މިރޭ ދިހަ ވަރަކަށް މިނެޓު ވަންދެން ކޮމެޓު ފެނުނު، އެއަށްފަހު ގިނަ މީހުން ބޭނުންވީ ހަނދު ބަލާލަން

ހުޅުމާލޭ ފޭސް ދޭއްގައި ކޮމެޓު ބަލަން ބަހައްޓާފައި ހުރި ޓެލެސްކޯޕް / ފޮޓޯ: ސްޕޭސްކެޓް

ފަންސާސް ހާސް އަހަރުން އެއްފަހަރު ދުނިޔެ ކައިރިން ދަތުރުކުރާ ގްރީން ކޮމެޓު ބަލާލަން ދިޔަ މީހުންނަށް ދިހަވަރަކަށް މިނެޓަށް ކޮމެޓު ބަލާލުމުގެ ފުރުސަތު ލިބިއްޖެއެވެ.

އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މި ކޮމެޓް ފެންނަން ހުންނާނެއިރު، ސްޕޭސް ކެޓުން ވަނީ މާލެއާއި ހުޅުމާލޭގައި އުޅޭ މީހުންނަށް ކޮމެޓް ބަލައިލުމުގެ ފުރުސަތު އިންތިޒާމްކޮށްފައެވެ.

ނަމަވެސް، މި ދުވަސްވަރު މެދު ރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކަށް އަނެއްކާވެސް ވައި ނުސާފުވެފައިވާތީ ރޭ ކޮމެޓު ބަލާލުމަށް ދިޔަ އެތައް ބަޔަކަށް ކޮމެޓު ފެންނަ ގޮތް ވަނީ ނުވެފައެވެ. ކޮމެޓު ބަލާލުމަށް މާލޭ މަސްވެރިންގެ ޕާކު ސަރަހައްދުގައި ރޭ ވަނީ ޓެލެސްކޯޕު ބަހައްޓާފައެވެ.

މިރޭ 20:00 އިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވޯލްޑް ކަޕްގެ މެޗުތައް އެޅުވި ހުސްބިން ސަރަހައްދުގައި ޓެލެސްކޯޕު ބަހައްޓާފައިވާއިރު ގިނަ އަދަދެއްގެ މީހުން ވަނީ އެސަރަހައްދުގައި ކިއު ހަދާފައެވެ.

"ސަން" އާ ވާހަކަދައްކަމުން ސްޕޭސްކެޓުން ބުނީ އިރުއޮއްސުމަށްފަހު ފުރަތަމަ އަނދިރިވެގެން އައި ވަގުތު ހަމަލޮލަށް ވެސް ކޮމެޓު ފެނުނު ކަމަށާއި، ޓެލެސްކޯޕުން ބެލި ވަގުތު ކޮމެޓު ވަށައިގެން ހުރި ފެހި ކުލައިގެ އަލީގެ ފަށަލަވެސް ފެންނަން ހުރި ކަމަށެވެ.

ހުޅުމާލެ ފޭސް ދޭއްގައި ކޮމެޓު ބަލާލަން ހަދާފައިވާ ކިއު / ފޮޓޯ: ސްޕޭސްކެޓް

ނަމަވެސް ޖައްވުގައި ހޭޒްގެ އަސަރު ހުރުމާއެކު ވިޒިބިލިޓީ ދަށްވެ، ފަހުން ކޮމެޓު ފެނިފައި ނުވާ ކަމަށް ސްޕޭސް ކެޓުން ބުންޏެވެ. ނަމަވެސް ރޭގަނޑުވި ވަރަކަށް ހޭޒް އިތުރުވަމުން ދިޔުމާއެކު އެއަށްފަހު ކޮމެޓު ފެނިފައެއް ނުވެއެވެ.

ކިއޫގައި ތިބި ގިނައަދަދެއްގެ ބަޔަކު ޓެލެސްކޯޕުން ޖުޕިޓާ އާއި ހަނދު ބަލާލަން ބޭނުންވުމުން އެމީހުންނަށް ވަނީ ޓެލްސްކޯޕުން ބަލާލުމުގެ ފުރުސަތު ދީފައެވެ.

އޭގެއިތުރުން، ކޮމެޓާ ބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް ބޭނުންވި ދަރިވަރުންނާއި، ބައެއް އާންމުންނަށް ކޮމެޓާ ގުޅުންހުރި މައުލޫމާތު ކިޔައިދިނުމާއި ސުވާލުކުރުމުގެ ފުރުސަތު ވަނީ މިރޭ ދީފައެވެ.

އަދި، ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލައަށް ކޮމެޓު ހޯދައިގެން ބަލާލުމަށް ބޭނުންވާ މީހުންނަށް އެކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓްވެސް ބަހާފައިވެއެވެ.

އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު އަންނަ ހިރަފުހާއި ދުމުގެ ސަބަބުން އިރުވައި މޫސުމުގައި ވައި ޖެހޭގޮތުން ރާއްޖޭގެ ވައި ނުސާފުވާން ދިމާވާ ކަމަށް މެޓު އޮފީހުން ބުނެއެވެ. ކުރިއަށް އޮތް ދެ ދުވަހު ވެސް ވައި ނުސާފުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވީނަމަވެސް، މާދަމާ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ ވިއްސާރަވުމުން ވައި ސާފުވާނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް