ފައިތުވީ ތިން މަހު އެންމެ ގިނަ މެމްބަރުން މަދުވީ ޕީޕީއެމް އިން

ޕީޕީއެމް އިން ބޭއްވި އެއްވުމެއްގެ ތެރެއިން: މެމްބަރުންގެ އަދަދު އެންމެ މަދުވީ ޕީޕީއެމް އިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ތިން މަހެއްހާ ދުވަސްތެރޭ އެންމެ ގިނަ މެމްމަބުން މަދުވެފައިވަނީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު މިހާރު ވަނީ ހާމަކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވެއެވެ. ނަމަވެސް ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ނުވަ ސިޔަސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމްއާއެކު ފަސް ސިޔާސީ ޕާޓިއަކުން މެމްބަރުންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް މަދުވެފައެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ނިސްބަތްވާ ޕީޕީއެމް އިން 313 މެމްބަރުން ވަނީ މަދުވެފައެވެ. މިދިޔަ މެއި މަހު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ، 38،020 މެމްބަރުންނެވެ. އެވެ. ނަމަވެސް އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްގެ މެމްބަރުންގެ އަދަދު ވަނީ 37،707 ދަށްވެފައެވެ. ވެރިކަމުގައި އޮތް އިރު ޕީޕީއެމްގެ މެމްބަރުންގެ އަދަދު އުޅުނީ 45،000 އަށް ވުރެ މަތީގައިވެ.

ދެން އެންމެ މެމްބަރުން މަދުވެފައިވަނީ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއެވެ. މަޖިލިސް އިންތިޚާބުގެ ޕްރައިރީއާ ދިމާކޮށް މިދިޔަ މެއި މަހު، އެމްޑީޕީގެ މެމްބަރުންގެ އަދަދު ބޮޑުތަނުން އިތުވެ، 54،302 އަށް އެރިއެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ، 54،045 ދަށްވެފައެވެ. އެއީ ވޭތުވެދިޔަ ތިން މަހާ އަޅާ ބަލާއިރު، 257 މެމްބަރުންގެ ދައްވުމެކެވެ. އިދިކޮޅުގައި އޮތް އިރު އެމްޑީޕީގެ މެމަބަރުންގެ އަދަދު އުޅެނީ 28،000 އެއްހާ މެމްބަރުންނެވެ.

ޕީޕީއެމްއާއި އެމްޑީޕީގެ އިތުުރުން ދެން އެންމެ މެމްބަރުންގެ އަދަދު މަދުވެފައިވަނީ، ލޭބާ ޕާޓީއާއި އެމްޑީޓީ އަދި އަދާލަތު ޕާޓީއެެވެ. ލޭބާ ޕާޓީން 100 މެމްބަރުން، އެމްޓީޑީ އިން 54 މެމަބަރުން އަދި އަދާލަތު ޕާޓީން 16 މެމްބަރުން ވަނީ މަދުވެފައެވެ.

މެމްބަރުންގެ އަދަދު އެންމެ އިތުރުވީ ޖުމްހޫރީ ޕާޓީއަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި އަނބިކަބަލުން އައިޝަތު ނަހުލާ: އެންމެ ގިނަ މެމްބަރުން އިތުރުވީ ޖުމްހޫރީ ޕާޓީ އަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ތަފާސް ހިސާބުތައް ދައްކާ ގޮތުން 524 މެމްބަރުންނާއެކު އެންމެ ގިނަ މެމްބަރުން އިތުރުވީ ޖުމްހޫރީ ޕާޓީއަށެވެ. މިދިޔަ މެއި މަހު އެޕާޓީގެ މެމްބަރުންގެ އަދަދަކީ، 9،335 ކެވެ. ނަމަވެސް މިހާރު އެޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 9،859 އަށް އިތުރުވެފައެވެ.

ޖުމްހޫރީ ޕާޓީގެ އިތުރުން އިތުރު ތިން ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ އަދަދު އިތުރުވިއެވެ. އެގޮތުން އެމްޑީއޭއަށް 184 މެމްބަރުން، ޑީއާރުޕީއަށް 132 މެމްބަރުން އަދި ޕީއެންސީއަށް 16 މެމްބަރުން ވަނީ އިތުރުވެފައެވެ.

އޮގަސްޓް މަހު ހަތް އަކަށް ސިޔާސީ ޕާޓީތަކުގެ ދަޕްތަރު:

  • އެމްޑީޕީ: 54045
  • ޕީޕީއެމް: 37،707
  • ޖޭޕީ: 9،859
  • އެމްޑީއޭ: 8،896
  • އަދާލަތު ޕާޓީ: 6،235
  • އެމްޓީޑީ: 3،521
  • ޕީއެންސީ: 3091
  • ޑީއާރުޕީ: 3002
  • ލޭބާ ޕާޓީ: 26،66
comment ކޮމެންޓް