އަނބިމީހާއަށް ފޯނުގެ ޕާސްވޯޑު އެނގެން ޖެހޭނެތަ؟

ފޮޓޯ/ޕިންޓްރެސެޓް

ކޮންމެ މީހަކު ވެސް ބޭނުންކުރާ ފޯނު އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ރައްކާތެރިކުރުމަށް އާއްމުގޮތެއްގައި ބޭނުންކުރަނީ އެ ކަމަށް ހާއްސަ ޕާސްވޯޑެކެވެ. ޕާސްވޯޑުގެ އިތުރުން ބައެއް ޑިވައިސްތަކަށް ހާއްސަ ޕިން ކޯޑު ނުވަތަ ލޮކް ކޯޑު ބޭނުންކުރާ މީހުން ވެސް އުޅެއެވެ.

އާއްމުގޮތެއްގައި މިފަދަ ޕާސްވޯޑެއް ބޭނުންކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ތިމާގެ އަމިއްލަ ޒާތީ ދިރިއުޅުމާ ގުޅުންހުރި ގިނަ މައުލޫމާތު ރައްކާތެރި ކުރުމަށެވެ. ބައެއް މީހުން ގެންގުޅޭ ސޯޝަލް މީޑިއާ އެކައުންޓުތައް އަދި ފޯނުގެ ޕާސްވޯޑު ހަޔާތުގެ ބައިވެރިޔާއާ ހިއްސާކުރުމަކީ މައްސަލައެއް ނޫންކަމަށް ދެކޭއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ފޯނު އަދި ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑު އެއްވެސް މީހަކަށް އެނގޭކަށް ނުޖެހެއެވެ.

މިއީ ތަފާތު އެކި މުނާސަބާތަކުގައި ވަރަށް ފުޅާ ދާއިރާގައި ކުރެވޭ ބަހުސެކެވެ.

ބައެއް މީހުންނަށް ދިމާވެފައިވާ ތަޖުރިބާތަކަށް ބަލާއިރު ކައިވެނީގެ ކުރިން ޕާސްވޯޑުތައް އެކަކު އަނެކަކަށް އެނގޭއިރު ކައިވެންޏަށްފަހު އަހަރުތަކެއް ފާއިތުވުމުން އެކަން ބަދަލުވެއެވެ.

މިފަދަ ހާލަތެއްގައި ފޯނު ނުވަތަ ސޯޝަލް މީޑިއާ ޗެޓު ލޮގުތައް ބަލާއިރު އޮންނަނީ ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައެވެ. އެހެންކަމުން އެކަކު އަނެކަކަށް ފޯނު ނުވަތަ ޗެޓު ލޮގްތައް ހުންނަ އެޕްލިކޭޝަންތަކުގެ ޕާސްވޯޑު ބަދަލުކޮށް އެކަން ސިއްރުކުރާ ނަމަ އެއީ ދެ މީހުންގެ ގުޅުމުގައި މައްސަލަތައް ޖެހުމުގެ ފެށުމަށް ވެދެއެވެ.

ފޮޓޯ/ދަކަޓް.ކޮމް

ޒަމާނަށް އަންނަ ބަދަލުތަކާ އެކު ކަންކަމާމެދު ވިސްނާގޮތް ބަދަލުވާ ގޮތަށް މިކަމާ މެދު ވެސް ވަރަށް ޕޮޒިޓިވްކޮށް ވިސްނާ މީހުން އުޅޭކަން ވެސް ފާހަގަކޮށްލެވެއެވެ.

މިސާލަކަށް ދެ މީހުންނަށް ވެސް އެކަކު އަނެކަކު ގެންގުޅޭ ފޯނު އަދި އެޕްލިކޭޝަންތަކުގެ ޕާސްވޯޑު އެނގުނު ނަމަވެސް ފޯނު އަދި ޗެޓު ލޮގްތައް ޗެކް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ގޮތަށް ބައެއް މީހުން ސިފަކުރެއެވެ. ސަބަބަކީ ކައިވެނީގެ މާތް ގުޅުމަކުން ދެ މީހުންގެ ޒަވާޖީ ހަޔާތް ފަށަނީ ދެ މީހުން ވެސް އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިތުބާރު ކުރުމަށް ފަހުއެވެ.

ދިރިއުޅުމުގެ މުހިއްމު ނިންމުންތައް އެކަކު އަނެކަކު ގުޅިގެން ނިންމާއިރު ޕާސްވޯޑު ސިއްރު ކުރުން ފަދަ ކަންކަމަކީ މައްސަލައެއްގެ ގޮތުގައި ދެކެން މާ ކޫސަނި ކަމެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެކަކު އަނެކަކުގެ ފޯނު ޗެކްކޮށް ޗެޓު ލޮގްތައް ބަލައި ހެދުމަކީ ދެ މީހުން އެކަކު އަނެކަކަށް ކުރާ އިހުތިރާމު ކުޑަވާ ކަމެކެވެ.

ޕާސްވޯޑު ސިއްރުކުރުމާ މެދު އެކި މީހުންގެ ހިޔާލު ތަފާތެވެ. ކިޔުންތެރިންގެ ނަޒަރުގައި މިއީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟

comment ކޮމެންޓް