އެމެޒޯންގައި ރޯކުރަން ޑިކެޕްރިއޯ ފައިސާ ދިން: ބްރެޒިލްގެ ރައީސް

އެމެޒޯން ޖަންގަލީގައި ރޯކުރަން ޑިކެޕްރިއޯ ފައިސާ ދިން ކަމަށް ރައީސް ޖައިރު ބޮލްސޮނާރޯ ވަނީ ތުހުމަތު ކުރައްވާފައި -- ފޮޓޯ: ރޮއިޓާސް

ސައޮ ޕައޮލޯ (ނޮވެމްބަރު 30): ދުނިޔޭގެ ތިމާވެށި ރައްކާތެރި ކުރުމާ ގުޅުން ހުރި ގިނަ ހަރަކާތްތަކުގައި ބައިވެރިވާ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ، އެމެޒޯން ޖަންގަލީގައި ހުޅު ޖަހަން ފައިސާ ދިން ކަމަށް ބްރެޒިލްގެ ރައީސް ތުހުމަތު ކުރައްވައިފި އެވެ.

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި ޑިކެޕްރިއޯ އަކީ އެގައުމާ ދެކޮޅަށް ފަށާފައިވާ "ބައިނަލްއަގުވާމީ ކެމްޕެއިނެއްގައި" ބައިވެރިވާ މެމްބަރެކެވެ. އަދި އޭނާ ދަނީ އެމެޒޯންގައި ރޯ ކުރުމަށް މީހުންނަށް ފައިސާ ދެމުންނެވެ.

"މި ލިއޮނާޑޯ ޑިކެޕްރިއޯއަކީ ވަރަށް ގަދަ މީހެއްނޫންތޯ؟ އެމެޒޯންގައި ރޯކުރަން ފައިސާ ދެމުން އެދަނީ،" ބޮލްސޮނާރޯއަށް ތާއިދު ކުރާ ފަރާތްތަކާ ވާހަކަ ދައްކަވަމުން އިއްޔެ އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކް ލައިވް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ވެސް ބޮލްސޮނާރޯ ވަނީ އެ ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވޯލްޑް ވައިލްޑްލައިފް ފައުންޑޭޝަން (ޑަބްލިއުޑަބްލިއުއެފް) އިން ވަނީ އަނދަމުންދާ އެމެޒޯންގެ ފޮޓޯތައް ނަގަން، އަލިފާން ނިއްވުމުގައި ބައިވެރިވާ އެންޖީއޯއަކަށް ފައިސާ ދީފަ އެވެ. އަދި އެފައިސާ ހޯދުމަށް ޓަކައި އެ އެންޖީއޯއިން ގޮސް ޖަންގަލީގައި ރޯކުރެ އެވެ. އެއަށް ފަހު އެމީހުން ފޮނުވާ ފޮޓޯތައް ޑަބްލިއުޑަބްލިއުއެފްއިން ބޭނުން ކުރަނީ ބްރެޒިލްއާ ދެކޮޅަށް ކެމްޕެއިން ކުރުމަށާއި ޑިކެޕްރިއޯ ފަދަ މީހުންގެ އަތުން ފައިސާ ހޯދަން ކަމަށް ބޮލްސޮނާރޯ ވިދާޅުވި އެވެ.

އެމެޒޯންގެ އަލިފާންގަނޑުތައް ނިއްވާލުމަށް ފައިސާގެ އެހީ ދިން މީހުންގެ ތެރޭގައި ޑިކެޕްރިއޯ ހިމެނޭ -- ފޮޓޯ: ގާޑިއަން

"އެ އެންޖީއޯއަށް [ފައިސާ ހޯދަން] ކުރެވެން އޮތް އެންމެ ފަސޭހަ ކަމަކީ ކޮބާ؟ ޖަންގަލީގައި ރޯކުރުން. އަދި ފޮޓޯ އާއި ވީޑިއޯ ނެގުން. [އެފޮޓޯ] ބޭނުންކޮށްގެން ޑަބްލިއުޑަބްލިއުއެފްއިން ބްރެޒިލްއާ ދެކޮޅަށް ކެމްޕެއިން ކުރޭ. އަދި ލިއޮނާޑޯ ޑިކެޕްރިއޯއާ ވާހަކަ ދެއްކުމުން އޭނާ 500،000 ޑޮލަރު ދޭ. އެފައިސާގެ ބަޔެއް ދެނީ ހުޅު ޖަހާ މީހުންނަށް،" ބޮލްސޮނާރޯ ވިދާޅުވި އެވެ.

ނަމަވެސް އެތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ރައީސް ހާމައެއް ނުކުރައްވަ އެވެ. އަދި އެވާހަކަތަކާ ބެހޭ ގޮތުން ޑިކެޕްރިއޯ ވަކި އެއްޗެކޭ ނުބުނި ނަމަވެސް ޑަބްލިއުޑަބްލިއުއެފް އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

މިދިޔަ އޮގަސްޓު މަހު ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗްއިން ބުނި ގޮތުގައި އެމެޒޯން ޖަންގަލީގައި އެމަހު ވަނީ ރެކޯޑު މިންވަރަކަށް އަލިފާން ރޯވެފަ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހާ ދޭތެރޭ އެގައުމުގެ ޖަންގަލިތަކުގައި ރޯވި މިންވަރު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 85 ޕަސެންޓް އިތުރުވެފަ އެވެ.

އެމެޒޯން އަނދަމުންދާ މައްސަލައަށް އޭރު ދުނިޔޭގެ ސަމާލުކަން ލިބި، އެޖަންގަލި ހިމާޔަތް ކުރަން ފައިސާ ދިން މީހުންގެ ތެރޭގައި ޑިކެޕްރިއޯ ވެސް ހިމެނުނެވެ. އެގޮތުން އޭނާ ކޯ-ޗެއާގެ ގޮތުގައި ހުންނަ އާތު އެލަޔަންސް ޖަމްއިއްޔާ އިން ވަނީ ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

ބްރެޒިލްގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަނީ މިއަހަރު އެގައުމުގެ ވެރިކަމަށް ބޮލްސޮނާރޯ ވަޑައިގެންނެވި ފަހުން އޭނާ ވަނީ ޖަންގަލިތަކުގެ ގަސްތައް ކަނޑައި، އެބިންތައް ވިޔަފާރިއަށް ބޭނުން ކުރުމަށް ހިތްވަރު ދެއްވާފައި ކަމަށް ބުނެފަ އެވެ. އެހެންކަމުން ޖަންގަލީގެ ބައެއް ސަރަހައްދުތަކުގައި ދަނޑުވެރިން ރޯކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ބޮލްސޮނާރޯ ވަނީ ޖަންގަލިތަކުގައި ރޯކުރަނީ އެގައުމުގެ ސަރުކާރު ލަދުގަންނަވާލަން ބޭނުންވާ، ތިމާވެއްޓާ ގުޅުން ހުރި ޖަމިއްޔާތަކުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

comment ކޮމެންޓް