ އަދި މަޝްހޫރު ތަރި މަރިޔަމް އައްޒަ ވަނީ ދާދި ފަހުން އޭނާގެ ފިރިމީހާ އަބްދުﷲ މުއާޒު (މުއާ) އާއެކު ތުރުކީގައި ޗުއްޓީ ހޭދަކޮށްފައެވެ.

comment ކޮމެންޓް