މިނިވަން ދުވަހާ ގުޅިގެން މާލޭގައި ކުރިން ބާއްވަމުން ދިޔަ ދިވެހި ފަންނާނުންގެ މިއުޒިކީ އީދު، އަހަރު ދުވަސްތަކަށް ފަހު، މި އަހަރު ބާއްވައިފި އެވެ.
އެންމެ ފަހުން ފަންނާނުންގެ މިއުޒިކީ އީދު ބޭއްވީ 2016 ވަނަ އަހަރު އެވެ.
ރޭގެ ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު އިރު ރައީސްގެ ދެކަނބަލުން ރޭ ވަނީ ކާނިވަލު ސަރަހައްދަށް ވަޑައިގެން މިއުޒިކީ އީދު ބައްލަވާ ލައްވައިފަ އެވެ.
އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ މިއުޒިކީ އީދުގައި ބައިވެރިވެވަޑައިގަންނަވައިފަ އެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި އެ ޝޯގައި ވަނީ 13 ބޭންޑެއްގެ ހުށައެޅުން ދައްކާލައިފަ އެވެ.
ރާއްޖޭގެ މަޝްހޫރު ބޭންޑް ޓްރެފިކް ޖޭމް އާއި މޭނާ ހައްސާން އަދި ސިމްބޮލިކް ރެކޯޑްސްގެ ވަރުގަދަ ހުށައެޅުންތަކެއް ވަނީ ފެނިގެން ގޮއްސަ އެވެ.
ސަގާފީ އަދި ޒަމާނީ މިއުޒިކީ ފަންނާނުންނާ އެކު ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށާފައި މި ވަނީ ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.