މާމިގިލީ ޕޯޓް އަލުން ފަށައި ފީސިބަލް ތަނަކަށް ހަދާނަން: މުއިއްޒު

ޑރ. މުއިއްޒު މާމިގިލީ ސަޕޯޓަރުންނާ ސަލާން ކުރައްވަނީ --

އދ. މާމިގިލިން، ޢާލިމް އަބްދުއްލަތީފް

ރައީސް އަބްދުﷲ ޔާމީން އަބްދުލްްގައްޔޫމްގެ ވެރިކަމުގައި ފެށި އދ. މާމިގިލީ ޕޯޓްގެ މަސައްކަތް މި ސަރުކާރުން ހުއްޓައިލައިފައިވާ ކަމަށާއި އެ ޕޯޓްގެ މަސައްކަތް އަލުން އޭނާގެ ސަރުކާރެއްގައި ފައްޓަވައިދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ތާއީދު ހޯއްދެވުމަށް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުގައި މިއަދު ހަވީރު މުއިއްޒު ވަނީ މާމިގިއްޔަށް ވަޑައިގެންފައެވެ.

އެ ރަށަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ތަރައްގީ ހަލުވި ދުވެލީގައި ރައީސް ޔާމީންގެ ސަރުކާރުގައި ގެނެސްދެއްވި ގޮތަށް ގެނެސްދޭނެ ކަމަށެވެ.

"ރައްޔިތުން މިހާރު ބޭނުންވަނީ ބާރު ސްޕީޑުގައި ތަރައްގީ އަންނަން. މި ރަށުގެ ރައްޔިތުން ހަމަ ޔަގީނުން ވެސް އެ ކަން ބޭނުންވޭ. އެ ކަން އަޅުގަނޑުމެންނަށް އެބަ އިހްސާސްކުރެވޭ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ފުރަތަމަ ވިދާޅުވީ މާމިގިލިފަދަ ބޮޑު ރަށެއްގައި މަގުތަކުގެ ފެންވަރު ހުންނަން ޖެހޭނީ މި ގޮތަށް ނޫން ކަމަށެވެ. މި ރަށުގެ މަގުތައް ހަދަން ފަށައި އެ މަސަައްކަތް ވެސް ނުނިންމާ ގިނަ ދުވަސްތަކެއް ވެއްޖެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭނާގެ ވެރިކަމެއްގައި ބާރު ސްޕީޑުގައި އެ މަޝްރޫއު ނިންމަވައިދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު މާމިގިލީ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ --

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޕޯޓްގެ މަސައްކަތް ފަށައި ޚިދުމަތް ދޭން ވެސް ފެށި ކަމަށެވެ. އެހެން ނަމަވެސް، މި ސަރުކާރުން އެ މަސައްކަތް ހުއްޓައިލިކަމަށް ރައްޔިތުން ބުނާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މާމިގިލީ ރައްޔިތުންނަށް ދެއްވި ޔަގީންކަަމަކީ އޭނާގެ ވެރިކަމެއްގައި އަނެއްކާ ވެސް ޕޯޓްގެ ޚިދުމަތް މި ރަށުގައި ދޭން ފެށޭނެކަމުގެ ޔަގީންކަމެވެ.

"ދެން އެޔާ ގުޅިގެން ކުރަން ޖެހޭ ކަންކަން އަނބުރާ ގެންނަން ޖެހޭނީ. ޕޯޓެއް ކުރިއަށް ދާނީ ޕޯޓާ ގުޅިގެން ކުރިއަށް ދާން ޖެހޭ ކަންކަން ހިމެނިގެން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕޯޓުގެ މަސައްކަތް ހަގީގަތަކަށް ހަދައި އެއީ ފީސިބަލް ތަނަކަށް ހައްދަވައިދެއްވާނެކަމަށެވެ.

މާމިގިލީ ޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި 28 ޖޫން 2017ގައި އެމްޕީއެލްއާ ހަވާލު ކުރި ޕޯޓެކެވެ. އެ ޕޯޓުގެ ސަބަބުން ދައުލަތަށް ކޮންމެ އަހަރަކު އަށް މިލިއަން ރުފިޔާގެ ގެއްލުން ވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ 2021ވަނަ އަހަރު ވިދާޅުވެފައެވެ.

މުއިއްޒު ވަނީ މާމިގިލީގެ ސިއްހީ ނިޒާމު ރަނގަޅުކޮށް ރައްޔިތުން އެދޭ ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ. އަދި ބޭންކްގެ ބްރާންޗަކާއި އެމްއެންޔޫ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ވެސް މި ރަށުގައި ގާއިމުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް