އެމްޑީއެން އުވާލުމުން ނުފުދޭ، ރިޕޯޓް ހެދި މީހުންނަށް ފިޔަވަޅު އަޅާ: އިދިކޮޅު

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯޓުން އިސްލާމްދީނާ ހިލާފު ވާހަކަތައް ހިމަނައިގެން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖައްމިއްޔާ އުވާލައިގެން ނުފުދޭ ކަމަށާއި އެ ރިޕޯޓް ހެދި މީހުންނާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އެ ޖަމްއިއްޔާ އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ކަންތައްތަކެއް ހުރުމުން ގިނަ ބަޔަކު އެ ޖަމްއިއްޔާއާ ދެކޮޅަށް ވަނީ އަޑު އުފުލައި، އެ ޖަމްއިއްޔާ އުވާލަން ގޮވާލައިފަ އެވެ. އަދި މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޖަމިއްޔާގެ ކުރީގެ މެމްބަރުން ވަކިކުރުމަށް ދަނީ ގޮވާލަމުންނެވެ.

އެ ބޭފުޅުން މަގާމުތަކުން ވަކިކުރަމަށް މިއަދު އިދިކޮޅުން މަޖިލީހަށް ކުއްލި މައްސަލަވެސް ވެއްދި އެވެ. ނަމަވެސް މަޖިލީހުން 35 މެމްބަރުންގެ ވޯޓާއެކު ކުއްލި މައްސަލަ ބޭރުކޮށްލި އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕާޓީތަކާއި ބައެއް އަމިއްލަ މެމްބަރުން ގުޅިގެން މިއަދު މަޖިލިސް ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝީޔާމް ވިދާޅުވީ، ސަރުކާރުގެ އިސް މަގާމުތަކުގައި އެމްޑީއެން އަށް ނިސްބަތްވާ މެމްބަރުންނާއި އެ ރިޕޯޓު ތައްޔާރުކުރި ކުރި އިރު އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން އެބަތިބި ކަމަށެވެ.

"އިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަގީން ކަމަކީ، އުވާޅަދެއްވާނެ ވާހަކަ. ނަމަވެސް މިފަދަ ކަންތަތައްކުގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ބަޔަކާމެދު ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކަށް ގާނޫނު އަސާސީ އިން މަތިކޮށްފައިވާ ޒިންމާ އަދާ ނުކުރެވޭތަން މި ފެންނަނީ. އެމްޑީއެން އުވާލުމަކުން ގާނޫނު އަސާސީގައި އެބުނާ ޒިންމާ އުފުލުނީކީ ނޫން،" ޝީޔާމް ވިދާޅުވިއެވެ.

ޝީޔާމް ވިދާޅުވީ، އެމްޑީއެން އުވާލުމަށްފަހު، އެ ޖައްމިއްޔާ އަށް ނިސްބަތްވާ މެމްބަރުންނާމެދު ފިޔަވަޅު އަޅައި އަދި މަގާމުގައި ތިބެއްވި އެމްޑީއެންގައި މަސައްކަތް ކުރެއްވި ސަރުކާރު މަގާމުތަކުގައި ތިއްބެވި ފަރާތްތައް ވަޒީފާ އިން ވަކިކުރަން ޖެހޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަހިނބަދޫ ދާއިރާ މެމްބަރު އަހްމަދު ތޯރިގް ވިދާޅުވީ، އެމްޑީއެން އަކީ މިހާރު "ކަރުދާސްގަނޑެއް" ކަމަށާއި އެ ޖަމިއްޔާގައި ތިބެއްވި ހުރިހާ ބޭފުޅުން މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"އެމްޑީއެން އޭގެ ޒާތުގައި ކުއްވެރި ނުވާނެ. އޭގެ ރިޕޯޓާއި އެއަށް ކުރާ މަސައްކަތަކުންނާއި އޭގައި ތިބޭ މީހުން މި ކުއްވެރިވަނީ. އުވާލުމަކުން މައްސަލަ ހައްލެއް ނުވޭ. އޭގައި ތިބި މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅައިގެން މައްސަލަ ހައްލުވާނީ،" ތޯރިގް ވިދާޅުވި އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ. އަދި މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ދެއްވާފައެވެ.

comment ކޮމެންޓް