ސަރުކާރު ޕްރޮޖެކްޓުތަކަށް ފައިސާ ނުލިބޭތީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި

މެއި 28، 2020: މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ފައިސާ ނުލިބި، ދިގުލައިގެންދާ ކަމުގެ ކަންބޮޑުވުން، ކޮންސްޓްރަކްޝަން ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ގައުމީ ޖަމިއްޔާ (އެމްއެންއޭސީއައި) އިން ފާޅުކޮށްފިއެވެ.

އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން އަތޮޅުތަކުގައި ހިންގާ ޕީއެސްއައިޕީ އަދި އެހެނިހެން މަޝްރޫއުތަކުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ފަހު، ފައިސާ ނުލިބި ލަސްވުމުން ގިނަ ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ.

އެގޮތުން، މުވައްޒަފުންގެ މުސާރައާއި، ކެއުމާއި، އެހެނިހެން ޚަރަދުތައް އަދި ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ދަތިވެފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެކަމުގެ ސަބަބުން، މުވައްޒަފުންގެ މުސާރަ ނުދެވި، މަސައްކަތް ހުއްޓާލަމުންދާ ކަމަށާއި، ކޮންޓްރެކްޓަރުން ގޮތް ހުސްވެ، ކަންބޮޑުވެފައިވާ ކަމަށް އެމްއެންއޭސީއައިއިން ބުނެއެވެ.

އެ ޖަމިއްޔާއިން ބުނީ މިކަން ހައްލުކުރުމަށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، ޕްރޮޖެކްޓުތައް ހިންގާ މިނިސްޓްރީތައް، އަދި ސިވިލް ސާވިސް ކޮމިޝަންގެ ވެރިންނާ ބައްދަލުކޮށް، ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވަ ތާރީޚަށް ފައިސާ ދިނުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. އަދި، ކަނޑައަޅާފައިވާ މުއްދަތަށް ފައިސާ ނުދިނުމުގެ ޖޫރިމަނާ ދިނުމަށް ވެސް އެދިފައިވާނެ ކަމަށެވެ.

މީގެ އިތުރުން، އިންޑަސްޓްރީގައި ހުރި ދަތިތައް ދެނެގަތުމަށް އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ފޯރަމަކުން ފާހަގަވި 24 ކަމެއް ހިމެނޭ ޕްރެސެންޓޭޝަނެއް 2019ވަނަ އަހަރު ރައީސަށް ހުށަހަޅާފައިވާނެ ކަމަށާއި، ނަމަވެސް، މިހާތަނަށް ވެސް އެކަންކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަޝްރޫއުތަކަށް ފައިސާ ނުލިބުމުގެ ޝަކުވާ މީގެ ކުރިން ވެސް ކޮންޓްރެކްޓަރުން ވަނީ ފާޅުކޮށްފައެވެ. ދޭތެރެއަކުން، އެފަދަ ބައެއް ކޮންޓްރެކްޓަރުންގެ މަގުމައްޗަށް ނުކުމެ، އަޑު އުފުލާ ވެސް ހަދައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއަހަރަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ބަޖެޓުގެ ޖުމްލަ އަކީ 8.5 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް