ނަޝީދު ތާޖް މަހަލްއަށް ވަޑައިނުގަންނަވަނީ ލައިލާއާއެކު ނުދެވޭތީ

ރައީސް ނަޝީދާއި އަބިކަނބަލުން ލައިލާ -- ސަން ފޮޓޯ/މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއެކު ރަސްމީ ދަތުރުފުޅެއްގައި މިމަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި، ތާޖް މަހަލްއަށް ވަޑައިނުގެންނެވުމަށް ނިންމެވީ، އަނބިކަބަލުން ލައިލާ އަލީއާ އެކު ވަޑައިނުގެންނެވޭތީ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ އާސާރީ އަދި ގަދީމީ އެކި ތަންތަނަށް ދިޔުމަށް ދަތުރުގެ އެޖެންޑާގައި އޮތް ނަމަވެސް، އޭގެ ތެރެއިން ތާޖު މަހަލްއަށް ޒިޔާރަތް ނުކުރައްވާނެ ކަމަށެވެ. އޭގެ ސަބަބެއް އޭރު ނަޝީދު ވިދާޅެއްނުވެ އެވެ.

އެ ވާހަކަތަކާ ގުޅޭ ގޮތުން، ރޭ މަޖިލީހުން ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ތާޖު މަހަލްއަށް ވަޑައިނުގަންނަވަން ނިންމެވީ، އަނބިކަނބަލުން ލައިލާއާއެކު އެތަނަށް ވަޑައިނުގެންނެވޭތީ ކަމަށެވެ.

"އަޅުގަނޑު ދަންނަވަންތޯ ވާހަކަ އެއް، އެއީ ލައިލާއާއެކު އަޅުގަނޑަށް އެތަނަށް ނުދެވޭތީ. އެހެންވީމަ ލައިލާއާ ނުލާ ނުދާން ވެގެން،" ހިނިފުޅުވެޑުވެމުން އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ކުރުކޮށް އެ ސުވާލަށް ޖަވާބު ދެއްވުމަށްފަހު، އެކަމާ ގުޅޭ ތަފްސީލެއް ރައީސް ނަޝީދު ވިދާޅެއް ނުވެ އެވެ.

ރައީސް ނަޝީދު ''އަސްކްސްޕީކާ'' ގައި ވާހަކަ ދައްކަވަނީ: ތާޖް މަހަލްއަށް ވަޑައިނުގަންނަވަނީ ލައިލާއާއެކު ވަޑައިނުގެންނެވޭތީކަމަށް ވިދާޅުވި --- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ ރައީސާއި ހުރިހާ ޕާޓީތައް ތަމްސީލުވާނެހެން މަޖިލީހުގެ ބައެއް މެންބަރުން އަދި އަމީން އާންމާއި ކައުންސެލާ ޖެނެރަލް ވެސް ހިމެނޭގޮތަށް 15 ބޭފުޅުންގެ ވަފުދަކުން އިންޑިއާ އަށް ކުރައްވާ ދަތުރު ތާވަލް ކޮށްފައި ވަނީ މިމަހު 9-13 އަށެވެ.

އިންޑިއާ އަށް ޒިޔާރަތްކުރައްވާ ލީޑަރުންނާއި އެހެން ވެސް ފަރާތްތަކުގެ މެދުގައި މަގުބޫލު، އަދި ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައިވެސް ހިމެނޭ ތާޖުމަހަލް އަށް ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އަދި އޭގެ ފަހުން ވެސް އެމަނިކުފާނު އެކި ދަތުރުފުޅުތަކުގައި އިންޑިއާޔަށް ވަޑައިގެން ނަމަވެސް، ތާޖް މަހަލްއަށް ޒިޔާރަތް ކުރެއްވި ކަމަކަށް ރިކޯޑްތަކަކުން ނުދައްކަ އެވެ.

ރައީސް ނަޝީދާއި ލައިލާއާ ކައިވެނި ބައްލަވައިގަތީ މާޗް، 13 1994 ގައެވެ. މިހާރު އެ ކައިވެންޏަށް 25 އަހަރު ވީިއިރު، ދެ ބޭފުޅުން ވަނީ ލިބިވަޑައިގެންފަ އެވެ.

އިންޑިއާގެ އާގަރާގައި ހުންނަ ތާޖުމަހަލް އަކީ އިންޑިއާގެ މުސްލިމު ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން އޭނާގެ އެންމެ ލޯބިވާ އަނބިމީހާ މުމްތާޒު މަހަލްގެ ހަނދާނުގައި ބިނާކުރި ބިނާއެކެވެ. އެއީ، ލޯބީގެ ރަމްޒެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ތަނެކެވެ.

https://sun.mv/128501

comment ކޮމެންޓް