ޕްރިންސިޕަލަކު ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގެ ސްކޫލެއްގެ ޕްރިންސިޕަލްއަކު ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެެޓެރީ އަހުމަދު އަލީ "ސަން" އަށް މިރޭ ވިދާޅުވީ އެ ފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އަދި ތަހުގީގީ އިދާރާތަކާ ގުޅިގެން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ޕްރިންސިޕަލްގެ މައްޗަށް އަދި ފިޔަވަޅު އަޅާފައިނުވާ ކަމަށާއި އަދި އެކަމުގައި ފިޔަވަޅު އަޅާނީ ތަހުގީގީ އިދާރާތަކުން އެކަން ބަލައި އެ މައްސަލައިގައި ބަހެއް ލިބުމުން ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ދާދި ފަހުން މުހްޔިއްދީން ސްކޫލްގެ ޓީޗަރަކުވެސް ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައިގައި އޭނާ 30 ދުވަހަށް ސަސްޕެންޑްކުރިއެވެ. ސަސްޕެންޝަން ހަމަވިފަހުން އެ ޓީޗަރު މިހާރު ހުންނަނީ ދަރިވަރުންނާ ގުޅޭ ކަންތައްތަކުން އެކަހެރިކޮށްފައެވެ.

comment ކޮމެންޓް