ހުޅުމާލޭ ބީޗް "ހިތަކަށް" ލިބިއްޖެ، ވަރަށް ހިތްފަސޭހަ!

ހުޅުމާލެ ގޮނޑުދޮށުގައި އާއިލާއެއް -- ސަން ފޮޓޯ/ ޝަފްނާ ހުސެއިން

ގޮނޑުދޮށުގައި ޖަހާފައިި ހުރި ކުޑައެއްގެ ހިޔަލުގައި އަންހެނަކު މަޑުކޮށްލައިގެން އިންއިރު ކުރިމަތީ އޮތް ދޮންވެލިގަނޑުގައި އޭނާގެ ދަރިންކޮޅު ކުޅެލަ ކުޅެދާ ތިއްބެވެ. ކުޑަކުޑަ ކުދިން އެ ކުދިންގެ މައިންބަފައިންނާ އެކު މޫދުގައި މަޖާ ނަގަމުން ދިޔަ އިރު، ދެތިން ކުއްޖަކު ގޮނޑުދޮށުގެ ރާޅު ޖަހާ ހިސާބުގައި ދުވެލަ ދުވެލާ ތިއްބެވެ. މިއީ މީގެ ދުވަސްކޮޅެއް ކުރިން ކެފޭތަކުން ފުރާލާފައިވާ ހުޅުމާލޭ ގޮނޑުދޮށުން މިހާރު ފެންނަ ހިތްފަސޭހަ މަންޒަރެވެ.

ގޮނޑި މޭޒުތަކުން ފުރިފައި އޮތް ބީޗު ޒަމާންގަނޑަކަށް ފަހު މިއަދު މިވަނީ އާންމުންނަށް ލިބިފަ އެވެ. މިހާރު ރާޅުފަށުން ފެށިގެން ހޭޅިއާ ހަމައަށް ހުޅުމާލެ ބީޗުގެ ރީތިކަން ފެންނަން އެބަ އޮތެވެ. ވަރަށް މިނިވަންކަމާ އެކު ހޭޅިފަށުގައި ވެސް ދުވެލައި ދޮންވެލި ގޮނޑުދޮށުގައި ހިތްހަމަ ޖައްސާލުމުގެ ފުރުސަތު މިހާރު ލިބިއްޖެ އެވެ.

މިއީ މިއަދު ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދުން ފެންނަ އުފާވެރި މަންޒަރުތަކަށްވީ ނަމަވެސް، މީގެ މަހެއްހާ ދުވަސް ކުރިން ހަމަ މި ބީޗުން ފެނުނީ މިހާރުގެ ހާލަތާ ދިމާ އިދިކޮޅު މަންޒަރެކެވެ.

ވިޔަފާރިވެރީން ހުޅުމާލޭ ބީޗަށް ވެރިވެގަނެ ހަގީގީ ހިތްފަސޭހަކަން އޮތީ ގެއްލުވާލައިފަ އެވެ. އެތަނުން ހިތްހަމަ ޖައްސާލަން ދާ މީހާއަށް އެ ފުރުސަތެއް ނެތެވެ. ބީޗުގައި އެމީހުންގެ ވިޔަފާރިތައް ފުޅާކޮށް، ބީޗަށް އަންނަ މީހުން އެތަނުން ބޭރުކޮށް، އާންމުން ހިތްހަމަ ޖައްސާލަން މަޖާކޮށްލަން ދީފައި އޮތީ މޫދު އެކަންޏެވެ.

ހޭޅިފަށުގައި ހަޓު ޖަހައި މޭޒާއި ގޮނޑި ބަހައްޓައިގެން އޭރު ރެސްޓޯރަންޓުތަކުން ދިޔައީ ވިޔަފާރި ކުރަމުންނެވެ. ގާތްގަނޑަކަށް ރާޅުޖަހާ ހިސާބަށް ވެސް ބައެއް ރެސްޓޯރަންޓުތަކުން މޭޒާއި ގޮނޑި ޖަހާފައި ހުއްޓެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އަމިއްލައަށް އެ ސަރަހައްދުގައި އިންވަކިކޮށް ވަށައި ފާރުރާނައި އާންމު ސަރަހައްދެއްގެ ގޮތުގައި އޮތް ހުޅުމާލެ ބީޗް "އަމިއްލަ" ވެސް ކޮށްލައިފަ އެވެ.

މީގެ ކުރިން ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމުގެ ސަބަބުން މޫދަށް ގޮސް އުޅޭ ފަރާތްތަކަށް ބީޗް ބޭނުން ކުރާނެ ޖާގަ ނެތިގެން އެކަމުގެ ޝަކުވާ ވަރަށް ގިނައިން ކުރި އެވެ. އެ ބީޗު ބޭނުން ކުރަނީ ހަމައެކަނި ހުޅުމާލޭގައި ދިރިއުޅޭ މީހުންނެއް ނޫނެވެ. އެއީ މުޅި ގްރޭޓާ މާލޭ އޭރިއާގެ ގިނަ ބަޔަކު ހިތް އުފާ ކޮށްލަން ދާ ތަނެކެވެ. ސަބަބަކަށް ވީ ޕިކްނިކް ދާނެ ރަށެއް ވެސް މާލެ ސަރަހައްދުގައި މިހާރު ނެތުމެވެ.

"އޭރު ވަރަށް އުނދަގޫވޭ. ކުދިންނަށް ވެސް ދުވެލާ ނޫޅެވޭ އޭރަކު. އަޅުގަނޑު މީ މޫދަށް އެރެން އަންނަ މީހެއް ނޫން. ކުދިން މޫދުން އަރަން ދެން ފެން ފުޅިއާ ދަބަސް ހިފައިގެން މަޑުކޮށްލަނީ. އެކަމަކު ކުރިން އަބަދު ވެސް ގެއަށް ދާން ޖެހެނީ ފަސްބައި ތެއްމައިގެން،" ކުޑަ ދޮށުގައި މަޑުކޮށްލައިގެން އިން މެދު އުމުރުގެ އަންހެނަކު ބުންޏެވެ.

ހުޅުމާލެ ބީޗުގައި ހުރި މޭޒާއި ގޮނޑިތައް ނަގައި ބީޗު ހުސްކޮށްފައި --- ސަން ފޮޓޯ

މިއީ ހަމަ އެކަނި އޭނާގެ ހިޔާލު ހުރި ގޮތެއް ނޫނެވެ. ބީޗުގައި ތިބި ގިނަ މީހުން ބުނީ ދެން އަލުން ވިޔަފާރިވެރިން ބީޗު ހިސޯރު ކުރަން އެމީހުން ބޭނުން ނުވާ ކަމަށެވެ. އެ މީހުން ބޭނުންވަނީ ހުޅުމާލެ ބީޗް، އެ ހިތްފަސޭހަ ކަމުގައި ބާއްވާށެވެ. އެއީ ކެފޭތަކުގެ ގޮނޑިތަކާއި މޭޒުން ފުރާލާފައި އޮންނަން ޖެހޭ ތަނެއް ކަމަށް އެ މީހުން ގަބޫލެއް ނުކުރެ އެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ބީޗު ހުސްކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކާމިޔާބު ވާ ގޮތެއް އޭރަކު ނުވި އެވެ. އެއަށް ވުރެ ބީޗް ފްރޮންޓް ގެސްޓްހައުސްތައް ހިންގާ މީހުންގެ ބާރު ގަދަވީ އެވެ.

އެންމެ ފުރަތަމަ އެޗްޑީސީ އިން ބީޗު ހުސްކުރުވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. ނަމަވެސް އޭގެ ފަހުން ދެ މަސް ވެސް ނުވަނީސް އަނެއްކާ މުޅި ބީޗުގައި ގޮނޑި މޭޒު ޖަހައި ފުރާލީ އެވެ.

އޭރު އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަންގެ އެންގުމާ އެއްގޮތަށް ބީޗުގައި ހުރި ސްޓްރަކްޗާތައް ނަގާ، އެ ސަރަހައްދު ހުސްކުރި ފަރާތްތަކަށް ސްޓްރަކްޗާ އާ ނުލާ ވަގުތީގޮތުން އެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެ ހުއްދަ ދިނީ އެ ސަރަހައްދުގައި ކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފެށުމާ ހަމައަށެވެ.

އެގޮތުން ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރުމަށް މި މަހުގެ ފުރަތަމަ ދުވަހު އަނެއްކާ ވެސް އެޗްޑީސީ އިން ވަނީ ބީޗް ހުސްކުރުވައިފަ އެވެ. އަދި އެ މަސައްކަތް މުޅިން ނިމުމަށް ފަހު ވެސް ވިޔަފާރިވެރިންނަށް ހުޅުމާލޭ ބީޗުގައި ގޮނޑި ޖެހުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ސަން" އަށް ވިދާޅުވީ އާންމު ރައްޔިތުންނަށް ފަސޭހަ ވާނޭހެން އެތަން ތަރައްގީ ކުރުމަށް އެޗްޑީސީގެ ޕްލޭނެއް އެބަ އޮތް ކަމަށެވެ.

"ބީޗް އޮންނާނީ ހަމަ ޕަބްލިކް ސަރަހައްދެއްގެ ގޮތުގައި. އަޅުގަނޑުމެން ނިންމާފައި އޮތީ އެތަނުގައި ޕަބްލިކަށް ބޭނުންކުރެވޭ ގޮތަށް ގޮނޑި ޖަހަން ފުރުސަތު ދިނަސް ފުރުސަތު ދޭން،" ސުހައިލް ވިދާޅުވި އެވެ.

މިހާރު ރާވާފައި އޮތީ، ހުޅުމާލޭ އިރުމަތީ ފަރާތުގެ މޫދަށް އެރޭ ފަރާތްތަކުން ބޭނުންކުރާނެ އެކި އެކި ވަސީލަތްތައް އެ ސަރަހައްދުގައި ގާއިމް ކުރާށެވެ. އާންމު ފާހާނާތައް ހެދުމާއި ފެން މާގަނޑުތައް ހަރުކުރުމުގެ މަސައްކަތް ކުރަން ޕްލޭނިން މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.

ހުޅުމާލޭ އިރުމަތީ ފަރާތުގައި އޮންނަ ބީޗާއި ހޭޅިފަށަކީ އެންމެ ކުރިން ފެށިގެން ވެސް އާންމު ސަރަހައްދެއްގެ ގޮތުގައި އޮތް ތަނެކެވެ. އެ ސަރައްދުގައި ވިޔަފާރި ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާއިރު، އެ ސަރަހައްދުގައި ވިޔަފާރި ކުރަނީ އެއްވެސް ފަރާތެއްގެ ހުއްދަ ލިބިގެނެއް ނޫނެވެ.

އެޗްޑީސީ އިން މިހާރު އަންނަނީ ހުޅުމާލޭގެ އާންމު ސަރަހައްދުތައް ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ސުހައިލް ވިދާޅުވީ މިހާރު އެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އުސޫލު އާންމު ކުރާނެ ކަމަށެވެ.

ގިނަ ދުވަސް ތަކަކަށް ފަހު، އާންމު ސަރަހައްދެއްގެ ގޮތުގައި އޮތް ހުޅުމާލެ ބީޗުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތު، ލިބުމަކީ ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ އެއް ލައްކައަށް ވުރެ ގިނަ މީހުންގެ ހިތްހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ. ހުޅުމާލޭ ގޮނޑުދަށުން މިހާރު ފެންނަނީ ހިތްފަސޭހަކަމާއި އުޖާލާ މަންޒަރެވެ. އެ މަންޒަރު ފަނޑުވެ ދިޔުމަށް، އާންމުން ނޭދެ އެވެ. މިއީ ނިކަން ހިތަށް ފިނިވާ މަންޒަރެކެވެ.

comment ކޮމެންޓް