ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިއްޖެ

ނޮވެމްބަރ 22، 2019: "ހިބަރު ވަދު" ގެނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިން ދައުވާ އާއި ގުޅިގެން އެމަނިކުފާނުގެ އެކައުންޓުގައި ހުރި މައްސަލައާ ގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލަ ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރަށް ޖޫރިމަނާ ކޮށްފަ އެވެ.

ޕީޖީ އޮޕީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީން މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާ އާއި، މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުގައި ހުރި މައްސަލައާ ގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުވާ ލިބޭ ފަރާތުން ކުރި ކުށުގެ ސަބަބުން، އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ޝަރީއަތަށް ސާބިތުވާ ހާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ގާނޫނުން ކަނޑައަޅާފައި ވާނަމަ، އެގޮތަށް އެކަން ކުރުމަށް ކޯޓުން އަމުރުކުރަން ވާނެ ކަމަށެވެ.

އަދި އެ މުދަލާއި ފައިސާ ބޭނުންކޮށްގެން އިތުރު މުދަލާއި ފައިސާ ހޯދާފައިވާކަމަށް ޝަރީއަތަށް ސާބިތުވެފައިވާނަމަ، އެ ފައިސާ އާއި މުދާވެސް ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަން ވާނެ ކަމަށެވެ.

މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގައި މަނީ ލޯންޑްރިންގް ގެ ކުށަކާ ނުވަތަ މަނީ ލޯންޑްރިންގެ ކުށަކާ ގުޅިފައިވާ ކުށަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށަކާ ގުޅިގެން، ނުވަތަ އެއިން ކުށެއް ކުރަން އުޅުމާ ގުޅިގެން، ދައުލަތަށް ނަގަން ޖެހޭ ފައިސާ އާއި މުދާ ވަނީ ބަޔާން ކޮށްފަ އެވެ.

އެގޮތުން ލޯންޑާ ކުރި ފައިސާ ނުވަތަ މުދަލާއި، މަނީ ލޯންޑްރިންގެ ކުށާ ގުޅިފައިވާ ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދަލާއި، ކުށް ކޮށްގެން ހޯދާ މުދަލާއި ކުށް ކޮށްގެން ހޯދާ މުދަލުން ހޯދާ މުދަލާއި ފައިސާ އާއި، ކުށް ކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ ފައިސާ ނުވަތަ މުދާ، ކުށް ކުރުމަށް ބޭނުންކުރި މުދަލެއް، ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ އަދި ކުށް ކޮށްގެން ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބޭ މުދަލަކީ ދައުލަތަށް ނެގޭނެ އެއްޗެހި ކަމަށް އެ މާއްދާގައި ބުނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވަ އެވެ. އަދި ވިދާޅުވަމުން ގެންދެވީ އެއީ ކެމްޕޭން ފައިސާގެ ގޮތުގައި އެކިއެކި ފަރާތްތަކުން އެމަނިކުފާނަށް ދިން ފައިސާ ކަމަށާއި އެ ފައިސާ ބެލެހެއްޓީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލަ ހައިކޯޓަށް ވަނީ ބަލައިގެންފައެވެ. އަދި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ވެސް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލައިގައި އަދި ވަކި ގޮތެއް ކަނޑައަޅައިފައެއް ނުވެއެވެ.

comment ކޮމެންޓް