އަރަބިއްޔާ ބެލެނިވެރިންނަށް ސަރުކާރުން ދިނީ ދޯކާ، ޒަމާނީ ސްކޫލެއް ގާއިމުކޮށްދޭނަން: މުއިއްޒު

ޑރ. މުއިއްޒު ކަނޑިތީމުގައި ވާހަކަ ދައްކަވަނީ --

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނަށް މި ސަރުކާރުން ދިނީ ބޮޑު ދޯކާއެއްކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ށ. ކަނޑިތީމުގައި މިއަދު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި މި ގައުމަށް އެންމެ މުހިންމު އެއްކަމަކީ އަރަބި ތައުލީމް ދިނުން ކަމަށެވެ.

"އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުން ވަރަށް އިހުމާލުވެފައިވާ ތަނެއް. ވަރަށް ބޮޑަށް އިހުމާލުވެފައި ވަނީ،" މުއިއްޒު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލް އިމާރާތް ހަލާކުވެގެން ދާން ފެށުމުން ސްކޫލް ބެލެނިވެރިންނާއި ދަރިވަރުން އާދޭސްކުރަން ފެށުމުން "ޓިނުން ހަދައިފައި ހުރި ގުދަނަކަށް" ލައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަރަބިއްޔާ ސްކޫލަށް ބޭނުންވާ ބިން މާލޭގައި ވެސް އެބައޮތް. އަޅުގަނޑުމެން ހެދި ލޭންޑް ޔޫސް ޕްލޭންގައި ވެސް އޮންނާނެ. އަޅުގަނޑުމެންނޭ މި ދެންނެވީ މާލޭ ސިޓީ ކައުންސިލުން،" މުއިއްޒު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންނަށް ދިނީ ވަރަށް ބޮޑު ދޯކާއެއް،"

އަރަބިއްޔާއަށް ފަހުން ބިން ދިނީ މައްޗަންގޮޅީގެ އެންމެ ބާރުބޮޑު އެންމެ އުނދަގޫ ސަރަހައްދުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ތަނުން ބިން ދޭނެކަމަށް ބުނެ އެ ބިންވެސް ނުދޭކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވަނީ --

އޭނާ ވިދާޅުވީ އެ ބިމަކީ ޖަމާލުއްދީން ބޮޑުކުރަން އެއްބައި ނަގަން ޖެހޭ ތަނެއްކަން އެނގި ތިބެ ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންނަށް އޮޅުވައިލެއްވީ ކަމަށެވެ.

"މާލޭގެ ބިމުގައި އެބައޮތް އަރަބިއްޔާ އެޅޭވަރުގެ ބިން. އަޅުގަނޑުމެންގެ ލޭންޑް ޔޫސް ޕްލޭންގައި ވަރަށް ބޮޑު އިސްކަމެއް ދީފައި އޮތް ކަމެއް އެއީ،" މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގައި އަރަބި އިސްލާމީ ތައުލީމު ދޭ އަރަބިއްޔާ ސްކޫލް ގާއިމުކުރަން އެކަށީގެންވާ ބިމެއް ކަނޑައަޅައި އެ ތަނުގައި ޒަމާނީ ސްކޫލެއް އަޅައިދީ ޒަމާނަށް ފެތޭ ގޮތަށް އަރަބިއްޔާ ސްކޫލް ހުޅުވުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެ ކުދިން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ 2021ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން މިނިސްޓްރީން ވަނީ ބިމެއް ހޯދައިދޭނެ ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ހިއްސާ ކުރެއްވުމުން އެ މަނިކުފާނު ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައި ދެއްވައިފައެވެ.

އިމާރާތް އެޅެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ކުރިން ހިންގި ސޯމިލް އިމާރާތް ވަނީ އަރަބިއްޔާ ސްކޫލަށް ހަމަޖައްސައިދެއްވައިފައެވެ. އަރަބިއްޔާ ސުކޫލަކީ 2011ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ.

އެހެން ނަމަވެސް، މި އަހަރުގެ ދިރާސީ އައު އަހަރު އަރަބިއްޔާގެ ދަރިވަރުން ފަށައިފައިވަނީ ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތުގައެވެ.

comment ކޮމެންޓް