ޔާމީން މިނިވަންވުމަށް ރައީސް އުއްމީދުކުރެއްވުން، ޔާމީން ސިފަކުރެއްވީ ނުރައްކަލެއްގެ ގޮތުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގެކޮޅަށް ބަދަލުކުރި ދުވަހު އަރިހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ސަން ފޮޓޯ/ މުހައްމަދު މާހިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މިއަދު އެ މަނިކުފާނު މިނިވަން ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމުން، އެއީ ނުރައްކަލެއް ކަމަށް ރޭ ޔާމީން ސިފަކުރައްވައިފިއެވެ.

ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ކެމްޕެއިން ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ، ރައީސް އިޚުލާސްތެރިކަމާއެކީ ހެޔޮ އެދިވަޑައިގެންފައި އޮތުމުން ޝުކުރު ދަންނަވާ ކަމަށެވެ. ނަމަވެސް މިއަދު ހައިކޯޓުގައި 13:15 އަށް ތާވަލުކޮށްފައި އޮތް އަޑުއެހުން ބޭއްވޭނެ ކަމާ މެދު ހިތްޕުޅުގައި ސުވާލު އުފެދޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ތިއޮތީ ކިޔާފައި ކޯޓަށް، އެކަމަކު ތިން ބޭފުޅުން ތިން ފަނޑިޔާރުން ތިއްބަވާ ބެންޗުން މާދަމާ ބެންޗު ހަމަވާނެތޯ ނޫނިއްޔާ މީގެ ކުރީގައި ވެސް ބައެއް ބޭފުޅުން ސަލާމް ބުނެފައި ތިއްބަވާ ގޮތަށް ސަލާމް ވިދާޅުވެފައި ތިއްބަވާނީތޯ. އެހެންވީމަ ބެންޗު ހަމަނުވާ ކަމަށް ވަންޏާ ކޮންމެ ވެސް ކަމެއް އޮތީ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނުގެ މައްސަލައިގެ ހުކުމް އިއްވުން ބާއްވާތީ އުފާކުރައްވާ ނަމަވެސް، އެ އަޑުއެހުން ތާވަލުކުރީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ރައީސް މުޙައްމަދު އަސްލަމް އެ މައްސަލައަށް ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިތާ މަދު ދުވަސްތަކެއް ތެރޭކަން ފާހަގަކުރައްވައި ރައީސް ވަނީ، އެ ޕާޓީގެ ނުފޫޒު ޖުޑިޝަރީއަށް އޮތްކަން ސާބިތުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ހުކުމް އިއްވާތީ ރައީސް ހިތްޕުޅު ހަމަނުޖެހިގެން އުޅުއްވާ ކަމަށާއި އެކަމުގައި ވެސް އެހެން ސަބަބެއް އޮތް ކަމަށެވެ. އެގޮތުން، އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގެ ކުރިން އެ މަނިކުފާނު މިނިވަންނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސް ފަރާތްތަކަކުން ރައީސަށް ދީފައި އޮތް ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

"އެހެންވީމަ މުއިއްޒަށް ލިބިފައި އޮތް ކޮމްފޯޓަކީ ކޮންމެ ވެސް ބަޔަކު ސަރުކާރުގެ މަތީ ފަންތީގައި ބަޔަކު މި އޮތީ މިކަން ނުހިނގާނެ ކަމަށް ކަށަވަރުކަން ދީފައި. އޮއްވާ މިވާގޮތަކީ ކުއްލިއަކަށް މާދަމައަށް ޝެޑިއުލް ކުރީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސަކީ ޔާމީނަށް މެސެޖު ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެގޮތަށް ގުޅުއްވައި މެސެޖު ކުރައްވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެވާނީ އިތުރުފުޅަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި، ރައީސް އެފަދައިން ވިދާޅުވުމުން ހަނދާނަށް އަންނަނީ، ފެބްރުއަރީ 1، 2018ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓު ކަމަށް ޔާމީން ވިދާޅުވިއެވެ.

"ކަން ހިނގާ މަގަށް ބަލާއިރު 2018ގައި ސުޕްރީމް ކޯޓުގައި އެ ނުރައްކާ ބަޣާވާތުގެ އަމުރުފުޅު ނުކުތްއިރު އޭގެ ކުރީ ރޭ ދެއްތޯ ކުރީގެ ރައީސަކު ވިދާޅުވީ ވަރަށް ބޮޑު ހަނދުކޭތައެއް ހިފާނެއޭ. އެހެންވީމަ މިރޭ މި މެސެޖު އައިމަ އަޅުގަނޑު ހަމަ ހިތަށް އަރަނީ އެ ހަނދުކޭތަ،" ޖަލުގައި ތިބި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ހޮވި ކެންޑިޑޭޓުގެ ގޮތުގައެވެ.

އެ މަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފުތާއެއް ވެސް ނުވަނީސް ޔާމީން ކޯލިޝަނުން އިސްތިއުފާ ދެއްވި މައިގަނޑު ސަބަބުގެ ގޮތުގައި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަނީ، ރައީސް މުއިއްޒު، ޔާމީނާ އެއްވެސް ވަރަކަށް ގުޅުން ނުބޭއްވުމެވެ.

ޔާމީން މިނިވަންކުރާނެކަމުގެ ވައުދާ އެކު ކެމްޕެއިން ކުރެއްވި ރައީސް މުއިއްޒާއި ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން އެ މަނިކުފާނު މިނިވަންކުރަން އެއް އިރަކުވެސް ނޫޅޭ ކަމަށް މީގެ ކުރިން ޔާމީން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް