ބްރެޒިލްގެ ކޯޗުކަމުގެ މަގާމުން ޑިނީޒް ވަކިކޮށްފި

ބްރެޒިލްގެ ކޯޗުކަމުގެ މަގާމުން ވަކިކުރި ފެނާންޑޯ ޑިނީޒް -- ފޮޓޯ/ ގެޓީ

ހަ މެޗަށްފަހު ބްރެޒިލްގެ ކޯޗުކަމުގެ މަގާމުން ފެނާންޑޯ ޑިނީޒް ވަކިކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޑިނީޒް މަގާމުން ވަކިކޮށްފައިވަނީ ބްރެޒިލްގެ ނަތީޖާތައް ގޯސްވުމާ ގުޅިގެންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

ވޯލްޑް ކަޕް 2022އަށްފަހު ބްރެޒިލްގެ ކޯޗުކަމުގެ މަގާމުން ޓިޓޭ ވަކިވުމަށްފަހު، އެޓީމަށް ވަނީ ދާއިމީ ގޮތެއްގައި ކޯޗެއް ހަމަޖެއްސުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ބްރެޒިލް ޓީމާ ޑިނީޒް ހަވާލުވުމުގެ ކުރިން ރަމޮން މެނެޒޭސް ވެސް ވަނީ ހަ މަސް ދުވަހަށް ޓީމާ ހަވާލުވެފައެވެ.

ބްރެޒިލް ޓީމުގެ ކޯޗަކަށް ޑިނީޒް ހަމަޖައްސާފައިވަނީ ވެސް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އެންޗެލޮޓީ ގެނައުމަށް ވާހަކަތަކެއް ދެއްކުމަށްފަހުއެވެ. އެހެންކަމުން މިދިޔަ ޖުލައި މަހު ޑިނީޒްއާ ޓީމު ހަވާލުކޮށްފައިވަނީ ވެސް އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިހާރު މަގާމުން ޑިނީޒް ވަކިކޮށްފައިވާ އިރު، އެންޗެލޮޓީ ވެސް ވަނީ ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބްރެޒިލް ގައުމީ ޓީމާ ދެން ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސައޮ ޕައޮލޯގެ ކޯޗު ޑޮރިވަލް ޖޫނިއާއެވެ.

comment ކޮމެންޓް