އަޅުގަނޑާ ދޭތެރޭ ކަންބޮޑުނުވޭ، ދައުވާ ކާމިޔާބު ކުރާނަން: ރައީސް ޔާމީން

ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން ބޭއްވުން: ޝަރީއަތާ ދިމާކޮއް ކްރިމިނަލް ކޯޓް ސަރަހައްދަށް ޕީޕީއެމް/ޕީއެންސީ މެމްބަރުން ވަނީ އެއްވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވައިފި އެވެ.

ރޭ ޕީޕީއެމް، ޕީއެންސީން ކާނިވާ ސަރަހައްދުގައި "ފުނޑާލައިފި"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ދައުވާއާ މެދު އެމަނިކުފާނު ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ސަޕޯޓަރުން ވެސް ދައުވާއާ މެދު ކަންބޮޑުނުވުމަށް އެދިވަޑައިގަތެވެ.

"އަޅުގަނޑު މި ދައުވާ ކާމިޔާބު ކުރާނަން. އަޅުގަނޑާ ދޭތެރޭ ކަންބޮޑުނުވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މައްސަލާގައި ރައްޔިތުންގެ ދަރުބާރުން މިހާރު ހުކުމެއް ކޮށްފައިވާ ކަމަށާއި، "ބަޔަކަށް" އެ ހުކުމް ބަލައިނުގަނެވިގެން އުޅޭ ކަމަށެވެ. ހުކުމް ކުރަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް، މައްސަލަ ބައްލަވާ ގާޒީ "ނަގައި އެއްލާލީ" ވެސް އެހެންވެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި އެ ހުކުމަކީ އަދުލުވެރި ހުކުމެއް ކަމަށް މިހާރު ވެރިންނަށް ތިއްބެވި ބޭފުޅުން ވެސް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ހުކުމް ހަޖަމު ނުކުރެވިގެން އުޅޭ ކަމަށެވެ.

"އެހެން ނޫނީ ކީއްވެގެންތޯ އަދުލުވެރި ހުކުމެއް ކުރޭތޯ ރައީސްގެ ޗީފް އޮފް ސްޓާފް ގުޅަން ޖެހޭނީ. ގުޅަން ޖެހޭ ސަބަބެއް ނެތެއް ނޫންތޯ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ އެބަ ގަބޫލުކުރޭ އަދުލުވެރި ހުކުމެއް އޮތީ ލިޔެވިފަކަން. އެކަމަކު އެ ހުކުމް ހަޖަމް ކޮށްލަން ނުކެރިގެން މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް އެމަނިކުފާނަށް ދެރަ ގޮތެއް މެދުވެރި ކުރައްވައިފި ނަމަ، އެއީ ވަގުތީ އިމްތިހާނެއް ކަމަށް ގަބޫލު ކުރެއްވުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތެވެ.

"އަނިޔާވެރިންގެ އަނިޔާވެރިކަން އަބަދު ވެސް އެމީހުންނާ ބައްދަލު ކުރާނެ. އެއީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ޑިމޮކްރަސީގެ ރަނގަބީލު ޖަހަމުން އައި "ބަރަކާތްތެރި ޒައާމަތު" މިހާރު އަނިޔާވެރި ސަރުކާރަކަށް މިސްރާބު ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ސަރުކާރުން ހުރިހާ ކަމަކަށް އަތް ބާނައިގެން ހުރިހާ ނިޒާމުތަކެއް ފުނޑަލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ކޯޓުތައް މެދުވެރިކޮށް ކުރަން ނުޖެހޭ އެތައް ކަމެއް ކޮށް، ޝަރުއީ ދާއިރާ ވެސް ފުނޑާލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް