ޓައިމްޓޭބަލްގައި ހިމަނައިގެން ކިނބިދޫ ސްކޫލުގައި ކޯޑިން ކިޔަވައިދެނީ

ކިނބިދޫ ސްކޫލުގެ ޓީޗަރުން ކޯޑިން ސެޝަނެއްގައި ބައިވެރިވަނީ --- ފޮޓޯ/ކިނބިދޫ ސްކޫލް

ތ. ކިނބިދޫ ސްކޫލުގެ ޓައިމްޓޭބަލްގައި ހިމަނައިގެން، އެ ސްކޫލުގެ ދަރިވަރުންނަށް ކޯޑިން ކިޔަވައިދޭން ފަށައިފިއެވެ.

ކިނބިދޫ ސްކޫލުގެ ޕްރިންސިޕަލް އަހްމަދު އަބްދުﷲ މިއަދު "ސަން"އަށް ވިދާޅުވީ މިއީ މިދިޔަ އަހަރު އެ ސްކޫލުގައި ހިންގި ކޯޑިން ކްލަބުގެ ތަޖުރިބާގެ އަލީގައި ނިންމި ނިންމުމެއް ކަމަށެވެ.

މިދިޔަ އަހަރު އެ ސްކޫލުގައި ކުރިއަށް ގެންދިޔަ ކޯޑިން ކްލަބުގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެ، އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ، މި އަހަރު އެ ސްކޫލުގެ ޓައިމްޓޭބަލްގައި ހިމަނައިގެން ކޯޑިން ދަސްކޮށްދޭން ފެށީ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އެގޮތުން އާ އަހަރަށް ސްކޫލު ހުޅުވުމާއެކު، ސްކޫލުގެ 38 ޓީޗަރުން ވަނީ ތަމްރީނު ކޮށްފައެވެ. ޕްރިންސިޕަލް ވިދާޅުވީ ކޮންމެ ހަފްތާއަކުވެސް އެއް ގަޑިއިރުގެ ކޯޑިން ކްލާހެއް ކުރިއަށް ގެންދަން މިހާރު ޓައިމްޓޭބަލްގައި ހިމަނާފައިވާ ކަމަށެވެ.

މި ކްލާހުގައި ސްކޫލުގެ ގްރޭޑް އެކަކުން ފެށިގެން 10 އާ ދެމެދުގެ ހުރިހާ ކުދިން ބައިވެރިވާނެއެވެ.

އެގޮތުން، ކޯޑިންއަށް ހާއްސަ ވެބްސައިޓު، code.org ގައި އެ ސްކޫލުގެ ހުރިހާ ކުދިންނާއި ޓީޗަރުން ވަނީ ރަޖިސްޓްރީވެފައެވެ. އަދި ކޮންމެ ހަފްތާއަކު ވެސް އެ ވެބްސައިޓުގެ "އަވާ އޮފް ކޯޑް" ގައި އެ ސްކޫލުން ބައިވެރިވާނެއެވެ.

ޕްރިންސިޕަލް ވިދާޅުވީ މި ގެނައި ބަދަލުގެ މަގުސަދަކީ ކޮމްޕިއުޓާ ސައިންސްގެ ހުނަރު ކުދިންގެ ކިބައިގައި އަށަގަންނުވައި، ސްކޫލު ނިންމާއިރު އެކުދިންނަކީ ކޯޑުކުރަން އެނގޭ ކުދިންތަކަކަށް ހެދުން ކަމަށެވެ.

ކޮންމެ ޓާމެއް ނިމޭއިރު، ކޮންމެ ދަރިވަރަކު ވެސް މި ޕްރޮގްރާމުން ހާސިލުކޮށްފައިވާ މިންވަރު، އެ ވެބްސައިޓުން ބަލާލެވޭނެ އެވެ. އަދި ސްކޫލުގެ ފަރާތުން އެ މައުލޫމާތު ބެލެނިވެރިންނާ ހިއްސާކުރާނެކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

މިއީ ޓައިމްޓޭބަލްގައި ހިމަނައިގެން ރާއްޖޭގެ ސްކޫލެއްގައި ކޯޑިން ދަސްކޮށްދޭ ފުރަތަމަ ފަހަރެވެ

comment ކޮމެންޓް