ކޮންސްޓްރަކްޝަން ދާއިރާގައި ހަމައެކަނި ދިވެހީންނަށް ޚާއްސަ މަސައްކަތްތަކެއް ކަނޑައަޅައިފި

މަސީން ކޮންސްޓްރަކްޝަން އެވޯޑު ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ދާއިރާގައި ހަމައެކަނި ދިވެހީންނަށް ޚާއްސަކޮށް ތިން ކަމެއް ކަނޑައަޅައި އެ ކަންކަމަށް ދިވެހީން ތަމްރީނުކުރުމަށް ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިރޭ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން ކޮންސްޓްރަކްޝަން އެވޯޑު ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހިންނަށް ޚާއްސަ ދާއިރާތަކެއް ކަނޑައެޅުމަށް ނިންމެވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައިކަމަށެވެ.

އެގޮތުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި އެ ދާއިރާތަކުން ދިވެހީން ތަމްރީނުކޮށް މަަސައްކަތް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ނިންމަވައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ތެރެއިން މިރެއަށް ޚާއްސަ، ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ ތިން ދާއިރާއެއް ވެސް އަޅުގަނޑުމެން ވާނީ ކުރިއަށް އޮތް ދެ އަހަރު ދުވަހު މަސައްކަތް ކޮށް ދެ އަހަރު ފަހުން މި ތިން ފީލްޑަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއަށް ހެދުމަށް ނިންމައިފައި،" ރައީސް ވިދާޅުވިއެވެ.

އެ ތިން ދާއިރާއަކީ:

  • ބިލްޑިން އިންސްޕެކްޓަރުން
  • ސައިޓް ސުޕަވައިޒަރުން
  • ސާވެއަރުން

"މި ތިން ދާއިރާއަކީ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ހަމަ އެކަނި ދިވެހިން މަސައްކަތް ކުރާ ތިން ދާއިރާއަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ އަންހެނުން ވެސް މި ދާއިރާގައި މަސައްކަތް ކުރުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ކޮންސްޓްރަކްޝަން ދާއިރާގެ އެކިއެކި ކަންކަމުގައި އަންހެނުން ޝާމިލް ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ސިޔާސަތުތައް ބައްޓަން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ވެސް މި ދާއިރާގައި މަަސައްކަތް ކުރަން ބޭނުންވާ ކުދިން ތިބޭނެ ކަމަށެވެ.

އަދި އެކުދިންނާ ހަމައަށް ވާސިލްވެ އެ ކުދިންނަށް ވެސް ދެވެން ހުރި އެންމެ ފަހި ފުރުސަތުތައް ދެއްވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކެން ބޭނުންވަނީ އަޅުގަނޑުމެންގެ މި އިންޑަސްޓްރީއަކީ ދެވަނަ ހަރުފަތަށް ދާއިރުގަ އިންކްލޫސިން، ހުރިހާ ފަރާތްތަކެއް ބައިވެރިވާ އިންޑަސްޓްރީއަކަށް ހަދަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް