މަޖިލީހުގެ ކޮއްތުން ފެނުނީ ހުރަހަކަށް ބޭނުން ކުރާ ޒާތުގެ އެއްޗެއް ނޫން: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ، މަޖިލިސް

އިއްޔެ މަޖިލިސް މެމްބަރެއްގެ ކޮއްތުން ފެނުނީ ހުރަހެއްގެ ގޮތުގައި ބޭނުން ކުރާ ޒާތުގެ އެއްޗެއް ނޫން ކަމަށާއި، އެއީ ކާ އެއްޗެހީގައި އަޅަން ބޭނުންކުރާ ރަބަރު ކޮޅެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކޭންބައްލަވަން އިންނެވި ތަށިން އިއްޔެ، "ކޮންޑަމް"އެއް ފެނުނު ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ނަމަވެސް ރައީސް ނަޝީދު މިއަދު ވިދާޅުވީ އެއީ ހުރަހެއް ނޫން ކަމަށާއި، އެމަނިކުފާނު އަމިއްލަފުޅަށް ތަށިން ފެނުނު އެތި ބަލައި ތަހުލީލު ކުރެއްވި ކަމަށެވެ.

މެންބަރު ޝިޔާމްގެ ތަށިން ފެނުނު ރަބަރުކޮޅު --

"މިތަނުގެ އިއްޔެގެ ކޮއްތުން ފެނުނީ ހުރަހަކަށް ބޭނުން ކުރެވޭ ބާވަތުގެ އެއްޗެއް ނޫން. މިތަނުގެ ކޮއްތުން ފެނިފަ އޮތީ އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި، އެއީ އަޅުގަނޑު ބަލާ ތަހުލީލު ކުރިން، އެ އެތި އަޅުގަނޑު ބެލިން. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ކާ އެއްޗެހީގެ މަތީގައި އަޅާފައި އޮތް ޕްލާސްޓިކް ކޮޅެއް ނުވަތަ ރަބަރު ކޮޅެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކާ އެއްޗެހީގައި އަޅާފައި އޮތް ޕްލާސްޓިކް ކޮޅު ކޮންމެސް ގޮތަކުން ކާއެއްޗެހީގެ ތެރެއަށް ގޮސްފައިވާ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އަދި މަޖިލީހުގެ އާމީންއާމާއި އާންމު ކޮމިޓީ އާ ގުޅިގެން މަޖިލިސް މެމްބަރުންގެ ކޮއްތުގެ ކަންކަން މިހާރަށް ވުރެ ރަނގަޅަށް ބެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސައިފޮދާއި ފަރިއްކޮޅުގެ ކަންކަން ކުރިއަށް ގެންދަނީ ބިޑް އުސޫލުން އިއުލާންކޮށްގެން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެންނެވެ. އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް