އަނދަމުންދާ އެމެޒަން ހިމާޔަތްކުރަން ލިއެނާޑޮ ފަސް މިލިއަން ޑޮލަރު ދީފި

އެމެޒަން ޖަންގަލީގައި ރޯވެ އަނދަނީ--- ފޮޓޯ: އޭއެފްޕީ

ރޯވެ އަނދަމުންދާ ބްރެޒިލްގެ އެމެޒަން ޖަންގަލި ހިމާޔަތްކުރަން ހޮލީވުޑްގެ މަޝްހޫރު ބަތަލު ލިއޮނާޑޯ ޑިކެޕްރިއޯ ފަސް މިލިއަން ޑޮލަރު ދީފި އެވެ.

އެ ފައިސާ ދިނީ ޑިކެޕްރިއޯ ހިންގާ ތިމާވެށީގެ ޖަމިއްޔާއެއް ކަމަށްވާ އާތު އެލަޔަންސްއިން އެވެ. އާތު އެލަޔަންސްއަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް މި އަހަރު ޖުލައި މަހު އިފްތިތާހް ކުރި ޖަމިއްޔާއެކެވެ.

އެ ފައިސާތައް ދޭން ނިންމައިފައިވަނީ ޖަންގަލީގައި ދިރިއުޅެމުންދާ މީހުންނަށާއި އަދި އެ ޖަންގަލި ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާ ބްރެޒިލްގެ ޖަމިއްޔާތަކަށެވެ.

އެމެޒަން ޖަންގަލީގައި ރޯވެ އަނދަނީ--- ފޮޓޯ: އޭއެފްޕީ

ލިއޮނާޑޯ އިންސްޓަގްރާމްގައި ކުރި ޓުވީޓެއްގައި ބުނީ އެމެޒަން ޖަންގަލީގައި ރޯވެ އަނދަމުން ދިޔުމާއި އެތަނުގައި ދިރިއުޅޭ މީހުންގެ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

ބްރެޒިލްގެ ނެޝެނަލް އިންސްޓްޓިއުޓް އޮފް ސްޕޭސް ރިސާޗުން ބުނީ މިއަހަރު އެމެޒަން ޖަންގަލީގައި 72،000 އަށް ވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގައިފައިވާ ކަމަށެވެ. މިއީ ރެކޯޑެކެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ރެކޯޑް ކުރެވިފައި އޮތީ 40،000 އަލިފާނުގެ ހާދިސާ އެެވެ.

އެމެޒަން ޖަންގަލީގެ ބައެއްގައި ރޯވެ އަނދާފައި--- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ޖަމިއްޔާތަކުން ބުނީ އެމެޒަން ޖަންގަލި ހިމާޔަތްކުރަން އެގައުމުގެ ރައީސް ޖައިރު ބޮލްސޮނާރޯ މާބޮޑު މަސައްކަތެއް ނުކުރައްވާ ކަމަށެެވެ.

އެމެޒަންގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ބްރެޒިލްގެ ސިފައިން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ދުނިޔޭގެ ޖައްވުގައި ހުންނަ އޮކްސިޖަންގެ 20 ޕަސެންޓް އުފައްދަނީ އެމެޒޯން ޖަންގަލީގައި ހުންނަ ގަސްތަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް