ހަގީގަތް އޮޅުވާލައި ބަޔާން ނެރުއްވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަނީ

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ކަނާތު) --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް، ކަމުގެ ހަގީގަތް އޮޅޭގޮތަށް ބަޔާނެއް ނެރުއްވާފައިވާތީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝުން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަނަށް ހާޒިރުވުމަށް އެމަނިކުފާނަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޮމިޝަނަށް ލިބިގެންނުވާކަމަށް ބަޔާން ކުރައްވައި ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެއަށްފަހު ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައާ މެދު ހަގީގަތާ ޚިލާފު ވާހަކަތަކެއް އާންމު ކުރެއްވުމަކީ، އެ ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ފެންނަ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އެމަނިކުފާނުގެ މައްސަލައެއް ބަލައި ނަސޭހަތްދޭން ނިންމައި އެކަމުގެ ލިޔުން ފޮނުވުމުން އެ ލިޔުމާ ހަވާލުވެވަޑައިގަތުމަށް އިންކާރު ކުރައްވާފައިވާތީ، އެއީ ވެސް ސުލޫކީ މައްސަލަ ބަލަން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު، އެއްވެސް މައްސަލައެއްގައި އެ ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމަށް ގޮންޖަހައި ތައުނު ކުރުމާއި، ނިންމުންތަކަށް ތަބާ ނުވެ އެ ނިންމުމަށް އިހްތިރާމް ނުކޮށް ކޯޓުގެ ހުރުމަތް ކެނޑުމާއި، އެ ނިންމުން ނިންމި ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި އެ ނިންމުން ނިންމިކަމަށްޓަކައި ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުމާއި، ސުޕްރީމް ކޯޓުގެ ނިންމުމުގެ ދުސްތޫރީ ނުވަތަ ގާނޫނީ ސައްހަ ކަމާމެދު ގޮތް ނިންމުމަށް ދައުލަތުގެ އެހެން އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރުދުސްތޫރީ އަމަލުތަކެއް ކަމަށެވެ.

އަދި ޖުޑީޝަލް ނިންމުމެއް، އެއީ ހުކުމެއް ނުވަތަ އަމުރެއް ނުވަތަ އެފަދަ އެހެން ނިންމުމެއް ނަމަވެސް، އެއަށް ތައުނު ނުކޮށް، އެ ނިންމުން ސައްހަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ގޮތުން އެއްވެސް އިޖުރާއަތެއް ހިންގުމަކީ ދައުލަތުގެ އެހެން އެއްވެސް ބާރަކަށް އޮންނާނެ ބާރެއް ނޫން ކަމަށާއި އެގޮތުން ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ ސުލޫކީ މައްސަލައެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް