އާ ކައުންސިލް އުފެއްދެންދެން އެމްއެންޔޫގެ މިހާރު ކައުންސިލް ދެމި އޮންނާނެ

ގައުމީ ޔުނިވާސިޓީގެ ޑ. ވައިސް ޗާންސެލާ އައިޝަތު ޝާހީން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީގެ ގާނޫނަަށް އިސްލާހު ގެނެސް އެ ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ތިބި މެމްބަރުންގެ މަގާމު އާ ކައުންސިލް އުފެދެންދެން އޮންނާނެކަމަށް އެ ކައުންސިލްއިން ކަނޑައަޅައި ގަރާރެއް ފާސްކޮށްފި އެވެ.

އެމްއެންޔޫގެ އާ ގާނޫނު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އާ ގާނޫނު މިދޔަ ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަސްދީގްކުރައްވައިފަ އެވެ.

އެމްއެންޔޫގެ ގާނޫނުގެ އާ އިސްލާހުގައި ޑެޕިއުޓީ ވައިސް ޗާންސެލާގެ މަގާމަކީ ކައުންސިލްއިން ކަނޑައަޅާ މަގާމެއްގެ ގޮތުގައި ކަނޑައަޅައި އިސްލާހު ވަނީ ގެނެސްފަ އެވެ.

އެމްއެންޔޫގެ ގާނޫނޫ އެންމެ ފުރަތަމަ 2011 ވަނަ އަހަރު ފާސްކުރިއިރުވެސް ޑެޕިއުޓީ ވައިސް ޗާންސެލާގެ މަގާމު އައްޔަނުކުރުމުގެ ބާރު އޮންނަނީ ކައުންސިލްގެ މައްޗަށެވެ. ނަަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަގާމަކީ ރައީސް އައްޔަނުކުރައްވާ މަގާމެއްގެ ގޮތުގައި ކަނޑައަޅައިފައިވެ އެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު ތަސްދީގުކުރި އާ އިސްލާހުތަކާއެކު ރައީސް އައްޔަނުކުރައްވަނީ ޗާންސެލާ އަދި ވައިސް ޗާންސެލާގެ މަގާމެވެ.

އާ ގާނޫނާއެކު ކައުންސިލް އެކެލަވާލައި އަލުން މެމްބަރުން 30 ދުވަހުގެ ތެރޭގައި އައްޔަނުކުރަން ޖެހޭނެ އެެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާގެ މަގާމުގައި މިވަގުތު ތިއްބަވަނީ އައިޝަތު ޝާހީން އަދި ޑރ. މުހައްމަދު މުއާވިއަތެވެެ.

comment ކޮމެންޓް