މެންބަރުން ދީބާޖާގެ ވެރިންނާ ބައްދަލުކުރީ މަޖިލިސް ކެމްޕޭން ތެރޭ، ބަދަލާ ގުޅުމެއް ނެތް

ރައީސް ނަޝީދު ދީބާޖާގެ އިސްވެރިންނާ މި ފަހުން ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރާ ފޮޓޯއެއް --

ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހިފައިވާ ދީބާޖާ އިންވެސްޓްމެންޓް ކުންފުނީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްދަމު ނަޝީދު އަދި މަޖިލީހުގެ ބައެއް މެމްބަރުން ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރަމުންދާ ފޮޓޯތަކަކީ މަޖިލިސް އިންތިހާބު ތެރޭގައި ބޭއްވި ބައްދަލުވުމެއްގެ ފޮޓޯތަކެއް ކަމަށް އެ ބައްދަލުވުމުގެ ބައެއް ބައިވެރިން ބުނެފި އެވެ.

ދީބާޖާގެ އިސްވެރިންނާ އެކު ރައީސް ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން ބައްދަލު ކުރެއްވި ކަމަށް ބުނާ ފޮޓޯތަކެއް އަންނަނީ ދައުރުވަމުން އެވެ.

އެ ފޮޓޯތަކުން ފެންނަނީ އެމަނިކުފާނުގެ އިތުރުން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މަޖިލިސް މެމްބަރަކު ނަން ހާމަ ނުކުރުމަށް ޝަރުތުކުރައްވައި "ސަން"އަށް ވިދާޅުވީ، އެ ބައްދަލުވުމަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވީ، މަޖިލިސް އިންތިހާބަށް ހދ. އަތޮޅުގެ ދާއިރާތަކަށް ވާދަ ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުންނާއި، އެ އަތޮޅުގެ އަތޮޅު ކައުންސިލަރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އެގްރިކަލްޗާ ޕްރޮޖެކްޓެއް ހދ. އަށް ގެންނާނެ ގޮތްތަކާ ބެހޭގޮތުން،" އެ މެމްބަރު ވިދާޅުވި އެވެ.

ދީބާޖާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދުވެސް ވިދާޅުވީ، އެ ބައްދަލުވުމަކީ އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންނާއެކު ރައީސް ނަޝީދު ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމަކީ ދީބާޖާއާ އެއްވެސް ގުޅުމެއް ހުރި ބައްދަލުވުމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ދީބާޖާގެ "ހުރިހާ އެންމެން" ބައްދަލުވުމުގައި ބައިވެރި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދީބާޖާގެ ހުރިހާ އެންމެންނާ، އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދާއި މިއީ ވަރަށް ގާތް މީހުން ކުޑައިރުއްސުރެ ފަށައިގެން. އަސްލަކީ މިއީ. އެ ދެ ބޭފުޅުން އަޅުގަނޑުމެން ކައިރީގައި ބުނިއްޔާ ބުނި ކަމެއް އަޅުގަނޑުމެން ކުރާނަން. އެއީ އެކަން އޮންނަ ގޮތް،" އެ ފޮޓޯތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދީބާޖާގެ އިސްވެރިންނާ މި ފަހުން ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރާ ފޮޓޯއެއް --

ސިވިލް ކޯޓުން އެންމެ ފުރަތަމަ ދިބާޖާއާ އެއްކޮޅަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރި އެވެ. ނަމަވެސް ހައިކޯޓުން އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން ފަހުން ވަނީ ހައިކޯޓްގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ. ސުޕްރީމް ކޯޓުން ނިންމީ، ހައިކޯޓުން މައްސަލަ ބަލައިގަތީ އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ކަމަށްވާތީ ހައިކޯޓްގެ އިޖުރާއަތްތައް ނުބައިވުމުން އެ ހުކުމް ބާތިލް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ އެވެ.

އެކަން އެގޮތަށް އޮއްވައި ދައުލަތާއި ދީބާޖާއާ އެކު ސެޓަލްމަންޓަކާ މެދު މަޝްވަރާ ކުރެވި އެއްބަސްވެވުނީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. ސެޓަލްމެންޓް ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދީބާޖާއަށް 174 މިލިއަން ރުފިޔާ ދިނުމަށް ނިންމަވައިފަ އެވެ.

އެކަމަކު، ދީބާޖާއަށް 174 މިލިއަން ރުފިޔާ ދިނުމަށް ސެޓްލްމަންޓް ކޮމިޓީގެ ލަފައާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ތަންފީޒު ކުރުން މަޑުޖައްސާލުމަށްފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަ އިތުރަށް މުރާޖައާ ކުރަން ހުށަހެޅުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށް މި މަހުގެ ތިން ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް