އިސްތަށިގަނޑު ދޮންނަން ޖެހެނީ ކިހާވަރަކަށް؟

ފެންވެރުމާއި އިސްތަށިގަނޑު ދޮވުމުގެ އާދައަކީ ކޮންމެ މީހަކަށް ވެސް ތަފާތު ކަމެކެވެ. އެއްބައި މީހުން ކޮންމެ ދުވަހަކު އިސްތަށިގަނޑު ގަވާއިދުން ދޮންނާނެއެވެ. ނަމަވެސް އަނެއް ބަޔަކު ދޮންނާނީ ދެ ދުވަހުން އެއް ދުވަހެވެ. އަދި ހަފުތާއަކު އެއް ދުވަހަކު ވެސް ދޮންނަ މީހުން މަދެއް ނޫނެވެ. އެހެންވީ އިރު އިސްތަށިގަނޑު އަސްލު ދޮންނަން ޖެހޭ މިންވަރަކީ ކޮބާ ހެއްޔެވެ؟

ބައެއް ކަހަލަ ޝޭމްޕޫތަކުގައި ކެންސަރަށް މަގުފަހިވާ ޒާތުގެ މާއްދާތައް އެކުލެވޭ ކަމަށް ދާދިފަހުން އާންމުވި ރިޕޯޓަކާއެކު އިސްތަށިގަނޑު ދޮވުމުގެ އާދައަށް އިތުރަށް ނަޒަރު ހިންގާލަން ކަމާ ގުޅޭ މާހިރުން ލަފާ ދެއެވެ.

ޑާމިޓޯލަޖިސްޓުން ފަދަ ކަމާ ގުޅޭ މާހިރުން ބުނާގޮތުގައި އިސްތަށިގަނޑު ދޮވުމުގެ އާދައަކީ ހުރިހާ އެންމެނަށް އެއްގޮތް ކަމަކަށް ވާކަށް ނުޖެހެއެވެ.

"ބައެއް މީހުންނަށް ހީވެދާނެ ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮންނަން ޖެހޭނޭ. އެހެންނޫނީ އެމީހުންނަށް ހީވެދާނެ އިސްތަށިގަނޑު ވަރަށް ތެޔޮ ވެދާނޭ،" ނިއު ޔޯކް ސިޓީގެ ސްލޯން ކެރެޓިން ކެންސާ ސެންޓަރުގެ ޑާމިޓޯލަޖިސްޓެއް ކަމަށްވާ ޑރ. އެންތަނީ ރޮސީ ބުންޏެވެ.

އޭނާ ފާހަގަކުރާ ގޮތުގައި އިސްތަށިގަނޑު ދޮވުމުގައި ބަލަން ޖެހޭ ބައިވަރު ކަންތައް އެބަހުއްޓެވެ. އޭގެތެރޭގައި އިސްތަށިގަނޑުގެ ފަން މިނާއި ބުޅި މިނުގެ އިތުރުން ހަން ފޮޅޭ ނަމަ އެކަމާއި އިސްތަށިގަނޑު ތެޔޮ ވާ ނަމަ އެކަމަކީ ބަލަން ޖެހޭ ކަންތައްތައް ކަމަށް އޭނާ ފާހަގަކުރިއެވެ.

ރޮސީ އާންމު ގޮތެއްގައި ލަފައެއްގެ ގޮތުން ދެނީ ކޮންމެ މީހަކު ވެސް ހަފުތާ އަކު ދެ ފަހަރު އިސްތަށިގަނޑު ރަނގަޅަށް ދޮންނާށެވެ.

ނަމަވެސް ކެމިކަލް ޓްރީޓްމެންޓެއް، މިސާލަކަށް ބްލީޗު ކުރުން ނުވަތަ ކުލަ ޖެއްސުން ފަދަ ކަމެއް ކުރާ ނަމަ އިސްތަށިގަނޑުގައި ޝޭމްޕޫ ލައިގެން ދޮވުން އިތުރަށް މަދު ކުރުމަށް ލަފާ ދެއެވެ. އެގޮތުން ދެ ހަފުތާ އިން އެއް ފަހަރު އިސްތަށިގަނޑު ދޮންނަން ރޮސީ ލަފާ ދެއެވެ. އެހެން ނޫނީ އިސްތަށިގަނޑު ވަރަށް ފަސޭހައިން ހަލާކުވުމަށް މަގުފަހު ވާނެއެވެ.

ރޮސީ ބުނާގޮތުގައި މީހާގެ އިސްތަށިގަނޑު އަބަދު ތެޔޮ ވެ ހަންގަނޑުގައި ވެސް ތެޔޮ އަބަދު އުފެދޭ ނަމަ ކޮންމެ ދުވަހަކު އެއް ފަހަރު ވެސް އިސްތަށިގަނޑު ދޮވުން ރަނގަޅުވާނެއެވެ.

comment ކޮމެންޓް