އާންމުންގެ އަޑު: ދަތުރު ދާން މަސްނޫއީ ރަށެއް ބޭނުމެއް ނޫން!

މާލެ ކައިރިން ދަތުރު ދާނެ ރަށެއް ކަނޑައަޅައި އިއުލާން ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މީގެ ކުރިން މާލޭގެ ރަށްވެހިން އެންމެ ގިނައިން ޕިކްނިކްގޮސް އުޅުނީ، މާލޭގެ އުތުރުގައި އޮންނަ ކުޑަބަނޑޮހަށެވެ. އެއީ ގިނަ ބައެއްގެ އުފާވެރި ހަނދާންތަކެއް ގުޅިފައިވާ ރަށެކެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ޓޫރިޒަމަށް ދޫކުރުމުން ގެންދިޔަ އިރު، އެ ރަށްވެސް އެކަމަށް ދޫކުރީ އެވެ. ޕިކްނިކްދެވޭ ގޮތަށް އޮތް މާދޫފިނޮޅާއި ފޭދޫފިނޮޅުވެސް އެންމެ ފަހުން ޓޫރިޒަމަށް ދޫކޮށް ނިންމާލީ އެވެ.

މާލޭ ކައިރީގެ ހުރިހާ ރަށެއްހެން ޓޫރިޒަމަށް ދޫކޮށް ހުސްކޮށްލުމުން، މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރުދާނޭ ރަށެއް ނެތިފައި އޮއްވާ، މި ސަރުކާރުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި، މާލޭ ސަރަހައްދުން ޕިކްނިކް ދާނެ ރަށެއް ކަނޑައަޅަން ހިމެނި އެވެ.

އެ ވައުދުގެ ދަށުން މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެކަން އިއުލާންވެސް ކުރި އެވެ. އެމަނިކުފާނުގެ ސަރުކާރުން ޕިކްނިކް އައިލެންޑެއްގެ ގޮތުުގައި ކަނޑައެޅީ، ތައިލެންޑްގެ ސިންހާ އެސްޓޭޓުން، އެނބޫދޫ ފަޅުގައި ރިސޯޓް ހެދުމަށް ހިއްކާފައިވާ ނުވަ "އާޓިފިޝަލް" ރަށުގެ ތެރެއިން ރަށެކެވެ. އެ ދުވަހު ރައީސް ސޯލިހު އިއުލާނު ކުރެއްވި ގޮތުގައި އަންނަ އަހަރުގެ ކުރީ ކޮޅު އެންމެ ލަސްވެގެން އެ ރަށަށް ޕިކްނިކް ދެވޭނެ އެވެ.

މާލެ ކައިރީގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑުގެ ކުރެހުމެއް -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހަފްތާ ބަންދުގެ ހޫނު މައުޟޫއަށްވީ ޕިކްނިކް އައިލެންޑު

ކޮންމެއަކަސް ޕިކްނިކް އައިލެންޑުގެ ދޮރުތައް އާންމުންނަށް ހުޅުވާލަން މަދު މަސްކޮޅަކަށްވެފައިވާ އިރު އެ ރަށާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ޕްލޭނިން މިިނިސްޓްރީއިން މިހާރު ވަނީ ނިންމައިފި އެވެ. އެ މިނިސްޓްރީއިން މިއަދު ހަވީރު ދަރުބާރުގޭގައި އެކަމާ ގުޅޭ ގޮތުން ހިޔާލު ހޯދަން އާންމުކޮށް ހުޅުވާލައިގެން ފޯރަމެއް ބާއްވާނެ އެވެ.

އެ ފޯރަމްގެ ހަބަރު ހިނގައިގަތުމާ އެކު އާންމުންގެ ތަފާތު ހިޔާލުތައް ބަންޑުން ކުރަން ފެށި އެެވެ. ގިނަ ބަޔަކަށް އެ ރަށް ކަމަކު ނުގޮސް ރުޅިގަދަވި އެވެ. އާންމުންގެ އެކްސްޕެކްޓޭޝަން އެ ރަށާ މެދު ވަރަށް މައްޗެވެ.

އެނބޫދޫ ފަޅު ތަރައްގީކޮށް ނިމޭ އިރު އޮންނާނެ ގޮތުގެ ކުރެހުމެއް --

ޕިކްނިކް އައިލެންޑާ ގުޅުވައިގެން އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ އެ ރަށަކީ ގުދުރަތީ ރަށެއް ނޫން ކަމެވެ. ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ މި ގައުމުގައި ދިވެހީންނަށް އުފާކޮށްލަން ދާން ލިބުނީ ހިއްކާފައި އޮތް ރަށެއްކަން ފާހަގަކޮށް އެކަމުގެ ނުރުހުން ގިނަ ބަޔަކު ފާޅު ކުރިއެވެ. ފަތުރުވެރީން ދާން ގުދުރަތީ ދިވެހި ރަށްތައް ދެވޭ އިރު، ދިވެހީންގެ އަމިއްލަ ގައުމުގައި ދިވެހީންގެ އުފަލަށް އެފަދަ ރަށެއް ދެވެން ނެތުމަކީ ވިސްނާ ފިކުރު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރި އެވެ.

އޭގެ ތެރެއިން އެކަކީ، ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އުފާ ދިވެހީންނަށް ލިބެން ނެތީތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ދިވެހީންނަށް ހައްގީ ހިއްކާފައިވާ ރަށެއްތޯވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

އަނެއްބައި މީހުން ފާހަގަ ކުރަމުން ދިޔައީ، މިހާރު މާލޭ ސަރަހައްދުގައި ދެ ލައްކައާ ގާތް ކުރާ އަދަދަކަށް މީހުން ދިރިއުޅޭ ކަމެވެ. އެހެންކަމުން، ދަތުރުދާން 3.3 ހެކްޓަރުގެ އެންމެ ރަށެއް އޮތުމުން ނުފުދޭ ކަމަށް ބައެއް މީހުން ބުންޏެވެ. އެ މީހުން ބުނާ ގޮތުގައި އިތުރު ޕިކްނިކް ރަށްތައް ބޭނުންވެ އެވެ. ޓޫރިޒަމަށް ދޫކޮށްފައި އޮތް ކުޑަބަނޑޮސް ފަދަ ރަށްތައް އަލުން ނަަގަންވެސް އެއް ބަޔަކު ގޮވާލި އެވެ.

އެނބޫދޫ ފަޅަށް ދެވެން އޮންނަނީ ވާދޫ ކަނޑު ހުރަސްކޮށްފަ އެވެ. އެ ކަނޑު ހުރަސްކޮށްފައި ދަތުރުދާން ދިޔުމަކީ މުޅިން ރައްކާތެރި ކަމެއް ނޫން ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ. އެއީ އެ ކަނޑަކީ މޫސުން ގޯސްވުމުން ކުއްލިއަކަށް ރައްކާތެރި ނޫން ވަރަކަށް ގަދަވާ ކަނޑެއް ކަމުންނެވެ.

ދިވެހީންތަކެއް ޕިކްނިކް ގޮސް މަޖާ ކުރަނީ --

ޕިކްނިކް ދާން ކަނޑައެޅި ރަށަކީ އާންމުންނަށް ދެވޭ ރަށެއް ނަމަވެސް، އެއީ ސަރުކާރުގެ ބާރުގެ ދަށުގައިވާ ރަށެއް ނޫނެވެ. އެއީ ސިންހާ ކުންފުނީގެ ރަށެކެވެ. އެހެންކަމުން، އެ ރަށުގައި ދެވޭ ހިދުމަތްތައްވެސް ދޭނީ އެ ކުންފުނިންނެވެ. ނުވަތަ އެ ކުންފުނިން އެ މަސައްކަތް ހަވާލު ކުރާ ބައެކެވެ. އެހެންކަމުން، ރަށުން ލިބޭ ބައެއް ހިދުމަތްތައް އެ ފަރާތްތަކަށް ކޮންޓްރޯލު ކުރެވޭނެކަން ބައެއް މީހުން ފާހަގަ ކުރި އެވެ. އެކަން އޮންނާނެ ގޮތެއް ސާފު ނުވާތީވެސް ބައެއް މީހުން ކަންބޮޑުވެ އެވެ.

ޕިކްނިކަށް ކަަނޑައެޅި ރަށަށް ލޯންޗުގައި މާލެއިން ފުރައިގެން 15 މިނެޓުން ދެވޭނެ އެވެ. އެ ރަށް ތަރައްގީ ކުރަނީ އާދައިގެ ފެންވަރެއްގައެއް ނޫނެވެ. ބާބަކިޔު ސަރަހައްދަކާއި، ބީޗް ސްޕޯޓްސް ސަރަހައްދަކާއި، ވޯޓާ ސްޕޯޓްސް ފެސިލިޓީތައް ރަށުގައި ހުންނާނެ އެވެ. އޭގެ އިތުރުން، ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބަކާއި، ފެމެލީ ރޫމްއަކާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމާއި، ނަމާދު ކުރާނެ ތަނަކާއި، އޯވަނައިޓުކޮށް މަޑުކުރެވޭނެ ކޮޓަރިތައްވެސް ހުންނާނެ އެވެ. އާޓިފިޝަލް ނަމަވެސް އެ ރަށުގެ ބީޗް ފްރޮންޓުގެ ސައިޒު 200 މީޓަރު ބޮޑެވެ.

ރަށް ބަލާލައި ގުދުރަތީ މާހައުލު ތަޖުރިބާ ކުރުމަކީ ޕިކްނިކް ގޮސް އުޅޭ އިރު އެންމެ މަޖާ އެއް ކަންތަކެވެ. ކަންވީ ގޮތުން މާލޭ ސަރަހައްދުގެ ރައްޔިތުން މިވަނީ އެކަމުން މަހުރޫމުވެފަ އެވެ. އެކަމަކު، ޕިކްނިކް ދާނެ އެއްވެސް ރަށެއް ނެތުމަށް ވުރެ އާޓިފިޝަލް ރަށެއް ނަމަވެސް އޮތުން ރަނގަޅު ކަމަށް ބުނާ ބަޔަކުވެސް އެބަ ތިއްބެވެ.

comment ކޮމެންޓް