ބައިސްކޯފު އޮރިޖިނަލްސްގެ ''ޔާރާ'' ސީޒަން 2 މިހާރު ބަލައިލެވޭނެ

ފިލްމީ ދާއިރާގެ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީގެ "ޔާރާ" ވެބް ސީރީޒްގެ ދެވަނަ ސީޒަން މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ.

ޔާރާ ވެބް ސީރީޒްއަކީ، ރިޝްމީ ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށް އަދި ލީޑް ރޯލު ކުޅެފައިވާ ސީރީޒްއެކެވެ.

ޖުމްލަ ހަތަރު ސީޒަނަކަށް ބަހާލައިގެން، ބައިސްކޯފުން ގެނެސްދިނުމަށް އުފައްދާފައިވާ 'ޔާރާ'ގެ ފުރަތަމަ ސީޒަން ނެރެފައި ވަނީ އޭޕްރީލް މަހުގެ 24ގައެވެ. ޖުމްލަ 12 އެޕިސޯޑްގެ މައްޗަށް އެކުލެވޭ ފުރަތަމަ ސީޒަން ޕްރިމިއާކުރާއިރު ރިޝްމީ ވަނީ ހަތަރު ސީޒަން ވެސް ގާތްގަނޑަކަށް ޝޫޓްކޮށް ނިންމައިފައެވެ.

"ޔާރާ"ގެ ސްކްރީން ޕްލޭ ލިޔުނީ އެ ސީރީޒް ލިޔުނު އަހުމަދު އިގްބާލް (އައިކިއު)އެވެ. ބައިސްކޯފުގެ އެންމެ ހިޓް ސީރީސްކަމަށްވާ، އައިކިއުގެ "އެހެނަސް"އާ ޚިލާފަށް މިއީ ރޮމޭންޓިކް ކޮމެޑީ ޖޯންރާގެ ސީރީޒްއެކެވެ.

ޔާރާ ސީރީޒްގެ ފުރަތަމަ ސީޒަންގެ ޕޯސްޓަރެއް--

ދެހާސް ވިހި ވަނަ އަހަރު މަސައްކަތް ފެށި މި ސީރީޒް ބިނާވެފައި އޮންނަނީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށެވެ. އެގޮތުން ހެއްވާ މަޖާ ކަންކަން ދައްކުވައިދޭއިރު، ލޯބިވެރިންނާއި ރަހުމަތްތެރިންނާއި އާއިލީ ގުޅުންތަކާ އެ ގުޅުންތައް ދެމެހެއްޓުން މި ސީރީޒްގައި ދައްކުވައިދެއެވެ.

މި ސީރީސްގައި ރިޝްމީގެ އިތުރުން މުހިންމު ރޯލުތަކުން ފެންނާނީ އޭނާގެ ކޮއްކޮ އަދި ބަތަލާ މަރިޔަމް އައްޒަ އާއި އެ ދެބެއިންގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު)އެވެ.

މީގެ އިތުރުން އަލީ ސީޒަން، އަހުމަދު އަޒްމީލް، މުހައްމަދު ވިޝަލް (ރޯމަން)، އިބްރާހިމް ޖުމައިހު، ޝަރާ އާދަމް، އަބްދުﷲ ޝަރަފް، ހުސައިން ޝާދިޔާން (ސޭންޑީ)، ނަތާޝާ ޖަލީލު، މަލީހާ ވަހީދު އަދި އަހުމަދު އާސިމް ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.

މީގެ އިތުރުން ވެސް މަޝްހޫރު އެތައް ތަރިންނެއް ޑްރާމާގައި ހިމެނެއެވެ. އެގޮތުން ގާތްގަނޑަކަށް 90އަށް ވުރެ ގިނަ ތަރިން މި ޑްރާމާގެ ހަތަރު ސީޒަނުން ފެންނާނެއެވެ. މިއީ ދިވެހި ފިލްމީ ދާއިރާއިން އެންމެ ގިނަ ފަންނާނުން އެކުގައި ފެންނާނެ އެއް ސީރީޒެވެ.

comment ކޮމެންޓް